ads
މެމްބަރު އަބްދުﷲ ޖާބިރު
އަނދިރި ދައުލަތާއި އެޖެންޑާއާއި އިސްފަރާތްތައް ދެނެގަތުމަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
އަޑީ ދައުލަތަކީ ކޮބައިތޯ ދެނެގަނެ އެމީހުންގެ އެޖެންޑާއާއި އިސްފަރާތްތައް ދެނެގަތުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް އަނދިރި ދައުލަތް ރާއްޖޭގައި ވަކި ހިއްޕާފައިވާ ކަމަށް ވިދާޅުވާ ކަމަށެވެ.  

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުންވެސް އަޑީ ދައުލަތުގެ ބިރުވެރިކަން ވަޒަން ކުރެވިފައިވާކަމަށް ކުއްލި މައްސަލައިގައި ވެއެވެ. އަދި ރައިސުލްޖުމްހޫރިއްޔާ އާއި މަޖިލިސް ރައީސް އާއި 20 މެމްބަރެއްގެ މައްޗަށް އަޑީ ދައުލަތުން މަރުގެ އިންޒާރު ދީ ފައިވާކަމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައިވެ އެވެ. 

ގާނޫނުއަސާސީ ނަގަހައްޓާ، އިތުރު ދައުލަތެއް އޮތުމަކީ ޤާނޫނުއަސާސީއާއި ހިލާފުކަމަކަށް ވާތީ މިހާރުން މިހާރަށް އެ މައްސަލަ ހައްލުކުރުމަށް ގޮވާލާ އެ އަޑީދައުލަތަކީ ކޮބައިތޯ ދެނެގަނެ އެ އަޑީދައުލަތުގެ އެޖެންޑާ އާއި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ދެނެގަތުމަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ވެއެވެ. 

ޖާބިރުގެ ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވި އިރު ބަލައިގަތުމަށް ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.  

ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަމުން ޖާބިރު ވިދާޅުވީ ގައުމުގެ ކަންތައްތައް ތަރުތީބުކުރުމުގައި ހަރުކަށިކަން ދޫކޮށްލަން ޖެހޭކަމަށާއި، އަދި މީގެ ފަހަތުގައި ތިބި ބަޔަކު ހޯދާ ބަރާބަރަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. 

ޖާބިރު ވިދާޅުވީ ފެންނަނީ ކޮންމެވެސް ބައެއް އަޑީގައި ތިބެ ރާވައިގެން ސިފައިންނާއި ފުލުހުން ގައިގާ ތަޅަން އަންނަތަންކަމަށެވެ. އަދި މިކަމުގެ އަޑީގައި ބަޔަކު އުޅޭކަމަށާއި އެމަޖެންސީ ހިންގައިގެން ނަމަވެސް މިކަން ބަލަން ޖެހޭކަމަށް ޖާބިރު ވިދާޅުވި އެވެ. މީގެ އިތުރުން ޖާބިރު ވަނީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ފިޔަވަޅު ނޭޅި ހުރީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. 

މީގެ އިތުރުން ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ވަކި ބަޔަކީ ލާދީނީ ބައެއް ކަމަށް ކަނޑައަޅާ މެރުމަށް ގޮވާލާ ބަޔަކު އެބައުޅޭ ކަމަށާއި، އެކަންކަން ބަލަން ޖެހޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް