ads
ޣައްސާން މައުމޫން--
ރައްޔިތުންގެ ތާއީދު ނެތުމުން މިހާރު ހިފަހައްޓާލަނީ ހޮޅި ވާހަކަ ދައްކައިގެން: ޣައްސާން
ރާއްޖޭގައި ވެރިކަން ކުރަމުންދާ ފަރާތްތަކަށް މިހާރު ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި ސަރުކާރު ހިފަހައްޓާލެވިފާއި މިހާރު އޮތީ "ހޮޅި" ވާހަކަތައް ދައްކައިގެން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ސިޔާސީ ވާދަވެރިން ރޫޅިއްޖެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައިވާތީ ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި އެކަމާއި ގުޅިގެން ކުރި ސުވާލެއްގައި މިރޭ ޣައްސާން ވިދާޅުވީ، "އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްހެން" ކަމަށެވެ. 

އަދި މިއަދަށް ވުރެ މާދަމާ ވަރުގަދަވާނެ ކަމަށާއި ސަރުކާރަށް އިދިކޮޅުގެ ކައިރިން ސަލާމަތް ނުވެވޭނެ ކަމަށް ޣައްސާން ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންނާއެކު. ދިވެހި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތެއް ހުއްޓައެއް ނުލާނަން. އެހެން [ސިޔާސީ ވާދަވެރިން ރޫޅިއްޖެ ކަމަށް] ވިދާޅުވެވިދާނެ. އެހެންނަމަވެސް ބައްލަވާ، އެ ބޭފުޅުންގެ ޕޮޕިއުލާރިޓީ ދިވެހިރާއްޖޭގައި ހުރީ ކިހާވަރަކަށްތޯ. އެބޭފުޅުންނަށް އެކަންކަން އެނގިވަޑައިގަންނަވާތީ އަނެއްކާ ވެސް އުސޫލުގެ މަތިން އެމީހުން އަބަދުވެސް ކަންތައް ކުރާ ގޮތަށް ހޮޅި ވާހަކަ ދައްކައިގެން އެ ހިފަހައްޓަނީ އިނގޭތޯ،" ޣައްސާން ވިދާޅުވި އެވެ. 

ޕީޕީއެމްގެ ނައިބް ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ޣައްސާން އާއި ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް، އިދިކޮޅު ކޯލިޝަނާ ގުޅިދާނެތޯ ވެސް ސުވާލުކޮށްފަ އެވެ. 

ޖަވާބުގައި ޣައްސާން ވިދާޅުވީ، ރައީސް މައުމޫން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަވަހާރަކޮށްލުމަށް މަސައްކަތްކުރެއްވި ފަރާތްތަކާއެކު ކަމަށައި އެކަން އޭނާ އާއި ބައްޕާފުޅަށް އޮޅިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އިދިކޮޅަކީ އެންމެ ގާތް ފަރާތްކަމަށާއި ސަރުކާރާއެކު މަސައްކަތް ކުރާއިރު އިދިކޮޅަށް ގުޅިވަޑައިނުގަންނަވާނެ ކަަމަށް ހީވަނީ ކީއްވެތޯ ޣައްސާން ސުވާލުކުރައްވަ އެވެ.

އެކަމަކު އެމްއާރުއެމް އިދިކޮޅު ކޯލިޝަނާ ގުޅުމަށް އެއްވެސް މަޝްވަރާއެއް ކުރެވެމުންދޭތޯ ނުވަތަ ކޮށްފައިވޭތޯ ސުވާލުކުރުމުން ޖަވާބު ދެއްވުމަށް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި ވިދާޅުވީ ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރަން އެންމެ ރަނގަޅު ދަނޑިވަޅުގައި ހިއްސާކުރާނެ ކަމަށެވެ. 

އޭގެ އިތުރުން، އޭނާ ބައްޕަފުޅާއެކު މަސައްކަތް ކުރެއްވުމަށް އެމްއާރުއެމްއާ ގުޅިވަޑައިގެންފާނެތޯ ސުވާލުކުރުމުން ޣައްސާން ވަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އޭނާ ކޮޅު ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ބަދަލުގައި ބައްޕާފުޅަށް އޭނާއާއެކު މަސައްކަތް ކުރުމަށް އިދިކޮޅާ ވެސް ގުޅިވަޑައިގެންނެވިދާނެ ކަމަށް ވިދާޅުވި އެވެ. 

"ބައްޕާފުޅަށް އޮންނާނެ ދެއްތޯ މިކޮޅަށް ވަޑައިގަތުމުގެ ފުރުސަތު ވެސް. އަޅުގަނޑު ހުންނާނީ ގައިމު ވެސް ޕީޕީއެމްގަ. އެކަމެއް ބަދަލެއް ނުވާނެ،" ޣައްސާން ވިދާޅުވި އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް