ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ސުޖާއު ވާހަކަ ދައްކަނީ
ކޮވިޑްގެ ކޭސްތައް އިތުރުވި ކަމަަށް ބުނަނީ "ފެއިލްވެއްޖެ" ޖަލްސާ ބާއްވަން އުޅުމުން: ޝުޖާއު
މި ދެތިން ދުވަހު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކަނީ އިދިކޮޅުން "ފެއިލްވެއްޖެ" ގެ ނަމުގައި ބޮޑު ޖަލްސާ ބާއްވަން އުޅުމުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ވަނީ "ފެއިލްވެއްޖެ" ގެ ނަމުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ރައްޔިތުންގެ ކަންބޮޑުވުން އިއްވުމަށް ބޮޑު ޖަލްސާއެއް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައި، އެކަން އިއުލާންކުރީ މިމަހުގެ ހަ ވަނަ ދުވަހެވެ. އެކަމަކު އެ ޖަލްސާ މިހާރު މިވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމަށް ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމަށް އެދުން ނަމަވެސް މިހާތަނަށް ސިޓީއަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.  

އެގޮތުން ސިޓީއަށް ޖަވާބު ލިބިފައި ނުވާތީ ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަކުރުމަށް އެ މިނިސްޓްރީއަށް ދިޔަ ނަމަވެސް، އެ ބޭފުޅުންނާއި ވެސް ބައްދަލުކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ. 

އެ ސަބަބާހުރެ، ޖަލްސާ ފަސް ކުރަން ނިންމިއިރު ދެން ޖަލްސާ ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އިދިކޮޅުން ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުއްދަނުދިނުމަކީ ހިޔާލު ފާޅުކުރުމަށް އެޅިގެންދިޔަ ހުރަހެއް ކަމަށާއި ސަރުކާރުގެ ނާގާބިލުކަން ހާމަވެގެން ދަނީ ކޮންމެ ކަމެއްވެސް ކޮވިޑްގެ މިހާލަތާއި އަޅުވާތީ ކަމަށެވެ. 

އެގޮތުން ފެއިލްވެއްޖެނަމުގައި ޖަލްސާ ބާއްވަން އިއުލާންކުރުމާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. 

"އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑުމެންގެ ޕްރެސް ކޮންފަރެންސް ނިންމާލުމާއެކު މިރޭ އެޗްޕީއޭ އިން އިއުލާންކުރާއިރުގަ އިއުލާންކުރާނީ ތިން މީހުންނޭ ޕޮޒިޓިވްވީ. އެހެންވީމަ އެގޮތަށް ކޮވިޑްގެ ކަންތައްތައް ވެސް މިދަނީ. އެއްވެސް ރޭވުންތެރިކަމެއް މިސަރުކާރުގެ ތެރޭގައި ނެތްކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން،"

އޭގެ އިތުރުން ޝުޖާއު ވިދާޅުވީ މުޅި އެޗްޕީއޭ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިސޯރުކޮށްފައިވާ ކަމަށާއި އެޗްޕީއޭ އިން ކަނޑައަޅާ މިންގަނޑުތައް ވެސް އެމަނިކުފާނު ބަދަލުކުރައްވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި މި ސަރުކާރު ބޭނުންވަނީ މި ފަސް އަހަރު ރައްޔިތުން ގޭގައި ބަންދުކޮށްގެން ފުރިހަމަ ކުރަން ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް