ads
ދުވާފަރު-- ފޮޓޯ: އުނގޫފާރު އޮންލައިން
ދުވާފަރުން ޕޮޒިޓިވްވި މީހުންނަށް "އޮޅިގެން" އެންގުނީ ނެގެޓިވް ކަމަށް!
ރ. ދުވާފަރުން މިއަދު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އެމީހުންނަށް އެންމެ ފުރަތަމަ ނެގެޓިވް ކަމަށް ރަށު ސިއްހީ މަރުކަރުން އެންގީ "އޮޅިގެން" ކަމަށް އާއިލާއިން ބުނެފި އެވެ.

އެ އާއިލާގެ މީހަކު މިރޭ ސީއެންއެމްއަށް ބުނި ގޮތުގައި މާލެއިން ރަށުގައި ކަރަންޓީނުވުމަށް ދިޔައީ ދެމަފިރިން ދިޔައީ އެމީހުންގެ އަންހެން އަދި ފިރިހެން ދަރިފުޅާއެކު އެވެ. ނަމަވެސް ދެމަފިރިންނާއި އެމީހުންގެ އަންހެން ދަރިފުޅު ބައްޔަށް ނެގެޓިވްކަމަށް މީގެ ހަވަރަކަށް ދުވަސް ކުރިން އެންގި ނަމަވެސް ފިރިހެން ދަރިފުޅުގެ ނަތީޖާ އޭރު ނުލިބެ އެވެ. 

ފަހުން އާއިލާއިން ގުޅާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، ވަނީ އެ ފިރިހެން ކުއްޖާ ވެސް ބައްޔަށް ނެގެޓިވްކަން މީގެ ހަތަރު ވަރަކަށް ދުވަސްކުރިން އަންގާފަ އެވެ. 

އެކަމަކު މިއަދު ފިރިހެން ކުއްޖާގެ އިތުރު ސާމްޕަލެއް ނަގައި، އެކުއްޖާ ބައްޔަށް ޕޮޒިޓިވްވުމާއި އެކު ކަރަންޓީނުކުރި އެ ތިން މީހުންގެ ސާމްޕަލް ވެސް ނެގި ކަމަށާއި އެއިން ދެމަފިރިން ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިގެންދިޔަ ކަމަށް އާއިލާއިން ބުނެ އެވެ. 

އާއިލާއިން އިތުރަށް ބުނި ގޮތުގައި، ގޭގައި ދަމާފައި ހުރި ޓޭޕްވެސް ނައްޓާލާއި، އެމީހުން ބޭރަށް ދިއުމުގެ ހުއްދަ ސިއްހީ މަރުކަޒުން ދިނުމުން، ކަރަންޓީންވި މީހުން ވެސް ވަނީ ބޭރަށް ނިކުމެފަ އެވެ. އެގޮތުން ފިރިހެން، ރަށުގައި ބައްދަލުނުވާ މީހަކު ނުހުންނާނެ ކަމަށް އެމީހުން ބުނެ އެވެ. އަދި ކުޑަ ފިރިހެން ކުއްޖާ އިއްޔެ ހުކުރު ނަމާދަށް ވެސް ދިޔަ ކަމަށާއި މިއަދު ފަތިސް ނަމާދަށް ވެސް ދިޔަ ކަމަށް އާއިލާއިން ބުނެ އެވެ. 

އޭގެ އިތުރުން އެ ގެއަކީ ވިޔަފާރިއެއް ވެސް ހިންގާ ގެެއެއްކަމުން ފިހާރައިން ވެސް އެތައް ބަޔަކާއި ދިމާވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އަދި އޮޅިގެން އެފަދަ އެންގުމެއް އެންގުމުން އާއިލާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާއިރު، އެމީހުން ވަނީ އެގޭގައި ހައި ރިސްކް މީހުން ވެސް އުޅޭ ކަމަށް ބުނެފަ އެވެ.

އާއިލާއިން ވަނީ ނަތީޖާ ނުލިބެނީސް އެމީހުން ބޭރަށް ނިކުތް މޭރުމުން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. 

އެ ހުރިހާ ކަމެއް ވެސްވީ ރަށު ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ. އެކަމަކު އެކަމާއި ގުޅިގެން ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އާމިރު އަހުމަދު ވިދާޅުވީ، އެމީހުންނަށް ހުރިހާ އެންގުމެއް ވެސް އެންގީ ކަމާއި ބެހޭ ފަރާތްތަކުން އެންގި ގޮތަށް ކަމަށެވެ.

"އެޗްޕީއޭއިން އަޅުގަނޑުމެންނަށް އަންގަމުންދާ ގޮތަށް އަޅުގަނޑުމެން މި އަމަލުކުރަމުންދަނީ. ކަރަންޓީންވެ އިތުރު ހަތަރު ފަސްވަަރަކަށް ދުވަސްވަންދެން އެބޭފުޅުން ގެއިން ނުނިކުންނަން އަންގާފަ، އަދި އެބޭފުޅުން ތިބީ ގޭގަ. އަދި ނަތީޖާ އެޗްޕީއޭއިން އަޅުގަނޑުމެންނަށް އެންގީމަ، އަޅުގަނޑުމެން އެބޭފުޅުންނަށް އެންގީ ނަތީޖާ ނެގެޓިވް ކަމަށް،" އާމިރު ވިދާޅުވި އެވެ. 

އާމިރު އިތުރަށް ވިދާޅުވީ، ދުވާފަރު ސިއްހީ މަރުކަޒުން ސާމްޕަލް ނެގުމަށް ފަހު އެތަކެތި މާލެ ފޮނުވީ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ކަމަށެވެ.

"14 ދުވަސް ހަމަވުމުން އެ ފިރިހެން ކުއްޖާ ނޫން ހުރިހާ އެންމެންގެ ނަތީޖާ ލިބުމުން. އެ އެންމެން ނެގެޓިވް. އެ ފިރިހެން ކުއްޖާ ނަތީޖާ އިތުރު ހަތަރުވަރަކަށް ދުވަސް ފަހުން، އޭރު ވެސް އެބޭފުޅުން ތިބީ ގޭގަ. ފަހުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އޭނާ ވެސް ނެގެޓިވް ކަމަށް. އެޗްޕީއޭ އިން ޕަބްލިކް ހެލްތަށް އެގުޅަނީ. އުނގޫފާރު ޕަބްލިކް ހެލްތަށް. އެގޮތަށް ލިބުނު މައުލޫމާތުން އަޅުގަނޑުމެން އެބޭފުޅުންނަށް ގުޅާފަ މި ދަންނަވަނީ ނެެގޓިވްއޭ. ދެން އެބޭފުޅުން ވެސް އާންމު އުސޫލުގެ ތެރެއިން ރަށު ތެރޭގައި އުޅޭނީތާ،"

އާމިރު އިތުރަށް ވިދާޅުވީ ފިރިހެން ކުއްޖާގެ އިތުރު ސާމްޕަލެއް ނަގަން ޖެހޭކަން އެންގީ އެކުއްޖާ ނެގެޓިވްވި ކަމަށް އެންގިތާ 24 ގަޑިއިރު ފަހުން ކަމަށެވެ. އެގޮތުން މިއަދު އުނގޫފާރުން އައި ޓީމެއް އެކުއްޖާގެ ސާމްޕަލް ނަގާއި، އެރަށުން ޓެސްޓްކުރުމުން ކުއްޖާ ޕޮޒިޓިވްވިކަން އެނގިގެންދިޔަ ކަމަށް އާމިރު ވިދާޅުވި އެވެ.

އެކުއްޖާ ޕޮޒިޓިވްވުމާއެކު އެކުއްޖާއާއެކު ކަރަންޓީނުގައި ތިބި މަންމަ އާއި ބައްޕަގެ އިތުރުން އަންހެން ކުއްޖާގެ ސާމްޕަލް ނެގި ކަމަށާއި އެގޮތުން އަންހެން ކުއްޖާ ފިޔަވައި، މަންމަ އާއި ބައްޕަ ވެސް ޕޮޒިޓިވްކަން އެނގުނީ އެ ހިސާބުން ކަމަށް އާމިރު ވިދާޅުވި އެވެ. 

އާމިރު ވިދާޅުވީ އެތަނުން އާއިލާއަށް ހިއްސާކުރި މައުލޫމާތުތަކަކީ ކަމާއި ބެހޭ އިދާރާތަކުން ސިއްހީ މަރުކަޒަށް ހިއްސާކުރި މައުލޫމާތު ކަމަށެވެ.

މިކަމާއި ގުޅިގެން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ބަހެއް އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް