ރައީސް ޔާމިނަށް އިއްވާފައިވާ ސިޔާސީ ހުކުމާ ދެކޮޅަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުރަހީމް ވިދާޅުވީ ޔާމިންއަށް މި ސަރުކާރުން އަނިޔާ ކުރަނީ ދިވެހި ރާއްޖޭގެ ފަސް އަހަރު ވެރިކަންކުރެއްވީމަ ނޫންކަމަށެވެ. އަދި ބަންދުގައި ބަހައްޓަނީ އިދިކޮޅު ސިޔާސީ ލީޑަރަށްވީމަ ނޫންކަމަސް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުރަހީމް ވިދާޅުވީ ޔާމިން މިނިވަންކަމާއެކު ހުރެއްޖެނަމަ ސަރުކާރުގެ ނުކުޅެދުންތެރިކަން ރައްޔިތުންގެ ސިކުނޑިއަށް ތިލަކޮށްދީފާނެތީ އެމަނިކުފާނު ޖަލުގައި ބަހައްޓާފައިވާކަމަށެވެ.
އޭގެ އިތުރުން އަބްރަހީމް ވިދާޅުވީ ޔާމިން މި ގައުމުގެ ވެރިކަމަށް ގެންނަން ބޭނުންވަނީ އިސްލާމްދީނާ ދެކޮޅަށް އުފުލާ އަޑު ހުއްޓުވުމުގެ އިތުރުން ގައުމުގައި ސުލްހަ މަސްލަހަތު ގާއުމުކުރުމަށްކަމަށެވެ. އެގޮތުން މި މަހުގެ 17 ވާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ އެމަނިކުފާނުގެ ރައީސްކަމަށް ގެނައުމަށް ބާއްވާ ކެމްޕޭނުގެ ފެށުންކަމަށް އޭނާ ވިދާޅުވި އެވެ.