4769
CONFIRMED

DEATHS
2755
RECOVERED
🌏19,261,031
INFECTED
🌏11,669,922
RECOVERED
🌏718,425
DEATH
🌏61%
RECOVERY RATE
ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ފުރަތަމަ ފްލައިޓް ޖެއްސުން-- ފޮޓޯ: ޓޫރިޒަމް މިނިސްޓަރު
ތިން މަސް ފަހުން ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލައިފި
Share
ތިން މަސް ދުވަސް ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިފި އެވެ.
Advertisement

މިއަދު ހެނދުނު، ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެންމެ ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުގައި 24 ދިވެހިން ހިމެނޭ ގޮތަށް 128 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

އެ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބާއްވާފައިވާއިރު، އެ ހަފުލާގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގަތެވެ. 

އެގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ، ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބޯޑަރު ހުޅުވާލުމާއެކު އަދި އައީ އެންމެ 100 އެއްހާ ފަތުރުވެރިން ކަމަށާއި ކުރިން ވެސް ބޯޑަރު ހުޅުވާލާ ދުވަހު، އެހާ ގިނަ އަދަދެއްގެ މީހުން އަންނާނެ ކަމަށް އުއްމީދުކޮށްފައި ނުވާ ކަމަށެވެ. 

އަދި ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވާން އަދި ދެތިން މަސް ދުވަސް ނަގާނެކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ، ވެކްސިނެއް ހޯދެންދެން ދުނިޔޭގައި މި ބަލި އުޅޭނެ ކަމަށާއި، އަދި އެންމެން ގޭގައި ތިބޭނަމަ ބަލި ނެތިގެން ހިނގައިދާނެ ކަމަށެވެ. އެކަމަކު އެގޮތަށް ނުތިބެވޭނެކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ މި ބައްޔާއި ގުޅިގެން ބޯޑަރު އަލުން ބަންދުކުރަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

ރާއްޖެއަށް މިއަހަރުގެ ތެރޭގައި އަށް ލައްކަ ފަތުރުވެރިން ގެނައުމުގެ އަމާޒުގައި އަލުން ފަތުރުވެރިކަމުގެ ދާއިރާ ފެށިއިރު، މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެކަމަށް ވާސިލުވުމަށް މަސައްކަތް ކުރާއިރު އެކަން ކުރެވޭނީ ހަމައެކަނި ރާއްޖޭގެ ހާލަތަށް ބަލައިގެން ނޫން ކަމަށެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުގެ ހާލަތަށް ވެސް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހެދިފައިވާ ސާވޭތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަން ފަތުރުވެރިން ބޭނުންވާ ކަމަށާއި އެގޮތުން ބޯޑަރު ބަންދުކުރުމުގެ ކުރިން ވެސް ފަތުރުވެރިންގެ މެދުގައި އޮތް މަގްބޫލުކަން އަދިވެސް އެބައޮތް ކަމަށެވެ. އަދި މިވަގުތު އޮތް މައްސަލައަކީ ދުނިޔޭގެ ގައުމުތަކުން ބައްޔާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެއާލައިންތަކުގެ ޝެޑިއުލްތައްކަން ވެސް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުގެ ވަރަށް އުއްމީދު އެބަ އޮތް، މިކަން ރަނގަޅަށް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވެ އެވެ.

ފަތުރުވެރިކަން އަލުން ފެށުމާއި ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު، ވިދާޅުވީ އަލުން ފަތުރުވެރިކަން ފެށިގެންދާއިރު މަސައްކަތް ކުރާނީ ޓޫރިޒަމް ގައިޑްލައިންގެ އިތުރުން، އެޗްޕީއޭގެ ވެސް ގައިޑްލައިންއާ އެއްގޮތަށް ކަމަށެވެ. 

ތޮއްޔިބް ވިދާޅުވީ ދުނިޔޭގެ މާކެޓްގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ގުދުރަތީ ގޮތުން ވެސް ރިސޯޓުތައް އޮތީ، ސޯޝަލް ޑިސްޓެންސިންގައި ކަމަށާއި އެކަން ބުނެދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. 

ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އޮން އެރައިވަލް ވިސާ ހުރިހާ ގައުމަކަށް ވެސް ދޫކުރަމުންދާނެ އެވެ. ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑަށް ޓެސްޓް ނުކުރާނެ ކަމަށް މީގެ ކުރިން މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މިވަގުތު ވެސް ރާއްޖެ އަންނަ މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިއްޖެނަމަ ކޮވިޑަށް ޓެސްޓްކުރާނެ އެވެ.

މިއަދު އަދި އިތުރު ދެ ފްލައިޓް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސްރީލަންކަން އެއާލައިންގެ އިތުރުން ބަންގްލަދޭޝްގެ ވެރި ރަށް ޑާކާއިން އަންނަ ފްލައިޓެކެވެ. 

މީގެ ކުރިން ވެލާނާ އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލުން ބުނެފައި ވަނީ އެއާޕޯޓުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ބެހެެއްޓުމަށް ހާއްސަ ފާހަގަތަކާއި އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާތައް ވެސް ބަހައްޓާފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ 27 ގަ އެވެ. އެއާއެކު ރާއްޖޭގެ އިގްތިސޯދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިގެންދިޔަ އެވެ. އެކަމަކު އަލުން މިއަދު ފެށުމާއެކު 30 ރިސޯޓެއް މިއަދު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ޓެންޓަޓިވް ރިސޯޓް ރީއޯޕަނިންގް ލިސްޓުން ދައްކަ އެވެ. އެގޮތުން މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 99 ރިސޯޓެއް އޮޕަރޭޓް ކުރަން ފަށާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް