ads
ސްމިތު--
ރޭޕް އާ ބެހޭ ގޮތުން ސުމިތް ކުރި ޓްވިޓެއްގެ މައްސަލަ ބަލަން ފަށައިފި
ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) މިއަދު ކުރި ޓްވީޓެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މައްސަލަ ޖެހިފައިވަނީ ކޮވިޑް ފެތުރޭތީ މާލެ ލޮކްޑައުންގައި އޮތް ދުވަސްވަރު ޓޫރިޒަމް މިނިސްޓްރީގެ ސްޓާފުން މާގިރި ހޮޓެލްގައި ލޮކްޑައުންވެގެން ތިބި އިރު ސްމިތު އެ ތަނަށް އަންހެން ކުދިންތަކެއް ވައްދާ މަންޒަރު ސެކިއުރިޓީ ކެމެރާތަކުން ފެންނަ ކަމަށް ބުނާ ވާހަކަ އާ ގުޅިގެން އޭނާ އަމިއްލަ އަށް ކުރި ޓްވީޓަކަށް މީހަކު ދިން ރައްދެއްގެ ބަދަލުގައި ސްމިތު ކުރި ޓްވީޓެކެވެ.

އެގޮތުން ނުވަ އަންހެން ކުދިން މާގިރި ހޮޓެލް އަށް ގެންދިޔަ ކަމަށާއި އެއީ ކާމިޔާބު ކަމެއްގެ ގޮތުގައި ބުނެ ސްމިތު އަމިއްލަ އަށް ވަނީ ޓްވީޓް ކޮށްފަ އެވެ. އެ ޓްވީޓާ ގުޅިގެން އަންހެން ކުއްޖަކު ވަނީ އެއީ ކާމިޔާބެއް ނޫން ކަމަށް ބުނެ ސްމިތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެއާއި އެކު ސްމިތު ވަނީ "[އަންހެން ކުއްޖާގެ ނަން] ރޭޕް ކުރީމަ ކަނޑަވަނީ ދޯ،" އޭ ބުނެ އެ ކުއްޖާގެ ޓްވީޓަށް ރައްދު ދީފަ އެވެ.

އެއާއި އެކު އެހެން މީހަކު ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމަށް ބުނެ، ރައީސް އާއި ރައީސް އޮފީސް އަދި ތަރުޖަމާން ޓެގް ކޮށް ޓްވީޓެއް ކުރުމާއި އެކު، އެއީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ބުނެ އޭނާގެ ޓްވީޓަށް ތަރުޖަމާން ވަނީ ރިޕްލައި ކުރައްވާފަ އެވެ. އަދި އެގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތި އަދި ދަށް ފެންވަރުގެ ކަމެއް ކަމަށް ވެސް ހޫދުގެ ޓްވީޓުގައި ވެއެވެ.

"އެއްވެސް މީހަކާ ދިމާލަށް [ދަށް ފެންވަރެއްގައި] އެހެން ވާހަކަ ދެކެވިގެން ނުވާނެ. މި މައްސަލަ މިހާރު އަންނަނީ ބަލަމުން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވޭ،" ހޫދުގެ ޓްވީޓް ނިންމާލަމުން ބުނެފައި ވެއެވެ.

ސްމިތު ކުރި ޓްވީޓުގެ މައްސަލަ ހޫނުވުމުން އޭނާ ވަނީ އެ ޓްވީޓުގެ މާނަ އޮޅުވާލާފައިވާ ކަމަށާއި، އޭގައި ބުނަނީ އެ ކުއްޖާ ރޭޕް ކުރާ ވާހަކަ ނޫން ކަމަށް ބުނެފަ އެވެ. އަދި ކުއްޖާ ރޭޕްކުރުމާ އޭނާ ދެކޮޅު ކަމަށާއި، އެ ޓްވީޓަށް މާފަށް އެދޭ ކަމަށް ވެސް ސްމިތު ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. 

އެ މައްސަލަ ރައީސް އޮފީހުން ބަލަމުން އަންނަ ކަމަށް ބުނި އިރު، ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.

ސްމިތުގެ ޓްވީޓްގެ މައްސަލަ ހޫނުވި އިރު، ޓޫރިޒަމް މިނިސްޓްރީގެ ސްޓާފުން ލޮކްޑައުންގައި މާގިރި ހޮޓެލްގައި އަހުލާގީ މިންގަނޑަށްނުފެތޭ އެތަށް ކަމެއް ކުރި ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް