ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދަށް ފިޔަވަޅު އެޅުމާއެކު ތައުރީފާއި ހިތްހަމަނުޖެހުން!
ރޭގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، "އަހްލާގީ" މައްސަލައަކާއި ގުޅިގެން ފުރަތަމަ ފަހަރަށް މިނިސްޓަރަކު މަގާމުން ވަކިކުރުމަށް ނިންމަވާފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން، އިސްތިއުފާ ދެއްވުމަށް އަންގަވާފައިވާކަން ހާމަކުރައްވާ، ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް އެ މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ، މުވައްޒަފުންތަކެއް ރައީސް ސޯލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެއާއެކު މީޑިއާގައި ތިލަވެގެން އައީ މާ ސީރިއަސް ވާހަކަތަކެކެވެ. މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާއި އާއި ފުރައްސާރަ، މުވައްޒަފުންނަށް ކުރި ކަމުގެ ތުހުމަތެވެ. ރައީސް ސޯލިހަށް އެތަނުގެ މުވައްޒަފުން ވަނީ، މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކަތަކުގެ ތަފްސީލު ހިއްސާކުރައްވާފައިވާ ކަމަށް ދަނީ ބުނަމުންނެވެ. އަދި އެ ނިންމެވުން ރައީސް ނިންމެވި ސަބަބަކީ ވެސް އެއީ ކަމަށް ދަނީ ބުނަމުންނެވެ. 

އޮފީސް ދަތުރުތައް ގޮސް، އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރުމާއި މަސައްކަތުގެ މާހައުލުގެ ތެރޭގައި ވެސް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ފަދަ ހުތުރު އަމަލުތައް ހިންގި ކަމުގެ ތުހުމަތު، އަލީ ވަހީދުގެ މައްޗަށް ދަނީ ކުރަމުންނެވެ. 

މިއީ މި ކެބިނެޓުގެ ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވި ފުރަތަމަ ފަހަރެވެ. ބެލެވޭ ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެފަދަ ބޮޑެތި ތުހުމަތުތަކާއެކު މިނިސްޓަރަކު މަގާމުން ވަކިކުރަން ރައީސްއަކު ނިންމެވި ފުރަތަމަ ފަހަރެވެ. 

ރައީސްގެ އެ ނިންމެވުމާއެކު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެ ނިންމެވުމަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ކުރި ޓްވީޓެއްގައި ބުނީ މަސައްކަތުގެ މާހައުލަކީ މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ އާއި ގޯނާއިން ރައްކާތެރި ތަނެއްކަން ކަށަވަރު ކޮށްދިނުމަކީ ކިހާ މުހިންމު ކަމެއްކަން މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދީފައިވާ ކަމަށެވެ. އަދި އެ އިތުބާރު ރައްޔިތުންނަށް ދެއްވި ކަމަށްޓަކައި ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮންމެއަކަސް، މިފަދަ ސީރިއަސް ތުހުމަތުތަކެއް ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަން ކުރައްވާ އަލީ ވަހީދުގެ މައްޗަށް ކުރެވޭއިރު، މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި އެންގުމާއެކު އަލީ ވަހީދު ކުރެއްވި ޓްވީޓުގައި ވަނީ "ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ" ކަމަށް ވިދާޅުވެފަ އެވެ. 

ރައީސްގެ އެ ނިންމެވުމާއެކު އެކަމަށް ފާޑުކިޔުންތައް އަމާޒުކުރި ފަރާތްތައް ވެސް މަދެއް ނޫނެވެ. ސަބަބަކީ މީގެ ކުރިން ވެސް އަލީ ވަހީދާ ގުޅޭ އެފަދަ މައްސަލަައެއް ފެންމަތިވެފައިވެ އެވެ. ރައްޓެހިން އެއްކޮށްގެން އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު، އަންހެން މިނިސްޓަރަކާ ގުޅިގެން ވަރަށް ހުތުރުކޮށް ވާހަކަ ދެއްކެވި އޯޑިއޯއެއް އާންމުވީ މީގެ މަސްތަކެއް ކުރިންނެވެ. ފޯނު ސްޕީކަރަށް ލައިގެން އިނދެ ވާހަކަ ދައްކާއި، ފޯނު ބޭއްވުމުން ފެށީ، އެ މިނިސްޓަރަށް ނިސްބަތްކޮށް ފުރައްސާރަ ކުރާށެވެ.

އެފަހަރުގެ އޯޑިއޯތަކާއި ގުޅިގެން ވެސް އަލީ ވަހީދު ވިދާޅުވީ، އެއީ އެޑިޓްކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަން ފެށިއިރު އެކަމަށް ވެސް ވީނުވީއެއް ނޭނގެ އެވެ. 

އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެ އޯޑިއޯ އާންމުވުމާއެކު އަލީ ވަހީދު މަގާމުން ވަކި ނުކުރީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. އަލީ ވަހީދުގެ އިތުރުން ވެސް މި ސަރުކާރުގެ ތެރޭގައި އެކަމަށް ތުހުމަތުކުރެވޭ އިތުރު ބަޔަކު ތިބި ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ. އަދި އޭރު ފިޔަވަޅު އެޅިނަމަ އޭގެ ފަހުން ފުރައްސާރަ ކުރިމަތިވި މީހުން ރައްކާތެރި ކުރެވޭނެ ކަމަށާއި ކޮންމެ އިހުމާލަކީ އަނިޔާއެއް ކަަމަށް ވެސް ބުނެ އެވެ.

މަަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ތަންތަނުގެ ވެރިން އަރައިގަންނަމުން އަންނައިރު މިފަހަކާއި ޖެހެންދެން ވެސް މިއީ ދިވެހި އަންހެނުން އެހާ ބޮޑަށް ދައްކާ އުޅުނު ވާހަކަތަކެއް ނޫނެވެ. ވަޒީފާ ގެއްލުމުގެ ބިރު ނުވަތަ "ވިކްޓިމް ޝޭމިން" ގެ ތެރެއަށް ވަނުމުގެ ބިރަށް، އެފަދަ ކަންކަން އަޅާ ނުލާއި ދޫކޮށްލި އެތައް ބަޔަކު އެބަ އުޅެ އެވެ. 

އެކަމަކު، އެކަން ތަކުރާރުވިޔަ ނުދިނުމަށް ނިކަން ހިތްވަރާއެކު ދިވެހި އަންހެނުން ވެސް އަންނަނީ އެފަދަ ވާހަކަތައް މިހާރު ހިއްސާކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް