ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގަވާއިދާ ހިލާފަށް އުޅޭ މީހުން ނުރުހުމުގައި ފޮނުވާ ނުލެވޭނެ: ނަޝީދު
ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެމީހުންގެ ނުރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް އަވަހަށް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެމައްސަލަ ހުށަހަޅުއްވާފައި ވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ.

އެމައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލެވެން އޮންނާނީ އެމީހުންގެ ރުހުމާއެކު އެ ބިދޭސީން ފޮނުވާލާ ގައުމުގެ ރުހުން ވެސް އޮވެގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ގިނަ ބިދޭސީންނަކީ އިންސާނީ ވަގު ވިޔަފާރި ތެރެއިން ދިވެހިންގެ ބަޔަކު އެތެރެކޮށްފައިވާ ބައެއް ކަމަށާ އެހެންވީމާ ސަރުކާރުން ބޭނުންވެގެން އެމީހުން އަލުން އަނބުރާ ގައުމަށް ފަނުވާލުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މަސައްކަތްކުރުމަށާއި ދިރިއުޅުމަސް އެއްގައުމުން އަނެއް ގައުމަށް އެތެރެވާ ބިދޭސީން، އިގްތިސޯދީ ސަބަބަކަށްޓަކާ ނުވަތަ އެނޫންވެސް ސަބަބަކަށްޓަކާ އެމީހުންގެ ގައުމަށް އަލުން އަނބުރާ ފޮނުވާލުމަކީ ދުވަހަކު ވެސް ދުނިޔެދުއް ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަކީ ފަސޭހަކަމެއް ކަމަށް ބައެއް ސިޔާސީ ބޭފުޅުން ސިފަކުރައްވާ ކަމަށެވެ. އަދި މިކަމުގައި ކަން އޮތްގޮތުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވުމަށް ސިޔާސީ ލީޑަރުންގެ ކިބައިން ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ލައްކައަކަށްވުރެ ގިނަ ބިދޭސީން ވަގަށް ރާއްޖެއެތެރެކޮށް އެމީހުން ލައްވައި ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވާ 72 ބިލިއަން ރުފިޔާގެ އެސެޓެއް ރާއްޖޭގައި ގާއިމުކޮށް ދެން އެމީހުން ފޮނުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 3000 އަށް ވުރެ ގިނަ މީހުން ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ފޮނުވާލާފަ އެވެ.

އޭގެ އިތުރުން މިއަހަރު 20000 ބިދޭސީން ފޮނުވާލުމަކީ ސަރުކާރުގެ އަމާޒު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. އަދި އެމީހުން ފޮނުވާލާނީ އެމީހުންގެ ރުހުމުގައި ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް 70،000 އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންގެންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް