ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މާލޭގައި މިވަގުތު އެންމެ ރަނގަޅުވާނީ ގައިދުރުކޮށް ތިބެ ނަމާދުކުރުން: ޝަހީމް
މާލޭގައި ޖަމާއަތުގައި ނަމާދު ކުރާއިރު މިވަގުތު އެންމެ ރަނގަޅީ ގައިދުރުކޮށް ތިބެ ނަމާދުކުރުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްްމަދު ޝަހީމް އަލީ ސައީދު، ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ބަލީގެ ހާލަތު މިވަގުތު އޮތް ގޮތުން ޖަމާއަތުގައި ނަމާދުކުރާއިރު އެންމެ ރަނގަޅީ ގައިދުރުކޮށް ތިބެ ނަމާދުކުރުން ކަމަށް ދެކޭ ކަމަށެވެ. އަދި ޖުމްހޫރީ ދަންނަ ބޭކަލުން ދެކިވަޑައި ގަންނަނީ ބަލިފެތުރިފައިވާ ސަރަހައްދުތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށްގެން ތިބުންކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމީ ދުނިޔޭގެ އިސްލާމިކް ރަސްމީ އިދާރާތަކުންނާއި ޖުމްހޫރީ އިލްމުވެރިންގެ ނިންމުންތަކަށް ދިވެހީން ބޯނުލަބަންވީ ކީއްވެތޯ ޝަހީމް ވަނީ ސުވާލު އުފައްދާފައެވެ.

"ބަލި ފެތުރިފައި އޮތް ސަރަހައްދުތަކުގައި ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ބަހައްޓައިގެން ސަފު ހެދުމުގެ ކަންތަކުގައި އިސްލާމީ ރަސްމީ އިދާރާތަކާއި ޖުމްހޫރީ ފިގްހުވެރިންގެ ނިންމުންތަކަށް ދިވެހި ރާއްޖެއިން ރިޔާޔަތް ނުކުރަނީ ކީއްވެބާއޭ ހިތަށް އަރާ!" ޝަހީމް ކޮށްފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.

ގައިދުރުކޮށް ތިބެ ނަމާދު ކުރުމަކީ މިޒަމާނުގެ ފިގުހީ މައްސަލައެއް ކަމުން މިކަމުގައި ތަފާތު ރައުޔުތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށް ޝަހީމް މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. އަދި ކޮންމެ ފިގުހުވެރިޔަކު ވެސް ހާމަކުރާނީ އެ ބޭފުޅަކަށް ލިބިވަޑައިގެންފައިވާ އިލްމީ ހުއްޖަތުގެ މައްޗަށް ބުރަވެ އެބޭފުޅަކަށް ފެނިވަޑައިގަންވާ އެންމެ ރަނގަޅު ރައުޔު ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި މިސްކިތްތައް ބަންދުކުރުމާއި، ނަމާދުގެ ޖަމާއަތް ހުއްޓާލައި ގިނަ ދުވަސްވަންދެން ތިބުމުގެ ބަދަލުގައި ގައިދުރުކޮށް ތިބެ ނަމާދު ކުރަން ފަށާފައި ވާކަމަށެވެ. އަދި ޒަމާނީ މިފަދަ ކަންކަމުގައި ތަފާތު ރައުޔުތައް ހުރުމަކީ އިސްލާމީ ސަރީއަތުގައި އިޖުތިހާދު ކުރުމަށް ދީފައިވާ ތަނަވަސްކަން ދޭހަކޮށްދޭ ކަމެއް ކަމަށާއި ކޮރޯނާ ވައިރަސް ފެތުރިގެން ދިއުމުގެ ސަބަބުން ދީނީ ބައެއް އަޅުކަންތައް އެއިގެ ކުރިން ފުރިހަމަކޮށް އަދާ ކުރަމުން ދިޔަ ގޮތަށް އަދާ ކުރުމުގައި ދަތިތަކެއް މެދުވެރިވެފައިވާކަން ފާހަގަކުރެއްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް