ads
ދުވާފަރު--
ދުވާފަރުން ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 45 މީހުން މިހާތަނަށް ފާހަގަކުރެވިފައިވޭ: ކައުންސިލް
ރ. ދުވާފަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 45 އަށް ވުރެ ގިނަ މީހުން ފާހަގަކުރެވިފައިވާ ކަމަށް ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ ރައީސް ރޭ ވިދާޅުވި ގޮތުގައި މާލެއިން ރަށުގައި ކަރަންޓީނުވުމަށް އެ ދެމަފިރިން ދިޔައީ އެމީހުންގެ އަންހެން އަދި ފިރިހެން ދަރިފުޅާއެކު އެވެ. ނަމަވެސް ދެމަފިރިންނާއި އެމީހުންގެ އަންހެން ދަރިފުޅު ބައްޔަށް ނެގެޓިވްކަމަށް މީގެ ހަވަރަކަށް ދުވަސް ކުރިން އެންގި ނަމަވެސް ފިރިހެން ދަރިފުޅުގެ ނަތީޖާ އޭރު ނުލިބެ އެވެ. 

ފަހުން އާއިލާއިން ގުޅާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، ވަނީ އެ ފިރިހެން ކުއްޖާ ވެސް ބައްޔަށް ނެގެޓިވްކަން މީގެ ހަތަރު ވަރަކަށް ދުވަސްކުރިން އަންގާފަ އެވެ. އެއާއެކު އެމީހުން ކަރަންޓީނުން ދޫކޮށްލި ނަމަވެސް އިއްޔެ އަނެއްކާ ވެސް ފިރިހެން ކުއްޖާގެ ސާމްޕަލް އަލުން ނަގައި ބެލިިއިރު އެކުއްޖާ ޕޮޒިޓިވްވިކަން އެނގުމުން، އެ އާއިލާއިން ހޯމް ކަރަންޓީނުވި އަނެއް ތިން މީހުން ވެސް ބައްޔަށް ޓެސްޓްކުރި އެވެ. އަދި ދެމަފިރިން ވެސް ބައްޔަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ. 

އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ، މިހާތަނަށް 45 ކޮންޓެކްޓުންނަށް ވުރެ ގިނަ މީހުން ފާޙަގަކުރެވިފައިވާއިރު އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. 

އަދި އެކަމާއި ގުޅިގެން އަތޮޅު ކައުންސިލާއިއެކު ބޭއްވުނު ފޯނު ބައްދަލުވުމެއްގައި އަތޮޅުގެ ހުރިހާ ރަށްތަކަކުން ދުވާފަރަށް ކުރާ ދަތުރުތައް މޮނިޓަރު ކުރުމަށާއި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ދަތުރު ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. 

ނަސީރު އިތުރަށް ވިދާޅުވީ މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ކަމަށާއި މި ބަލިން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަންވާނެ ކަމަށެވެ. 

އެ އާއިލާއިން ރޭ ސީއެންްއެމްއަށް ބުނި ގޮތުގައި، ގޭގައި ދަމާފައި ހުރި ޓޭޕްވެސް ނައްޓާލާއި، އެމީހުން ބޭރަށް ދިއުމުގެ ހުއްދަ ސިއްހީ މަރުކަޒުން ދިނުމުން، ކަރަންޓީންވި މީހުން ވެސް ވަނީ ބޭރަށް ނިކުމެފަ އެވެ. އެގޮތުން ފިރިހެން މީހާ، ރަށުގައި ބައްދަލުނުވާ މީހަކު ނުހުންނާނެ ކަމަށް އެމީހުން ބުނެ އެވެ. އަދި ކުޑަ ފިރިހެން ކުއްޖާ އިއްޔެ ހުކުރު ނަމާދަށް ވެސް ދިޔަ ކަމަށާއި މިއަދު ފަތިސް ނަމާދަށް ވެސް ދިޔަ ކަމަށް އާއިލާއިން ބުނެ އެވެ. 

އޭގެ އިތުރުން އެ ގެއަކީ ވިޔަފާރިއެއް ވެސް ހިންގާ ގެެއެއްކަމުން ފިހާރައިން ވެސް އެތައް ބަޔަކާއި ދިމާވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އަދި އޮޅިގެން އެފަދަ އެންގުމެއް އެންގުމުން އާއިލާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާއިރު، އެމީހުން ވަނީ އެގޭގައި ހައި ރިސްކް މީހުން ވެސް އުޅޭ ކަމަށް ބުނެފަ އެވެ.

އާއިލާއިން ވަނީ ނަތީޖާ ނުލިބެނީސް އެމީހުން ބޭރަށް ނިކުތް މޭރުމުން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. 

އެ ހުރިހާ ކަމެއް ވެސްވީ ރަށު ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ. އެކަމަކު އެކަމާއި ގުޅިގެން ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އާމިރު އަހުމަދު ވިދާޅުވީ، އެމީހުންނަށް ހުރިހާ އެންގުމެއް ވެސް އެންގީ ކަމާއި ބެހޭ ފަރާތްތަކުން އެންގި ގޮތަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް