ads
ފޮޓޯ: އިންޑިއާ ހައި ކޮމިޝަން
އިންޑިއާ އެހީގައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރަނީ
އިންޑިއާގެ އެހީއާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ހައި ކޮމިޝަނުން ބުނެފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ހެޑް ކޮމިޝަނަރު ރޯހިތު ރަތިޝް ސީއެންއެމްއަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މި މަސައްކަތަކީ އެފަދަ މަސައްކަތްތަކުގެ ތެރެއިން ހަތް ވަނަ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން 1200 މީޓަރުގެ އެއާޕޯޓު ރަންވޭ 2200 މީޓަރަށް ދިގު ކުރެވޭނެ ކަމަށް ރޯހިތު ވިދާޅުވި އެވެ.

އަދި އެ މަސައްކަތާއެކު ޓާމިނަލް އަލުން ޑިޒައިން ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރޯހިތު ވިދާޅުވި އެވެ.

ރޯހިތު އިތުރަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންޓަކީ އެއާޕޯޓު އޮތޯރިޓީ އިންޑިއާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ކަންތައް ބެލުމަށް ކޮންސަލްޓެންޓުންގެ ޓީމެއް ރާއްޖެއަށް އަންނާނެކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އެ މަސައްކަތަކީ ރީޖަނަލް ކަނެކްޓިވިޓީ އިތުރު ކުރުމަށާއި އިގްތިސާދީ ކުރިއެރުމަށް އެހީތެރިވެދޭނެ މަސައްކަތެއްކަން ވެސް ރޯހިތު ފާހަގަކުރައްވަ އެވެ. އަދި އިންޑިއާ އާއި ރާއްޖޭއާ ދެމެދު، އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ. 

އެ ޕްރޮޖެކްޓަކީ ރާއްޖެއާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

2018 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ ރާއްޖެއާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި ސޮއި ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް