ads
ޔުމްނާ މައުމޫން--
މަސައްކަތުގެ މާހައުލު ވާންވާނީ އަބުރުވެރި ތަނަކަށް: ޔުމްނާ
މަސައްކަތުގެ މާހައުލު ވާންވާނީ ރައްކާތެރި އަބުރުވެރި ތަނަކަށް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ މައްސަލައަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވާފައިވާ ފިޔަވަޅަށް ތާއީދުކުރައްވާ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ނިންމުމަކީ ރައީސް ސޯލިހުގެ "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތު ދައްކުވާދޭ ކަމެއް ކަމަށެވެ. އަދި މަސައްކަތުގެ މާހައުލު ވާންވާނީ ރައްކާތެރި އަބުރުވެރި ތަނަކަށް ކަމަށްވެސް މިނިސްޓަރު ވިދާލުވެފައި ވެއެވެ.

"މަސައްކަތުގެ މާހައުލު ވާންވާނީ ރައްކާތެރި އަބުރުވެރި ތަނަކަށް. މި ފެނިގެން ދިޔައީ މިކަން ކަށަވަރު ކޮށްދެއްވުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު. މި ފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދެއްވުމަށް ފުލުހުންނަށް ގޮވާލަން." މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވި ކަމަށާއި، ނަމަވެސް އޭރުގެ ސަރުކާރުން އެކަން ބަލައިނުގެން، މައްސަލަ ތަހުގީގުކޮށް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށް ނިންމި ކަމަށެވެ. އެއާ ހިލާފަށް މިއަދު އަންހެނުން ހިމާޔަތް ކުރުމަށް ރައީސް ސޯލިހް ނިންމަވާ ހަރުދަނާ ނިންމެވުންތަކަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސޯލިހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން، އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވީ އިއްޔެގެ ވަގުތެއްގަ އެވެ.

މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވި ފުރަތަމަ ފަހަރެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް