ads
މާވެޔޮ މިސްކިތް--
މާވެޔޮ މިސްކިތް ހުޅުވައިފި
މިއަދު އަސުރު ނަމާދުގެ ޖަމާއަތާއިއެކު މާވެޔޮ މިސްކިތުގައި ނަމާދުކުރަން ފަށައިފިއެވެ.

މިސްކިތް މިއަދު ހުޅުވާނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު އަހްމަދު އަލީ ޒާހިރު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

މާވެޔޮ މިސްކަތަށް ކުރިން މަސްޖިދުލް ބަހާއުއްދީން ކީނަމަވެސް މިހާރު ވަނީ މަސްޖިދުލް އަލީ ހުސައިންގެ ނަމަށް ބަދަލުކޮށްފައެވެ.

މިސްކިތުގެ ނަން ބަދަލުކޮށްފައި މިވަނީ މިސްކިތް އިމާރާތްކުރި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ބައްޕަގެ ހަނދާނުގައި އިމާރާތްކޮށްފައިވާ މިސްކިތަކަށް ވުމުންނެވެ.

ދައުލަތުން 17 މިލިއަން ހަރަދުކޮށްގެން އެ މަސައްކަތް ކުރަން އޮތް ނަމަވެސް އެތަނުގެ މަސައްކަތް ނިންމާފައި ވަނީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ އަމިއްލަ ހަރަދުގަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިސްކިތް އެއްކޮށް ނިންމާލުމަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަވެއެވެ. ނަމަވެސް މިސްކިތް އިމާރާތް ކުރެއްވި ފަރާތުން ބުނީ އެ އަދަދު ހާމަކުރަން ބޭނުންނުވާކަމަށެވެ.

އޭރު މާވެޔޮ މިސްކިތަކީ 400 އެއްހާ މީހުންގެ ޖާގައިގެ މިސްކިތަކަށް ވާއިރު މިހާރު އެތަނުގައި ދެހާހެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ.   

ކުރިން ދެ ބުރިއަށް ހުރި މާވެޔޮ މިސްކިތް 2016 ވަނަ އަހަރުގެ ތެރޭގައި ތަޅާލައި އެތަނުގައި ފަސް ބުރީގެ އިމާރާތެއް އަޅަން ނިންމި އެވެ. އެކަމަކު ފަހުން ވަނީ މިސްކިތް އިމާރާތް ކުރާނީ ހަތް ބުރިއަށް ކަމަށް ނިންމާފަ އެވެ. 

މި މިސްކިތަކީ ފިރިހެނުންގެ އިތުރުން އަންހެނުންނަށް ހާއްސަކުރެވިގެން އިމާރާތް ކުރެވިފައިވާ މިސްކިތަކަށް ވާއިރު ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރުމަށް ބައެއް ފަންގިފިލާތައް ހާއްސަކޮށްފައި ވާކަމަށް އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. އަދި ހުރިހާ ފަންގިފިލާއެއް އޭސީކޮށްފައި ވާއިރު މިސްކިތުގައި ލިފްޓްވެސް ހަރުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް