ads
ޕީއެސްއެމް ފޮޓޯ --
އުދައިގެ އަސަރު ބޮޑުވެ ނޫމަރާ ފަޅުގައި ހުރި ދޯނިތައް އެއްގަމަށް
ރަށަށް އުދައަރާއި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ށ. ނޫމަރާ ފަޅުގައި އަޅާފައިވާ ދޯނިތައް އެއްގަމަށް އަރުވައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބުދުﷲ ވިދާޅުވީ އެރަށުގެ ފަޅުގައި އަޅާފައިވާ ހުރިހާ އުޅަނދެއް މިހާރު އެއްގަމަށް އަރުވާފައިވާ ކަމަށެވެ. އަދި އުދައިގެ އަސަރު ރަށުގެ ބައެއް ހިސާބުތަކަށް ކޮށްފައި ވީނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އުދާގެ އަސަރު ކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ.

ހަސަން ވިދާޅުވީ އެރަށުގެ ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރަށް ގެއްލުންތައް ލިބެމުންދާތީ މިއަދު ދިޔަވަރު އެންމެ ބޮޑުވި ވަގުތު އުޅަނދުތައް ބަނދަރުގެ އެއްގަމުތޮށި ކައިރިން، ބަނދަރު މައްޗަށް ނަގާފައިވާ ކަމަށެވެ. އަދި މި މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ ބަނދަރުގައި އަޅާފައިވާ ލޯންޗުފަހަރާއި ދޯނިފަހަރު ހިމެނޭ ގޮތުން 5 އުޅަނދެއް އެއްގަމަށް ނަގާފައިވާ ކަމަށެވެ. އަދި އުޅަނދުތައް އެއްގަމަށް ނަގާފައި ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތްތައް ކުރާ ކުންފުނީގެ އެސްކަވޭޓަރުތައް ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

ނޫމަރާއަކީ 501 މީހުންގެ އަބާދީ އެއް އޮންނަ ރަށެއް ކަމަށްވެސް ހަސަަން ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް