ads
މިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބިދޭސީންގެ މައްސަލަ: ސިފަވީ ބިރުވެރި ހޮހަޅައަކަށް ވަދެވުނުހެން
ބިދޭސީންގެ މައްސަލަ ސިފަ ވަނީ ބިރުވެރި ހޮހަޅައެއްގެ ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލައިގައި މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާ މެމްބަރުން އެކަމަށް ބަހުސްކުރި ވަގުތު މިނިސްޓަރު ފައްޔާޒް މަޖިލީހަށް ވަޑައިގެން އުޅުއްވާތީ އެކަމުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު މިނިސްޓަރު ފައްޔާޒަށް މަޖިލީހުގެ ރިޔާސަތުން ދެއްވި އެވެ. އެގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަަލައަކީ ދިވެހި ތާރީހުގައި އެންމެ ހަޑިމުޑުދާރުކޮށް ހިނގާފައި އޮތް ކަމެއްކަމަށެވެ.

"އިންސާނުންތަކެއް ވިއްކައިގެން ދިވެހިރާއްޖޭގައި ކޮށްފައިއޮތް މިހާ ހަޑިމުޑުދާރު ކަމެއް އަޅުގަނޑަކަށް ހަމަގައިމުވެސް އަޅުގަނޑުގެ މި އުމުރުގައި ފެނިފައޮތް ކަމެއް ނޫން މީކީ. އެމްއެމްޕީއާރްސީގެ މައްސަލައަކީ މުޑުދާރުކަމެއް ނޫން މި މައްސަލައާ އަޅާބަލާއިރު."

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަސައްކަތް ކުރަނީ ބިދޭސީންގެ މަސައްކަތަށް ހައްލެއް ހޯދުމަށްކަމަށެވެ. ބިދޭސީންގެ މައްސަލައިން ސިފަވަނީ ބިރުވެރި ހޮހަޅައަކަށް ވަދެވިގެން އުޅޭހެންކަމަސް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާ ބެހޭ ގަވައިދު މި ހަފްތާ ތެރޭގައި ގެޒެޓް ކުރެވޭނެ ކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ބެލެންސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. މިގަވައިދު ގެޒެޓް ކުރެވުމުން ވަރަށް ސާފުކޮށް ހިދުމަތްދޭ ފަރާތްތަކަށް ކަންވާންވީ ގޮތް އިނގޭނޭކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބޭނުމަކީ ބިދޭސީން ފޮނުވާލުން ނޫން ކަމަށާއި، ބޭނުންވަނީ ގަވައިދާ ހިލާފުވެފައިތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުންކަމަށެވެ. ރާއްޖޭގައި 62،000 އެއްހާ އަންޑޮކިއުމެންޓެޑް ބިދޭސީން އުޅޭކަމަށް ލަފާކުރާކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެ އަަދަދު 80،000 އާއި އެއް ލައްކަ އާއި ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބިދޭސީން ބޭނުންކޮށްގެން ސިޔާސީ ކަންތައްތަކެއް ކުރަން އުޅޭކަމީ އެންމެނަށްވެސް އިނގޭކަމެއް ކަމަށެވެ. އެހެން ނަމަވެސް އިނގިލި ދިއްކުރަނީ އިދިކޮޅު ފަރާތްތަކަށް ނޫންކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު މި އިނގިލި ދިއްކުރަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކަކަށް ނޫން. ސިޔާސީ ބޭނުމަށް ޓަކައި އެހެން ބަޔަކު ކުރާ ކަމެއް، ހަލަބޮލިކަން ގެނައުމަށް ޓަކައި މި މުޒާހަރާތައް ކުރިއަށް ގެންދަނީ."

މީގެ އިތުރުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ ނިޔަލަށް 20،000 އަންޑޮކިއުމެންޓެޑް ބިދޭސީން އެމީހުންގެ ރުހުމުގައި ފޮނުވުމަށް ކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީންނާއި މެދު އަމަލުކުރި ގޮތާއި މެދު ލަދުވެތިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާނެ ވަރަށް ގިނަ ބަޔަކު އުޅޭނެ ކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މެމްބަރުންގެ ފަރާތުން އެދެނީ ފުރުސަތު ދީ އެއްބާރުލުން ދިނުމަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް