ads
ޝަމާއު ޝަރީފް--
އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ ތަންތަން ގިނަ: ޝަމާއު
ލޮކްޑައުންއަށް ދިން ލުޔާއެކު، ވިޔަފާރިތަކާއި ޖިމްތަކާއި ސެލޫންތައް ފަދަ ތަންތަން އަލުން ހުޅުވާފައިވާއިރު އޭގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑަށް ނުފެތޭ ތަންތަން ގިނަ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޖުލައި އެއް ވަނަ ދުވަހު ދިން ގިނަ ލުއިތަކާއެކު ގިނަ ތަންތަން ހުޅުވާފައިވާއިރު އެޗްޕީއޭ އިން ވަނީ އަލުން ހިދުމަތްދޭން ފަށާއިރު ހުންނަން ޖެހޭ މިންގަނޑުތައް އާންމުކޮށްފަ އެވެ. 

އެ މިންގަނޑުތަކާއި އެއްގޮތަށް ވިޔަފާރިތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށާފައިވާއިރު ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވީ 44 އިނަސްޕެކްޓަރުން ބައިވެރިވެގެން ކުރިއަށް ގެންދާ އެ އިންސްޕެކްޝަނުގައި މިހާތަނަށް 1475 ތަނެއް ބަލާފައިވާ ކަމަށެވެ.

އެ މަސައްކަތުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި، ސެލޫނަތަކާއި، ބޯކޮށާއި ތަންތަނާއި، ޖިމް އަދި އެކި ގޮތްގޮތަށް ހެދިފައިވާ މާރުކޭޓުތައް ވަނީ މާލެ ސިޓީ ކައުންސިލާއި، އިކޮނޮމިކް މިނިސްޓްރީ އާއި، ފުލުހުންގެ އިތުރުން، އެމްއާރުސީ، އަދި އެޗްޑީސީ އަދި ވެމްކޯ އާއި ގުޅިގެން ބަލަން ފަށާފަ އެވެ.

ބެލި 1475 ތަނުގެ ތެރެއިން ގަވާއިދާއި އެއްގޮތަށް ހުރިހާކަމެއް ފުރިހަމަ ވެފައިވަނީ 1000 ތަނެއްގައި ކަމަށާއި މެދު މިންގަނޑެއްގައި ގިނަތަންތަން ހުރިއިރު އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ ވަރަށް ގިނަތަންތަން ހުރިކަން ފާހަގަވެފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.

މި އިންސްޕެކްޝަނުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ބިދޭސީން ތިބޭ ތަންތަނުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ކަންކަން ހުރިކަމާއި ގިނަ ފިހާރަތަކުގައި ތިބޭ ފަރާތްތަކަށް ކޮވިޑާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހޭލުންތެރިވެފައި ނެތްކަން ކަމަށް ޝަމާއު ވިދާޅުވި އެވެ.

ޝަމާއު އިތުރަށް ވިދާޅުވީ މިހާރު ނުބެލި ހުރީ ވަރަށް މަދު ތަނެއްކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި އިންސްޕެކްޝަން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް