ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 13.5 މިިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްފި އެވެ.

ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ނުވަތަ އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ އިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސް ދުވަހު، މަހަކު 5000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އިއާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ، 3349 މީހަކަށް މި އިނާޔަތް ދީފައިވާއިރު 13.5 މިލިއަން ރުފިޔާ ދައުލަތުން ވަނީ މިކަމަށް ހަރަދުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ މި އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. 

އިންކަމް ސްޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިއީ ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މާޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސް އެކެވެ. 

ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.  

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަމަށް ވާންޖެހެ އެވެ. އަދި އެއީ އުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ޒުވާން އާއިލާތަކަށް ކަމަށާއި މި އެހީއަށް އެދި ހުށައަޅާފައިވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުން ކަމަށް މީގެ ކުރިން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ އާއިލާތަކުގައި ކުޑަ ކުދިން ތިބޭނަމަ އެކުދިންނަށް އިތުރަށް ފައިސާ ލިބޭނެ ކަމަށްވެސް ޖެންޑާ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް