ads
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ފެއިލްވެފައިވާ މުވައްސަސާތަކަކުން ރައްޔިތުންނަށް ރަނގަޅުކަމެއް ނުކޮށްދެވޭނެ: އިދިކޮޅު
ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅި ނަމަވެސް މި ސަރުކާރުގައި މުވައްސަސާތައް ވަނީ ފެއިލްވެފައި ކަމުން، ރައްޔިތުންނަށް ރަނގަޅުކަމެއް ކޮށްނުދެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު، ހީނާ ވަހީދު ވިދާޅުވީ، މުޖުތަމައުގައި މިހާރު ހިނގަމުން އަންނަ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށާއި، ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވަމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތަކުގެ ސަބަބުން ވަޒީފާގެ މާހައުލަށް ނިކުތުމަށް ވެސް އަންހެނުން ފަސް ޖެހޭ ކަމަށެވެ. 

ހީނާ ވިދާޅުވީ، އިދިކޮޅުން އަންނަނީ އެފަދަ ހައްސާސް މައްސަލަތަކާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކާއި ވެސް މަޝްވަރާކުރަމުން ކަމަށާއި އަދި އެގޮތުން އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ނޫސްބަޔާންތައް ވެސް ނެރެމުން އަންނަ ކަމަށެވެ. 

އެކަމަކު، އެ މަސައްކަތްތަކުގެ ނަތީޖާ ނެރެވިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލެއްގައި ހީނާ ވިދާޅުވީ، އަދި އެކަމުގެ ސަބަބުން ނަތީޖާއެއް ނުނެރެވޭ ކަމަށް ހީނާ ވިދާޅުވި އެވެ. އެގޮތުން، ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއް ފެއިލްވުމުން ދެން ނަތީޖާ ނެރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށް ހީނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން، ޖިންސީ ތުހުމަތުތަކާއެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު މަގާމުން ވަކިކުރުމާއި ގުޅިގެން ހީނާ ވިދާޅުވީ، ކެބިނެޓްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުން އެކަމާއި ގުޅިގެން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. 

އަދި ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި އެކަމުގައި ޝާމިލުވާ މީހުން ތިބީ ދޫވެފައި ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މި ސަރުކާރުން ނުދެކޭ ކަމަށާއި އެގޮތުން ކޮންމެ ކަމެއްގައި ވެސް ފެނިގެން ދަނީ "ޕަބްލިކް ޕްރެޝާ" ކަމަށެވެ. އަދި ކަމާއި ބެހޭ ފަރާތްތަކުން އެފަދަ މައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން އަންހެނުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ގެއްލިގެންދާ ކަމަށެވެ. އަދި އަންހެނެއްގެ ހައިސިއްޔަތުން އެކަމާއި ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް