ads
މޯހަން ބަގާނުން އޭއެފްސީ ކަޕަށް ބޮޑު އިންވެސްޓެއް ކުރާނެ
އޭއެފްސީ ކަޕަށް އޭޓީކޭ މޯހަން ބަގާންއިން ބޮޑު އިންވެސްޓެއް ކުރަނީ
އަންނަ އަހަރުގެ އޭއެފްސީ ކަޕަށް، ބޮޑު އިންވެސްޓެއް ކުރާނެ ކަމަށް އޭޓީކޭ މޯހަން ބަގާންއިން ބުނެފި އެވެ.

އޭޓީކޭ މޯހަން ބަގާންއަކީ، އިންޑިޔާގެ އައި ލީގުގެ ނިމުނު ސީޒަންގެ ޗެމްޕިއަން މޯހަން ބަގާންއާއި، ސުޕަރލީގުގެ ދެވަނަ މަގާމު ހޯދި އޭޓީކޭ އެއްކޮށްލައިގެން ހަދާފައިވާ ޓީމެކެވެ.

އޭޓީކޭ މޯހަން ބަގާންއިން އަންނަ ސީޒަންގައި، އައި ލީގުގެ ބަދަލުގައި ކުޅޭނީ އިންޑިއަން ސުޕަރ ލީގުގައެވެ. އޭޓީކޭ މޯހަން ބަގާން އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދީ، އައި ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އޭޓީކޭ މޯހަން ބަގާންއިން އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ސައުތު އޭޝިޔާ ޒޯނުން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިރު، މި ގްރޫޕުން ދެން ޖާގައެއް ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ މާޒިޔާއިންނެވެ.

އޭޓީކޭ މޯހަން ބަގާންއިނއަންނަ ސީޒަނުގައި އެ ޓީމުގެ މައިގަނޑު ޓާގެޓްތަކާ ބެހޭ ގޮތުންވަނީ މީޑިއާއާ ވާހަކަ ދައްކާފައެވެ. އެ ޓީމުގެ މައިގަނޑު ޓާގެޓްތަކުގެ ތެރޭގައި އޭއެފްސީ ކަޕުން ރަނގަޅު ނަތީޖާއެއް ހޯދުން ހިމަނާފައިވާއިރު، އޭއެފްސީ ކަޕަށް ބޮޑު އިންވެސްޓެއް ކުރާނެ ކަމަށްވަނީ ބުނެފައެވެ.

އޭއެފްސީ ކަޕަކީ އަހަރުމެންގެ ޚާއްސަ ޓާގެޓެއް. އޭއެފްސީ ކަޕަށް ބޮޑު އިންވެސްޓެއް ކުރާނަން. މީގެ ތެރޭގައި އަހަރުމެންގެ ފެސިލިޓީތަކުގެ ފެންވަރު އޭއެފްސީ މިންގަނޑަށް ގެނައުމަށް ކުރަން ޖެހޭ ޚަރަދުތައްވެސް ހިމެނޭ.

މޯހަން ބަގާންއިންވަނީ މީގެ ކުރިން ރާއްޖޭގެ ކްލަބުތަކާއި ދެކޮޅަށް މާލެއާއި އިންޑިއާގައިވެސް އެތައް ފަހަރަކު ކުޅެފައެވެ. މޯހަން ބަގާންއަކީ އިންޑިއާގެ އެންމެ ޒަމާންވީ އެއް ކުލަބެވެ. އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމުގައި ބެލެވޭ ކަލްކަތާއަށް ނިސްބަތްވާ މޯހަން ބަގާންއަކީ މީގެ ސަތޭކަ ތިރީސް އަހަރު ކުރިން އުފެދުނު ޓީމެކެވެ. އެ ޓީމުގެ ރަސްމީ ދަނޑުކަމުގައިވާ ސޯލްޓް ލޭކް ސްޓޭޑިއަމްއަކީ ދުނިޔޭގެ އެންމެ ބޮޑެތި ދަނޑުތަކުގެ ތެރޭގައި ހިމެނޭ ދަނޑެކެވެ. 1997 އަހަރު، ސޯލްޓް ލޭކް ސްޓޭޑިއަމްގައި މޯހަން ބަގާންއާ، އީސްޓް ބެންގޯލް ވާދަކުރި މެޗު ބަލަން 130،000 މީހުން ދަނޑަށް ވަތް ކަމަށް ރިކޯޑުކުރެވިފައިވެ އެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ސައުތު ރީޖަނުން މިހާތަނަށް ޖާގަ ކަށަވަރުވެފައިވަނީ ރާއްޖޭގެ މާޒިޔާ އަދި އިންޑިޔާގެ މޯހަންބަގާން އޭޓީކޭއަށެވެ. ބާކީ އޮތް ދެ ޖާގައިގެ ތެރެއިން އެއް ޖާގައަކީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަނުންނަށް ޚާއްސަކޮށްފައިވާ ޖާގައެވެ. ބަންގްލަދޭޝް ލީގު ކެންސަލްކޮށްފައިވާތީ އެ ޖާގަ ލިބޭނެ ޓީމެއް އަދި ޔަގީނެއް ނުވެއެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ބެންގަލޫރާއި އެކު ވާދަކުރާނީ ވާދަކުރާނީ ރާއްޖޭގެ ކްލަބު އީގަލްސްއާއި، ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕުގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް އަދި ބޫޓާން، ނޭޕާލް، ލަންކާ އަދި ޕާކިސްތާނުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން ނޭޕާލްގެ ޖާގަ ހޯދާފައިވަނީ މަޗިންދުރަ ޔުނައިޓެޑެވެ. މިއީވެސް އީގަލްސްއެކޭ އެއްގޮތަށް އޭއެފްސީ ކަޕަށް މުޅިން އައު ޓީމެކެވެ. ދެން ހުރި ޖާގަތައް ކަށަވަރުކުރާނެ ޓީމުތަކެއް އަދި ކަނޑައެއް ނޭޅެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް