ads
ޕީޖީ ހުސައިން ޝަމީމް--
އަދީބުގެ މައްސަލަ: ހުކުމާއި މެދު ޕީޖީގެ ހިތްހަމަ ނުޖެހުން
މައްސަލަ ނިންމީ ދެފަރާތުން ހުށަނާޅާ ކަންތައްތަކަކަށް ރިއާޔަތްކޮށް: ޕީޖީ
މައްސަލަ ނިންމި ގޮތާއި މެދު އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ: ޕީޖީ
ގާޒީ މައްސަލަ ނިންމެވި ގޮތުން ޖޭއެސްސީއަށް މައްސަލަ ހުށަހަޅަނީ
ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމާއި މެދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފް އެއްބަސްވުންތަކުގެ މައްސަލަތައް ކުރިއަށް ގެންދަން ޖެހޭގޮތް ގާނޫޏުގައި ބަޔާންކޮށްފައިވާކަމަށާއި، އެހެން ނަމަވެސް މައްސަލަ ކުރިއަށްދިޔައީ އެގޮތަށް ނޫންކަމަށެވެ. 

ގާޒީގެ ނިންމުމާއި މެދު ހިތްހަމަނުޖެހުން!

ޕީޖީ ޝަމީމް ވިދާޅުވީ މައްސަލަ ނިންމާފައި އޮތީ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އެއްބަސްވުން ބާތިލު ކުރުމަށް ވެސް އަދި އެއްބަސްވުމާއި ގުޅޭގޮތުން އަދީބު އެއްވެސް ވާހަކައެއް ދައްކާފައި އޮތް ކަމަކަށް ރިކޯޑްތަކުން ނުދައްކާކަމަށް ޝަމީމް ވިދާޅުވި އެވެ. 

"އެހެންވީމާ މިހުކުމަކީ އިސްމާއިލް ރަޝީދު [މައްސަލަ ބެއްލެވި ގާޒީ] ކިޔާ ގާޒީއަކަށް ފެނިވަޑައިގެންނެވި ކަންތައްތަކެއް ލިޔުއްވާފައި ނެރުއްވާފައި އޮތް ހުކުމެއް."

ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފް އެއްބަސްވުން ބަލައިގަންނަން ބޭނުން ނުވާނަމަ އެކަމުގައި މައްސަލައެއް ނެތްކަމަށާއި، އެހެން ނަމަވެސް ޤާނޫނުގައި ބުނާގޮތަށް ޝަރީއަތްކޮށްދެއްވުމަށް އެދޭކަމަށެވެ. އަދި ޝަރީއަތްކޮށް ހުށަހަޅަންއޮތް 700 އެތައް ޑޮކިއުމެންޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްވެސް ޕީޖީ ވަނީ އެދިވަޑައިގެންފައެވެ. 

ހުކުމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ، އަދީބު އެންމެ ފުރަތަމަ ހައްޔަރުކުރި ލިޔެކިޔުންތަކާއި ތުހުމަތު ކުރެވުނު ކަންކަމަކީ ކްރިމިނަލް ކޯޓަށް މި މައްސަލައިގައި ހިއްސާކޮށްފައިވާ އެއްޗިސް ނޫންކަމަށެވެ. އެހެން ނަމަވެސް ހުކުމުގައި ވަރަށް ތަފްސީލުކޮށް އެވާހަކަތައް ހުރިކަން ފާހަގަކުރެއްވި އެވެ. އަދި ފަނޑިޔާރު އެ އެއްޗެހި ހޯއްދެވި ގޮތެއް އެއްގޮތަކަށްވެސް ނޭންގޭކަމަށް ޝަމީމް ވިދާޅުވި އެވެ. 

މިއަދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބޭސްފަރުވާގެ ކަންކަމަކީ ޕީޖީ އާއި ބެހޭކަމެއް ނޫންކަމަށް ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވެ ޕީޖީ ޝަމީމް ވިދާޅުވީ ހަމަ އެހެން ވިދާޅުވީ ގާޒީ އާއި ކްރިމިނަލް ކޯޓުން ތަކުރާރުކޮށް އެތައްފަހަރަކު ލިޔުމުން ގައިދީންގެ ބޭސްފަރުވާގެ ކަންކަމާއި ގުޅޭގޮތުން ޕީޖި އޮފީހާ ސުވާލު ކުރާކަމަށެވެ. 

"އެކޯޓުގެ [ކްރިމިނަލް ކޯޓު] ހުރިހާ ސެކްޝަނަކުންވެސް އަދި މި ގާޒީ ވެސް، މި ގާޒީ ސޮއިކުރައްވާ ފޮނުއްވާފަ ހުރި ސިޓީ މި އޮފީހުގަ އެބަހުއްޓޭ މިއަނި ގައިދީއެއްގެ ބޭސްފަރުވާގެ ކަންތައް ދަނީ ކިހިނެއްތޯ ސާފު ކޮށްފަ އަންގާށޭ ކިޔާފަ. ދެން މިއަދުގެ ހުކުމުގަ ބުނަނީ ބޭސްފަރުވާގެ ކަމަކީ ޕީޖީއާ ބެހޭކަމެއް ނޫނޭ. އެހެންމަ ކީއްވެހޭ ޕީޖީ ކުރެއް އައްސަވަނީ ބޭސްފަރުވާގެ ކަންތައް ބެހޭކަމެއް ނޫނީ ވިއްޔާ މިޔޮށް ހުރިހާ ދުވަހު، މިއަދުވެސް؟"

މީގެ އިތުރުން އަދިބާއި އެކު ދައުލަތުން ހަދާފައި އޮތް އެއްބަސްވުމަކީ މަޖުބޫރު ކުރުވައިގެން ހަދާފައިއޮތް އެއްބަސްވުމެއް ކަމަށް ފާހަގަކޮށްފައި އޮތުމުން އެކަމަށް ރައްދު ދެއްވާ ޝަމީމް ވިދާޅުވީ އެ ވާހަކައަކީވެސް ހަމަޖެހޭ ވާހަކައެއް ނޫންކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ އެފަދަ ވާހަކައެއް އަދީބު ވިދާޅުވެފައިވާކަން އިނގެން ނެތްކަމަށެވެ. އަދި އެކަން ކޮށްފައިވަނީ މަޖުބޫރުންކަން އެނގިވަޑައިގަތީ ގާޒީއަށްކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ޓައިމްލައިން ބަލާލެއްވި ނަމަ މަޖުބޫރުކަމެއް ނެތްކަން ސާފުވާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ ފުރަތަމަ އެއްބަސްވުމުގައި ސޮއި ކުރި ފަހުން އަދީބު ބޭސްފަރުވާއަށް ވަޑައިގެންނެވި ކަމަށެވެ. އަދި ބޭސްފަރުވާ ނިމިގެން އެނބުރި އައިސް ދެވަނަ އެއްބަސްވުމުގައި ސޮއި ކުރެއްވިކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި ބަޔާންތައް އަދީބު ދީފައިވަނީ އޭގެ މާފަހުންކަމަށްވެސް ޝަމީމް ވިދާޅުވި އެވެ. 

"އެހެންމަ މަޖުބޫރުކަމެއް އޮތްނަމަހީ އޮންނާނީ ވެސް ބޭސްފަރުވާގެ ކުރިންތާއޭ، ބޭސްފަރުވާ ކުރެވުނީމަކާ މަޖުބޫރުކަމެއް ނެތް. އެހިސާބުން ދެން ބަޔާން ދިނުމުގެ އެއްވެސް މަސްލަހަތެއްވެސް ނެތް."

ޕީޖީ އޮފީހުން ދެ އެއްބަސްވުމެއް ހަދާފައި އޮތްކަމަށާއި، އެއީ އިއުތިރާފްގެ އެއްބަސްވުމަކާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްކަން ފާހަގަކޮށްފައި އޮތުމުން ޕީޖީ ވިދާޅުވީ އެ އެއްބަސްވުންތައް އެބަހުރި ކަމަށެވެ. ޤާނޫނުގައި އެއްބަސްވުމެެއް ހެދިދާނެކަމަށް އޮންނަކަމަށްވާނަމަ އެ އެއްބަސްވުމަށް ވާސިލުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއްކުރުމަކީވެސް އެއީ ހުއްދަ ކަމެއްކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

"ޤާނޫނީ ގޮތުން އެހާ ހަމަނުޖެހޭ ބައެއް ވާހަކަތައް، ޤާނޫނީ ބައެއް މަބްދައުތައް ބައެއް އުސޫލުތައް އެނގިވަޑައިނުގެން ބައެއް ވާހަކަތައް ލިޔުއްވާފަ ހުރީމަ އަޅުގަނޑުމެން އެކަމާ ހިތްހަމައެއް ނުޖެހޭ."

މީގެ އިތުރުން ޝަމީމް ވިދާޅުވީ މައްސަލައިގައި ހުރިހާ ވާހަކައެއް ލިޔުއްވުމަށްފަހު ގާޒީ ހުކުމެއްގެ ގޮތުގައި ލިޔުއްވާފައި އޮތީ ތިން ފޮޅުވަތްކަމަށެވެ. އަދި ހުކުމުގައި ހުކުން ކުރި ސަބަބެއްވެސް، ހަވާލާ ދެއްވި މާއްދާއެއްވެސް އަދި ބާތިލުކުރެއްވީ ކިހިނެއް ކަމެއްވެސް އިނގެން ނެތްކަމަށެވެ. 

އިއުތިރާފް އެއްބަސްވުމަކާއި އެކު ހުށަހަޅާ މައްސަލައިގައި އެ އިއުތިރާފް ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު މައްސަލަ ބައްލަވާ ގާޒީއަށް އޮންނަކަން ފާހަގަކޮށް ޝަމީމް އިތުރަށް ވިދާޅުވީ ފަނޑިޔާރު އެ އެއްބަސްވުން ރަނގަޅު ނޫންކަމަށް ކަނޑައަޅައިފި ނަމަ ދެންވެސް ކަންތައްކުރަންޖެހޭގޮތް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން ޕީޖީ އޮފީީހުން މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާނަމަ މައްސަލަ ބާތިލުކުރުމަށްފަހު ތަހުގީގު ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަން ޝަމީމް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މި މައްސަލަ ބާތިލު ކުރި އިރު ބާތިލު ކުރީ ކޮން ހަމައަކުން ކަމެއް، ހުކުމުގައި ހާވާލާ ދެއްވާފައި ނެތުމުން، ނޭންގޭކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ މި މައްސަލައިގައި 700 އަށްވުރެއް ގިނަ ޑޮކިއުމެންޓް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނޭކަމަށާއި، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތު ކުރެވިދާނެ ކަމަށް ގަބޫލުކުރާކަމަށް ވެސް ވިދާޅުވި އެވެ. 

ގާޒީގެ މައްސަލަ ޖޭއެސްސީއަށް!

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިތުރަށް ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ގާޒީ މައްސަލަ ބައްލަވަން ޖެހޭނީ ކޯޓަށް ހުށަހަޅޭ ލިޔުންތަކާއި ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބިނާކޮށްކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ ކޯޓުން ނިންމާފައި އޮތް ގޮތެއް ގާނޫނީ ގޮތުން ވެސް ހަމަ ނުޖެހޭ ކަމަށާއި، މައުޟޫއީ ގޮތަކުން ވެސް ހަމަނުޖެހޭކަމަށް ވިދާޅުވި އެވެ. 

ފަނޑިޔާރަކު ހެއްވާ ގޮތަކަށް ކަމެއް ކުރައްވައިފި ނަމަ ޕީޖީގެ ދައުރަކީ އެކަން ޖޭއެސްސީއަށް ހުށަހެޅުންކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް