ads
ސައުދުﷲ--
ގޭމްގެ އެސްޖީ ސައުދުﷲގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު!
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުންނެވި މޫސާ ނާސިހް އެ މަގާމުން އިސްތިއުފާ ދެއްވީ، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލް ސައުދުﷲ އަހުމަދު ހަސަން ދީދީގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއް ބެލުން ލަސްވުމުން ކަން ހާމަވެއްޖެ އެވެ.

ނާސިހް މިއަދު ސީއެންއެމް އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އެ އެސޯސިއޭޝަނުގެ އިސް ބޭފުޅެއްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއް ބެލުން ލަސްވެ، އެސޯސިއޭޝަނުގެ މޫނުމަތި ރީތިކުރުމަށް ކަމަށް ބުނެ އެ މައްސަލަ އޮއްބާލުމަށް އެކްސްކޯގެ ބައެއް މެމްބަރުން މަސައްކަތް ކުރާތީވެ، އެކަން އެގޮތަށް ކުރުމަކީ އަމިއްލަ ނަފްސަށް ގަބޫލު ނުކުރެވޭ ކަމަކަށް ވާތީ ކަމަށެވެ.

ތުހުމަތުތައް ކުރެވެނީ އެސޯސިއޭޝަނުގެ ކޮން މަގާމެއްގައި ހުރި ބޭފުޅަކަށް ކަމެއް ނާސިހު ވިދާޅެއް ނުވެ އެވެ. އެކަމަކު އެ ތުހުމަތުތައް ކުރެވެނީ ސެކްރެޓަރީ ޖެނަރަލް ސައުދުގެ މައްޗަށް ކަން ސީއެންއެމް އަށް ޔަގީންވަނީ، އެ ތުހުމަތުތަކާއި ގުޅިގެން އޭނާ މަގާމުގެ މައްސޫލިއްޔަތު ތަކުން ދުރުކޮށް، ސަސްޕެންޑް ކުރިކަން އަންގާފައިވާ ސިޓީއެއްގެ ކޮޕީ ލިބިފައިވާތީ އެވެ.

ނާސިހް ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ، އެކަން ދިމާވި ކުއްޖާ އެ ވާހަކަތައް އެކްސްކޯގެ ދެ މެމްބަރަކަށް ކިޔައިދިނުމުން، މިދިޔަ މަހުގެ 17 ގައި ކަމަށެވެ. އަދި އެކަން އެ ދެ މެމްބަރުން އެކްސްކޯގެ ސަމާލުކަމަށް ގެނައުމާ އެކު، އިންޓާނަލް ކޮމިޓީން އެ މައްސަލަ ބެލި ކަމަށެވެ. އަދި އިންޓާނަލް ކޮމިޓީން މައްސަލަ ބެލުމަށް ފަހު ކޮމިޓީގައި ތިބި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ރިޕޯޓް ފާސްކުރި ކަމަށް ނާސިހް ވިދާޅުވި އެވެ.

"ރިޕޯޓް ފާސްކުރީމާ ދެން އެ މައްސަލަ ދާނީ އެކްސްކޯ އަށް. އެކްސްކޯ އިން އެ ރިޕޯޓު ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ. އެކްސްކޯގައި 15 މެމްބަރުން ތިބޭރި އޭގެ ތެރެއިން 7-8 މެމްބަރުންގެ ވިސްނުން ހުރީ އެސޯސިއޭޝަން ބަދުނާމު ވެދާނެތީވެ، އެ މައްސަލަ އޮއްބާލުމަށް. އެއީ އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫން ވީމާ އިސްތިއުފާ ދިނީ،" ނާސިހް ވިދާޅުވި އެވެ.

ނާސިހް ވިދާޅުވީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ، ވިކްޓިމް އަށް ބިރު ދެއްކި ކަން ވެސް ފާހަގަވާ ކަމަށެވެ. އެގޮތުން ވިކްޓިމްގެ އާއިލާ އަށް ވެސް ގުޅައިގެން އެ މައްސަލަ ހުއްޓުވަން އޭނާ މަސައްކަތް ކުރި ކަމަށް ނާސިހު ތުހުމަތު ކުރެއްވި އެވެ.

"ވިކްޓިމް މި މައްސަލަ ޖެއްސީ އެސޯސިއޭޝަނުގެ ވަޒީފާ އަށް އަންނަ ކުއްޖަކަށް މިކަން ދިމާވެދާނެ ކަމުގެ ބިރު އޮތުމުން އެކަން ހުއްޓުވަން. ވިކްޓިމް ބޭނުންވަނީ އެކަން އެސޯސިއޭޝަނުން ބަލައިދިނުމަށް. ދެން އިތުރަށް ފުލުހަށް ހުށަހަޅާނަމަ އެކަން ކުރަން ބޭނުންވަނީ އެސޯސިއޭޝަނުން ބޭރުން ކަމަށް ވެސް ވިކްޓިމް ބުނޭ. އެހެންވީމާ އަޅުގަނޑު އެ މައްސަލަ ފުލުހަށް ހުށަނާޅާ އޮތީ،" ނާސިހް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ނަން ހާމަނުކޮށް މައުލޫމާތު ދެއްވި ގެސްޓް ހައުސް އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ނާސިހު އިސްތިއުފާ ދޭންޖެހޭ ހިސާބަށް އެއްވެސް ކަމެއް ގޯސް ނުވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވި ހިސާބުން ބަލަމުން އަންނަ ކަމަށާއި، ތުހުމަތު ކުރެވޭ މީހާ ހުރީ ސަސްޕެންޑް ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީއެންއެމް އިން ގުޅުމުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސައުދު ދޮގު ކުރެ އެވެ. އަދި ލޯޔަރުގެ ފަރާތުން ނޫސް ބަޔާނެއް ނެރޭނެ ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް