ads
އީވާ އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު އީވާގެ ވަރުގަދަ ރައްދެއް ޑރ އިޔާޒަށް
ދީނުގެ ނަމުގައި ފުރައްސާރަ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ޝައިހް ޑރ. މުހައްމަދު އިޔާޒްއަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އިވާ ވިދާޅުވީ ޖިންސީ ގޯނާ ލިބެނީ އަންހެނުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓް ވަރަށް ގިނަ މީހުން އޭނާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަންހެނުންނާއި މެދު ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގަނީ އެމީހުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ޑރ. އިޔާޒް އެވިދާޅުވަނީ އެއީ މުޑު ދާރު ވާހަކަތަކެއް ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެއީ ދީނުގެ ނަމުގައި އަންހެނުންގެ ގަދަރުކުޑަކުރަން ދައްކާ ވާހަކަތަކެއް ކަމަށް އީވާ ވިދާޅުވި އެވެ.

ކުށްކުރި މީހާ ކުށުން ބަރީއަކޮށް ޖިންސީ ޝީކާރައަކަށް ވާ މީހާގެ ބޮލުގައި އޭނާއަށް އެލިބުނު އަނިޔާ ލިބުނީ އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުން ކަމަށް ނުބުނެވޭނެ ކަމަށް އީވާ ވިދާޅުވިއެވެ. އެމޭރުމުން ވާހަކަ ދެއްކުމަކީ މުޖުތަމައު ތެރޭގައި ޖިންސީ ކުށުގެ އަނިޔާއަށް ހިތްވަރު ދިނުން ކަމަށްވެސް އީވާ ވިދާޅުވި އެވެ.

ޑރ. އިޔާޒް އަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަވާ ޝެއިހުންނަކީ އިސްލާމް ދީނަށާއި އަސްލު އިސްލާމްދީން ދަންނަ ބޭކަލުންނަށް ހުތުރު އެރުވުން ކަމަށެވެ.

އިސްލާމްދީނަކީ އަންހެނުންނަށް އިހުތިރާމް ކުރަން ގޮވާލާ ދީނެއް ކަމަށާ އޯގާތެރިކަމާއެކު އަންހެނުންނަށް އަޅާލާ އަންހެނުންގެ ހިމާޔަތުގައި އޮތް ދީން ކަމަށެވެ.

އަދި އިސްލާމް ދީން މިހާރު ބޭނުން އެކުރަނީ ދިވެހި ހުރިހާ އަންހެނުންނަށާއި އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަންވެގެން ކަމަށް އީވާ ވިދާޅުވިއެވެ.

އަޅުގަނޑު ތި ޑރ އިޔާޒަށް ދަންނަވާލަން ބޭނުންވަނީ ހަބަރުދާރޭ ހުއްޓާލާށޭ، ފަހަތައް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން، ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަކުރަން ތި ޓްވިޓާ ހެންޑްލް ބޭނުން ކުރިއްޔާ މި ގަލޮޅު އުތުރުގެ މައިކު އަޅުގަނޑުގެ އަތުގައި އޮތްހާ ދުވަހަކު އެ ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު މި މައިކް އިރާދަކުރެއްވިއްޔާ އޭނާއާ ދެކޮޅަށް ބޭނުންކުރާނަމޭ، އީވާ ވިދާޅުވި އެވެ.

ހަ މަހުގެ ތުއްތު ކުދިން ނުވަތަ ބައްޕައިން ދަރިން ރޭޕް ކުރަނީ އެކުދިން ކޯންޗެއް ލައިގެން ހުރެގެންތޯ އީވާ ވަނީ ސުވާލުކުރައްވާފަ އެވެ. އަދި އެފަދަ ވާހަކަ ދައްކަނީ މުޖުތަމައު ތެރޭގައި އަނިޔާވެރިކަން އިތުރު ކުރަންވެގެން އަދި އަންހެނުންނަށް އޮތް ގަދަރު ކުޑަ ކުރަންވެގެން ދައްކާ ވާހަކަތަކެއް ކަމަށް އީވާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް