ads
މަސްވެރިކަން މިއީ ދޫކޮށްލާ ވަރުކަމެއް ނޫން!
“ދެން މަހަށްދޭ ބަލަ!"، "ނުވިއެއްނު ދެން މަހަށްދޭ!"، "ތިކަމާ ނޫޅޭ މަހަށްދާން އުޅޭ!" މިއީ ކުރަން އުޅޭ ކަމެއް ކާމިޔާބު ނުވުމުން ނުވަތަ ކުރަން އުޅުނު ކަމެއް އެންމެ ފުރިހަމައަށް ނުވުމުން ދެރަ ކޮށްލުމުގެ ގޮތުން، ދިވެހިން ބުނެ އުޅޭ ވާހަކަ ތަކެކެވެ. ވިސްނައި ނުލައި ބުނެލާ މި ވާހަކަތަކުން ތަމުސީލު ވަނީ އެހެން ދާއިރާއެކެވެ. ގުޅުވާ ލެވެނީ އެހެން ވާހަކައަކާ އެކެވެ. މިއީ ދިވެހިންގެ ލޭނާރަށް ކުޑައިމީސްވާ ގޮތަށް ބުނެލެވޭ ވާހަކަ ތަކެއްވެސް މެއެވެ. މަސްވެރިކަމަކީ އެހައި ދަށް މަސައްކަތަކީ ހެއްޔެވެ؟ މަސްވެރިކަމަކީ ހުތުރު މަސައްކަތަކީ ހެއްޔެވެ؟ މަސްވެރިންނަކީ "ކަޑަ" ކަމަކީ ހެއްޔެވެ؟
“ދެން މަހަށްދޭ ބަލަ!"، "ނުވިއެއްނު ދެން މަހަށްދޭ!"، "ތިކަމާ ނޫޅޭ މަހަށްދާން އުޅޭ!"

މިއީ ކުރަން އުޅޭ ކަމެއް ކާމިޔާބު ނުވުމުން ނުވަތަ ކުރަން އުޅުނު ކަމެއް އެންމެ ފުރިހަމައަށް ނުވުމުން ދެރަކޮށްލުމުގެ ގޮތުން، ދިވެހިން ބުނެ އުޅޭ ވާހަކަ ތަކެކެވެ. ވިސްނައި ނުލައި ބުނެލާ މި ވާހަކަތަކުން ތަމުސީލު ވަނީ އެހެން ދާއިރާ އެކެވެ. ގުޅުވާ ލެވެނީ އެހެން ވާހަކައަކާ އެވެ. މިއީ ދިވެހިންގެ ލޭނާރަށް ކުޑައިމީސްވާ ގޮތަށް ބުނެލެވޭ ވާހަކަ ތަކެއްވެސް މެއެވެ. މަސްވެރިކަމަކީ އެހައި ދަށް މަސައްކަތަކީ ހެއްޔެވެ؟ މަސްވެރިކަމަކީ ހުތުރު މަސައްކަތަކީ ހެއްޔެވެ؟ މަސްވެރިންނަކީ "ކަޑަ" ބައެއް ހެއްޔެވެ؟

ހަގީގަތަކީ މިއެއް ނޫނެވެ. ދިރިއުޅުމަށް ކުރާނެ އެހެން މަސައްކަތެއް ނެތުމުން އާމްދަނީ ހޯދުމަށް ފިރިހެނުން އެއް ޒަމާނެއްގައި މަސްވެރިކަން ކޮށް އުޅުނު ކަމަށް ބުނެ އުޅެ އެވެ. ނުކިޔަވާ ތިބި އާދައިގެ މީހުން ވެސް އެއް ދުވަސްވަރެއްގައި މަސްވެރިކަން ކޮށް އުޅުނު ކަމަށްވެ އެވެ. ނަމަވެސް، ޒަމާނާއެކު ދިވެހި މަސްވެރިކަމަށް އައި އިންގިލާބީ ބަދަލާއެކު އެކަން މިއަދު ބަދަލު ވެއްޖެ އެވެ. އެއީ މާޒީކަމުގައިވެ ނިމިއްޖެ އެވެ.

މިއަދު ދިވެހިން މަސްވެރިކަން ކޮށްއުޅޭ ގޮތް ބަދަލުވެއްޖެ އެވެ. ފަތިހު މަހަށް ގޮސް، އިރު އޮއްސެން ވާއިރަށް ރަށަށް ލެފުމުގެ ސަގާފަތް މުޅީން ދޫކޮށްލައިފި އެވެ. މިއަދު ދިވެހި މަސްވެރިން ކޮށްއުޅެނީ ދިގު ރާސްތާގެ މަސްވެރިކަމެވެ. ކަޅުބިލަމަހުގެ މަސްވެރިކަމާއި، ބޮޑު ކަންނެލި ފަދަ ތަފާތު މަސްވެރިކަމެވެ.

މަސްވެރި އުޅަނދު ފަހަރު ވަނީ އެެންމެ ޒަމާނީ އާލާތްތަކާއި ފަހުގެ ޓެކުނޮލޮޖީއާއެކު ދިރިއުޅެން ފަހި ތަނަކަށް ބަދަލުކޮށްފަ އެވެ. ބާނާމަސް ތާޒާކަންމަތީ ދެމެހެއްޓޭނެ ގޮތަށް ދޯނިފަހަރުގައި ވަނީ އައިސް ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ. ދޯންޏަށް ބޭނުންވާނެ އައިސް އުފައްދާނެ މެޝިންތައް ކޮންމެ ދޯންޏެއްގައި ހަރުކުރެވޭ ފެންވަރަށް ދޯނިފަހަރަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް، މިއަދު މަސްވެރީން ކުރާ ޝަކުވާއެއް އޮވެ އެވެ. އޮޑިވެރީން ދައްކާ ވާހަކައެއް އޮވެ އެވެ. ޒުވާން މަސްވެރީން މި ދާއިރާއަށް ނުކުންނަ މިންވަރު ނިސްބަތުން މަދުކަމުގެ ވާހަކަ އެވެ. ސްކޫލު ނިންމުމަށް ފަހު މަސްވެރިކަމަށް ގުޅޭ ޒުވާނުންގެ އަދަދު ބޮޑުތަނުން މަދުވާ ކަމުގެ ޝަކުވާތަކެވެ.

"ރާއްޖޭގެ މަސައްކަތުގެ މާހައުލަށް ވިސްނާއިރު، ހަލާލު ގޮތުގައި ފައިސާ ހޯދަން ކުރާން މަސްވެރިކަމަށް ވުރެ ވަކި ރީތި މަސައްކަތެއް ނެތް." އޭލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދައިގެން މަސްވެރިކަމަށް ނުކުތް ޒުވާނެއް ކަމަށްވާ މުޙައްމަދު ފިރާޤު، 25 އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

"ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް މަސައްކަތަކީ ވެސް މަސްވެރިކަން، މިކަމުގެ ހެއްކަކީ މަސްވެރި އާއިލާތައް މާ ތަނަވަސްވެފައި، ދިރިއުޅުމުގެ ހާލަތު ރަނގަޅުވުން." ފިރާގު ބުންޏެވެ.

"މަސްވެރިކަން ރަނގަޅު މޫސުމެއް ނަމަ ގިނަ ފަހަރަށް ހަފުތާއެއްގެ މައްޗަށް 10،000 ނުވަތަ 12،000 ރުފިޔާ ޖެހޭނެ." މާލޭ ސަރަހައްދުގައި ކަންނެލި ދޯންޏެއް ދުއްވާ އަބުދުލް އަޒީޒު، (އަޒީބެ) 56 ކިޔައިދިނެވެ.

"ބޮޑު ކަންނެލީގެ މަސްވެރިކަން ތަޖުރިބާ ކޮށްލަން މި ދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 8 ދުވަހަށް ބޮޑުކަންނެއްޏަށް ދިޔައިން. 4 ޓަނު ކަންނެލި ބޭނުނު. 1 ޓަނު ރިޖެޓްގެ ގޮތުގައި ނެގި. ގެއަށް ގެންދަން 8000 ރުފިޔާ ލިބުނު." ރާއްޖޭގެ އުތުރުން މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ހއ. އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބުދުއްސަމަދު، އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

ހަފުތާއެއްގެ މައްޗަށް އަށެއް ނުވަތަ ބާރަ ހާސް ރުފިޔާ ޖެހޭނަމަ އެއީ، މަހެއްގެ މައްޗަށް ސާޅީހެއްހާ ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ބައިލައްކައާ ގާތް ކުރާ އަދަދެކެވެ. މިއީ އޮފީސްތަކުގެ ވަޒީފާގައި އުޅޭ މުސާރަވެރިންނަށް އެއް އަހަރާ ގާތް ކުރާއިރު ވެސް އެއް ނުކުރެވޭނެ އާމްދަނީ އެކެވެ. އެހެންވީމާ އެހެނިހެން ދާއިރާތަކާ ބަލާއިރު މަސްވެރިކަމުން ލިބޭ ނަފާ ބޮޑެވެ. ދެން އުފެދޭ ސުވާލަކީ ޒުވާނުން މި މަސައްކަތާ ދުރުވަނީ ކީއްވެތޯ އުފެދޭ ސުވާލެވެ.

"އަށްޑިހައިގެ އަހަރުތަކުގައި މަސްވެރިކަން ކުރާން ގެންގުޅުނު އުޅަނދު ފަހަރަކީ ޒުވާނުން އެ އުޅަނދު ފަހަރުގައި މަސައްކަތް ކުރާ ހިތްވާ އަދި އެކަމަށް ޝައުޤުވެރި ނުވާ އުޅަނދު ފަހަރަށް ވުން." މަސްވެރިކަމާ ގުޅޭ ދަރިވަރުންގެ ފޮތްތައް ލިޔުއްވި އަހްމަދު ރިޔާޒް ޖައުހަރީގެ ޚިޔާލު ފާޅުކުރެއްވި އެވެ. ނަމަވެސް ރިޔާޒު އެ ފާހަގަކުރެއްވި ހާލަތު މިހާރު ބަދަލުވެެއްޖެ އެވެ. މަސްވެރިކަން ކުރާ އުޅަނދުފަހަރު މިހާރު އެއްކޮށް ބަދަލުވެއްޖެ އެވެ. ތިންވަނަ ޖީލުގެ މަސްދޯނިތައް ތައާރަފުވުމާއެކު ޒަމާނީ ގެއަކުން ލިބޭނެ ހުރިހާ ޚިދުމަތެއް މިހާރު މަސްދޯނި ފަހަރުން ލިބެން ހުރެ އެވެ. ނަމަވެސް އަދިވެސް މަސްވެރިކަމަށް ޒުވާނުން ނިކުންނަ މިންވަރު އިތުރެއް ނުވެ އެވެ.

"މަސްވެރިކަމަށް ޒުވާނުން ޝައުގުވެރި ނުކުރެވެނީ. މަސްވެެރިކަމުން އާއްމުދަނީ ލިބޭ ވަރު ވެސް ޒުވާނުންނަށް ނޭނގެނީ. ހީވަނީ މަސް ނުބެވޭނަމަ އެއްޗެއް ނުލިބޭނޭ. ހަގީގަތަކީ އަބަދު އެއްވަރަށް ނުލިބުނަސް ލިބޭ އިރު ގިނައިން ލިބޭކަން. އެހެންވީމަ އެވުރެޖްކޮށް ވަޒީފާއަށްދާ މީހަކަށް ލިބޭވަރަށް ވުރެ ގިނައިން ލިބޭނެ." އަޒީބެ އޭނާގެ ޚިޔާލު ހިއްސާކުރި އެވެ.

"ފިޝަރީޒް ސައިންސް ނޫނީ މެރިން ސައިންސް އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ރާއްޖޭގައި އެބަ ކިޔަވައިދެވޭ. އެ މާއްދާ ކިޔަވާ ކުދީން ވެސް މަސްވެރިކަމާ ވަރަށް ދުރު. އެކަމަށް ޝައުޤެެއް ނުހުރޭ." ޒުވާން މަސްވެރިޔާ މުހައްމަދު އަލީ، 27، އޭނާގެ ޚިޔާލު ފާޅުކުރި އެވެ.

"1984ގައި ފިޝަރީޒް ސައިންސް މާލޭގެ ދެ ސުކޫލަަކަށް ތަޢާރަފު ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކަށް ވެގެން ދިޔައީ ސްކޫލުތަކުން ކިޔަވާ ނިންމާ ކުދީން މަސްވެރިކަމުގެ ދާއިރާއަށް ޝަޢުޤުވެރިކަން އިތުރުކުރުން. ފަހުން މި މާއްދާއަށް އިސްލާހުތަކެއް ގެނެވި މެރިން ސައިންސްގެ ނަމުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކިޔަވައިދެމުންދޭ." ކަނޑުފަޅުތަކާ ގުޅޭ ގޮތުން ދިރާސާކުރައްވާ ތަޖުރިބާކާރު ދިރާސާވެރިޔާ އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާގެ މާއްދާ ކިޔަވާ ކުދީން ވެސް ވަކި މަދެއް ނޫނެވެ. އެ މާއްދާ ކިޔަވާ ކުދީން ވެސް މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަ މިންވަރު މަދުވުން މިއީ ބައެއް މީހުންގެ ނަޒަރުގައި މައްސަލަ އެކެވެ. އަނެއް ބައި މީހުން ދެކޭ ގޮތުގައި މަސްވެރިކަމުގެ މާއްދާއެއް ކިޔެވުމަކީ ކޮންމެހެން ދޯނީގައި ހަރަކާތްތެރިވާން ޖެހޭނެ ކަމަކަށް ވެގެން ނުވާނެ އެވެ. މި މާއްދާ ކިޔަވާ ކުދީންނަށް މަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތް ކުރެވޭނެ އެވެ. ނަމަވެސް މަސްވެރިކަމުގެ ދާއިރާގައި އަމަލީ ގޮތެއްގައި މަސައްކަތް ކުރާ ޒުވާނުން އިތުރުކޮށްގެން ނޫނީ މަސްވެރިކަން ދެމެހެއްޓިދާނެތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ.

"މައްސަލައަކީ އަމަލީ ބައި މަދުވުން. ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސަށް ދަރިވަރުން ޝައުޤުވެރި ކުރުވަން އެ މާއްދާ ކިޔަވާ ކުދީން ގްރޭޑް 10 ނިމޭއިރު، މަދުވެގެން 5 ދުވަހު މަސްވެރިކަމުގެ އަމަލީ މަސައްކަތް ފުރިހަމަ ކުރާ ގޮތް ހެދުން މުހިއްމު." ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު، ޑެޕިއުޓީ ޕްރިންސިޕަލް ސަމަދު އޭނާގެ ޚިޔާލު ހިއްސާކުރި އެވެ.

"މުޖުތަމައު ދެކޭ ގޮތް ވެސް ބަދަލު ކުރާން ޖެހޭ. ބައެއް މައިންބަފައިން ބޭނުންވަނީ ދަރިފުޅަކީ ޓައީ އެޅި ވަޒީފާއަށްދާ ކުއްޖަކަށްވާން. އެ ހެޔޮ މަސް ނިމޭއިރު ގެއަށް ގެންދަން ތިންހާސް ރުފިޔާ ލިބުނަސްް." މުހައްމަދު އަލީ އޭނާ ދެކޭ ގޮތް ވެސް ބުނެދިނެވެ.

މަސްވެރިކަމަށް ކިޔަވާ ކުދީން ޝައުގުވެރި ކުރުވުމުގެ އިތުރުން މަސްވެރިކަމުން ލިބޭ އާމްދަނީއާ މެދު މައިންބަފައިން ވެސް ހޭލުންތެރިކުރުވުން މުހިއްމު ކަމަށް ފެނެ އެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ ޒުވާނުން ހަރަކާތްތެރިވާ އެހެނިހެން ދާއިރާތަކަށް ވުރެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ހުރި ފަސޭހަ ގޮތްތައް ވެސް އާއްމުންނާ ހަމައަށް ތިލަ ކުރަން ޖެހެ އެވެ.

"މަސްވެރިކަމަށް ނުކުންނަ ޒުވާނުން ދެކޭ ގޮތުގައި ޓުއަރިޒަމް ދާއިރާއަށްވުރެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގައި ޝައުޤުވެރިވަނީ، މަހަށްދާއިރު އާއިލާއަށް ކަމެއް ޖެހުނަސް ފަސޭހަކަމާއެކު ރަށުގައި މަޑުކޮށްލާ އާއިލާގެ ކަންތަކަށް އަޅައިލެވި އަދި މިހާރު މަސްވެރިކަމުގައި ބޭނުންކުރާ އުޅަދަނދު ފަހަރު ފުރިހަމަ ކަމުން." މަސްވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރު އަހްމަދު ރިޔާޒު ޖައުހަރީ ފާހަގަކުރެއްވި އެވެ.

ޒުވާން މަސްވެރިން އިތުރުކުރަން ބޭނުންވާނަމަ މަސައްކަތްތަކެއް ކުރާން ޖެހެ އެވެ. ތައުލީމީ ދާއިރާއިން ވެސް މިކަމަށް އިތުރު ވިސްނުންތަކެއް ގެންގުޅެން ޖެހެ އެވެ. މަސްވެރިކަމުގެ އަމަލީ މަސައްކަތްތަކަށް ދަރިވަރުން ހޭނުވުމާއި ހިތްޖެއްސުމުގެ ހަރަކާތްތައް އިންތިޒާމު ކުރަންޖެހެ އެވެ. ބެލެނިވެރިންނާއި މުުޖުތަމައުގެ ދައުރު ވެސް ވަކި ކުޑައެއް ނޫނެވެ. އެހެންމެ، މަސްވެރިންނަށް ވެސް މިކަމަށް މަސައްކަތްތަކެއް ކުރެވިދާނެ އެވެ. މަސްވެރިކަމުން ލިބޭ އާއްމުދަނީގެ ވާހަކަތައް ޒުވާނުންނަށް ހިއްސާކޮށް ޒުވާނުން އެކަމަށް ލޯބި ޖެއްސުވިދާނެ އެވެ. ޒަމާނާއެކު މަސްވެރިކަމަށް އަންނަމުންދާ ބަދަލުތަކަށް ފައިހަމަ ކުރެވޭ އިލްމީ ސިކުނޑިތަކަށް އޮޑިދޯނިފަހަރުން ޖާގަ އޮތްކަމަށް ވިސްނައިދޭންޖެހެ އެެވެ. މެޝީންތަކާއި ޒަމާނީ އާލާތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ އޭރުންނެވެ. މީޑިއާގެ މަންސަތަކުގައި ވެސް މަސްވެރިންގެ އަގު ވަޒަންކޮށް ގައުމީ ލޭނާރުގެ އަޑު އިތުރުކުރާން ޖެހެ އެވެ. މަސްވެރިންނަށް އިޚްތިރާމު ދޭން ޖެހެ އެވެ. މަސްވެރިކަމަށް ޒުވާން ހުނަރުވެރި އިލްމީ މަސްވެރިން ނެރެ ޒުވާން މަސްވެރިން ބާރުވެރި ބަޔަކަށް ހަދަންޖެހެ އެވެ. އޭރުން، ދެރަކޮށްލުމުގެ ގޮތުން ވިޔަސް އެނޫން ގޮތަކުން ވިޔަސް "ދެން މަހަށްދޭ"، "ނުވިއެއްނު ދެން މަހަށްދޭ!"، "ތިކަމާ ނޫޅޭ މަހަށްދާން އުޅޭށޭ" ބުނެ ދައްކާ ވާހަކަތަކުގެ އަޑު ހިނދިގެންދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް