ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ކޯޓުގައި ޔާމީން އިތުރުފުޅެއް ނުހައްދަވާ، ދެއްކެވީ ވަކީލުން ހިއްސާކުރެއްވި މައުލޫމާތު"
މިދިޔަ ބުދަ ދުވަހު، ހައި ކޯޓުގައި ކުރިއަށްދިޔަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅަކީ ވެސް ވަކީލުން ހިއްސާކުރެއްވި މައުލޫމާތުގެ އަލީގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

އެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ވޮޑުމުލާއަކީ އޮންނަ ރަށެއްކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއީ އޮންނަ ރަށެއްކަންވެސް އެނގިވަޑައިގަތީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. އަދި މައްސަލަ ބެލި ފުލުހުންނަށް ވޮޑުމުލާ ލިބިފައިވަނީ ކޮންބަޔަކަށް ކަން އެނގޭނެ ކަމަށާއި، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަހުމަދު އަދީބުގެ ގާތް އެކުވެރިން ކަމަށެވެ. އަދި އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.  

އެކަމަކު އެކަން އެހާ ޔަގީންކަމާއެކު އެމަނިކުފާނަށް އެނގިވަޑައިގެންނެވި ގޮތެއް އަޑުއެހުމުގައި ވިދާޅުވެފައެއް ނުވާތީ، ރައީސް ޔާމީން އިތުރުފުޅު ހެއްދެވި ކަމަށް ދޭހަވާފަދަ ގޮތަކަށް ދައުލަތުގެ މީޑިއާއިން ދޮގު ހަބަރު ފެތުރިކަމަށް ބުނެ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ މައްސަލައިގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެެއްގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށެވެ. 

ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެ މަނިކުފާނަށް ފުރަތަމަ ފަހަރަށް އެނގިވަޑައިގެންނެވީ އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ދިޔައިރު ކަމަށް ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއިރު ވެސް ވޮޑަމުލާއޭ ކިޔުނު ރަށެކެއްގެ ވާހަކައެއް ފާހަގަކޮށް އެ ރަށާގުޅޭ ގޮތުން އެމަނިކުފާނާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. އަދި ތަހުގީގު ނިންމައި ކުރިމިނަލް ކޯޓުގައި ދައުވާ އުފުލި އިރު ވެސް އެ ރަށުގެ ވާހަކައެއް ދައުލަތުން ފާހަގަކޮށްފައ ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ބަޔާނުގައި ބުނީ އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުޙަލާގެ މެދަކާއި ހިސާބުން ކަމަށާއި އެހެންކަމުން އެރަށުގެ މައުލޫމާތު ރައީސް ޔާމީންއަށް ވެސް އެނގިވަޑައިގަތީ އެ ހިސާބުން ކަމަށެވެ. 

"08 ޖުލައި 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ރަށު ގުޅޭގޮތުން އެ މަނިކުފާނު ހާމަކުރެއްވި މައުލޫމާތަކީ މި ދެންނެވުނު ރަށުގެ މަޢުލޫމާތު އެނގުނު ފަހުން އެ ރަށުގެ ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން އަޅުގަނޑުމެން [ވަކީލުން] ހޯދި މައުލޫމާތު އެ މަނިކުފާނާ އަޅުގަނޑުމެން ހިއްސާކުރުމުން އެމަނިކުފާނަށް މިހާރު (ހައިކޯޓުގެ އަޑުއެހުންތައް ފެށުނު ފަހުން) ލިބިވަޑައިގެންފައިވާ މައުލޫމާތު ތަކެއް،" އެ ބަޔާނުގައި ބުނެ އެވެ. 

ބަޔާނުގައި އިތުރަށް ބުނީ އެރަށް ކުއްޔަށް ދިނީ އަދީބުގެ ގާތް ރައްޓެހިންތަކެއް ކަން މިހާރު އެނގިފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެރަށް ދޭން ބޭނުންވެގެން އޭރު އަދީބު، ރައީސް ޔާމީން ގާތުގައި ދެންނެވިކަމަށް ހައިކޯޓުގައި އެމަނިކުފާނު ވިދާޅުވެފައި ނުވާ ކަމަށެވެ.

އެހެންވެ، އެކަމާއި ގުޅޭ މައުލޫމާތު ހަބަރުތަކުގައި ހިމަނާއިރު ސައްހަ މައުލޫމާތު ހިމެނުމަށް ވެސް ގާނޫނީ ޓީމުން ވަނީ އެދިފަ އެވެ. އަދި ރައީސް ޔާމީންއާ ގުޅޭ ގޮތުން ދޮގު ހަބަރު ފަތުރާއި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅާނުލާ ދޫކޮށްލާނެ ކަންކަން ނޫން ކަމަށައި އެފަދަ ކަންކަމާދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް