ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ސަރުކާރާއި އ.ދ ގުޅިގެން ދެ ޕްރޮޖެކްޓެއް ހިންގަނީ
އަށާވީސް މިލިއަން ރުފިޔާގެ ދެ ޕްރޮޖެކްޓެއްގެ ޕްރޮޖެކްޓް ޑޮކިއުމެންޓްގައި ދިވެހި ސަރުކާރާއި މާލޭގައި ހުންނަ އދގެ އޮފީހުން ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓާ ކެތަރިން ހެސްވޯލް އެވެ.

މިއަދު ސޮއިކުރި ދެ ޕްރޮޖެކްޓުގެ ތެރެއިން ފުރަތަމަ ޕްރޮޖުކްޓަކީ ޖޮއިންޓް އެސް.ޑީ.ޖީ ފަންޑުން ހަރަދުކުރާ ޕްރޮޖެކްޓެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން މިއީ މޫސުމީ ބަދަލުތަކާއި، އިޖްތިމާއީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވޯކް އެއްގެ މަސައްކަތް ކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި، އދގެ އެޖެންސީތަކާ އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. 

މިއަދު ސޮއިކޮށްފައިވާ ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނާ ޓްރަސްޓް ފަންޑުން ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް