ads
ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހު--
ސްޓޭޓް މިނިސްޓަރު ސޯލިހްގެ ދިފާއީ ހެކިންނަށް ގިނަ މިނިސްޓަރުންތަކެއްގެ ނަން ހުށަހަޅައިފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

ސަސްޕެންޝަންގައި މިވަގުތު ހުރި ސްޓޭޓް މިނިސްޓަރު ސޯލިހުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސ)ގެ ހިޔާނާތުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ވަކި ރަށްތަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކަކާއި ގުޅިގެންނެވެ. 

ޑރ. ސޯލިހްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ރިޔާސީ ކޮމިޝަނުން ވަކިގޮތަކަށް ވަކިކަމެއްގައި އަމަލުކުރުމަށް އަންގާފައިވަނިކޮށް އެ ރިޔާސީ ކޮމިޝަންގެ އެންގުމާއި ހިލާފަށް މައުލޫމާތު ފޯރުކޮށްދީފައިވާތީ ކަމަށް ދައުލަތުގެ ވަކީލް މިއަދު ކޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

މިމައްސަލައިގައި ސޯލިހްގެ ދިފާއީ ވަކީލް ވަނީ ރިޔާސީ ކޮމިޝަންގެ ޤާނޫނީ ބާރުވެރިކަމާއި ގުޅޭގޮތުންވެސް ސުވާލު ކޮށްފައެވެ. އަދި އެ ސުވާލުތަކަށް ދައުލަތުން ޖަވާބު ދިނުމުން ދައުވާ ސާފު ވެއްޖެ ކަމަށާއި، އަދި ދައުވާއަށް އިންކާރު ކުރާކަމަށް ބުނެފައި ވެއެވެ. 

ދައުލަތުން ޑރ. ސޯލިހާއި ދެކޮޅަށް މި މައްސަލައިގައި ހުށަހަޅާފައިވާ ހެއްކަކީ ޓޫރިޒަމް މިނިސްޓްރީގެ ދެ ލީގަލް އޮފިސަރުންނާއި ބައެއް ކިތާބީ ހެއްކެވެ. އޭގެ ތެރޭގައި ރިޔާސީ ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީގެ މުއާމަލާތްތަކާއި، ސޯލިހާއި ކުންފުނިތަކާއި ދެމެދު ކޮށްފައިވާ މުއާމަލާތްތަކާއި ބައެއް މެމޯ ހިމެނެ އެވެ. 

ދިފާއީ ހެކިންގެ ގޮތުގައި ޑރ. ސޯލިހް ކޯޓަށް ހުށަހަޅާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ ނަމެވެ. މީގެ އިތުރުންވެސް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަލީ ޝިޔާމާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ ނަމާއި ބައެއް ކިތާބީ ހެކިވެސް ހުށަހަޅާފައިވެ އެވެ. 

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އަންނަ އަޑުއެހުމެއްގައި ހެކިތަކާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދުވެސް ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް