ads
ޝަހީދު މުހައްމަދު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަން ކުރެއްވި ދުވަހު
ސިވިލް ސަވިސް ކޮމިޝަންގެ ނާއިބު ކަމުގައި ހުރީ ޝަރުތުވެސް ހަމަނުވާ ބޭފުޅެއް!
ސިވިލް ސަވިސް ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމުން މިދިޔަ ހޯމަ އިސްތިއުފާ ދެއްވި ޝަހީދު މުހައްމަދަކީ އެ މަގާމުގެ ޝަރުތު ހަމަ ނުވާ ބޭފުޅެއްކަން ހާމަ ވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާ، މުހައްމަދު ޝަހީދު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. 

ސިވިލް ސަވިސް ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމުން މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވި ޝަހީދު މުހައްމަދަކީ އެ މަގާމުގެ ޝަރުތު ހަމަ ނުވާ ބޭފުޅެއްކަން ހާމަވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އާއްމު ކުރި ރިޕޯޓުންނެވެ. މި ރިޕޯޓުން އެނގުނު ގޮތުގައި ވޭތިވެދިޔަ 4 އަހަރާއި 7 މަސް ދުވަހު، ރާއްޖޭގެ 24000 ސިވިލް ސަރވަންޓުންގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނީ ބެލެނިވެރި ފަރާތްކަމުގައިވާ ސިވިލް ސަވިސް ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި، ޝަހީދު މުހައްމަދަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫނެވެ.

ސިވިލް ސަވިސް ކޮމިޝަންގެ މެންބަރުކަމަށް އެދި ޝަހީދު މުހައްމަދު ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެލުމުން ކޮމިޝަނުގެ މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވާ ޖެހޭ ކަމަށް ބަޔާން ކުރާ ޝަރުތު ޝަހީދު މުހައްމަދު އެ މަގާމަށް އައްޔަން ކުރި އިރު ފުރިހަމަ ނުވާކަން މި ކޮމިޓީއަށް ފާހަގަ ކުރެވުނެވެ.

ސިވިލް ސަވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން މިިދިޔަ ހޯމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވުމުން، މަގާމުން އިސްތިއުފާ ދެއްވި ޝަހީދު މުހައްމަދަކީ، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ފަނޑިޔާރުންތަކަކާއި އަދި ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އެކު ރައީސް ޔާމީންގެ ކެމްޕެއިންގައިވެސް އުޅުއްވި ބޭފުޅެކެވެ.

ޖުޑީޝަލް ސަވިސް ކޮމިޝަނުން މި މަހުގެ ކުރީކޮޅު އާއްމުކޮށްފައިވާ ރިޕޯޓަކުން އެނގުނު ގޮތުގައި ބައެއް ފަނޑިޔާރުންނާއި އެކު ރައީސް ޔާމީންގެ ކެމްޕެއިންގައި ޝަހީދު މުހައްމަދު އުޅުއްވާފައިވެއެވެ. ސިވިލް ސަވިސް ކޮމިޝަންގެ މެންބަރު ކަމަށް ޝަހީދު މުހައްމަދު އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ރައީސް ޔާމީންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް