ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ތީމެޓިކް އެމްބެސެޑަރު ކަމަށް ރައީސް ނަޝީދު ހަމަޖައްސައިފި
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ "ތީމެޓިކް އެމްބެސެޑަރު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފި އެވެ.

މަޖިލީހުން މިއަދު ބުނީ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް ރައީސް ނަޝީދު އައްޔަންކުރެއްވިކަން އެންގެވީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު، ޑރ. އޭ.ކޭ އަބްދުލްމޯމެން ރައީސް ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވެ އެވެ. އެ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗާ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެ އެވެ.

ރައީސް ނަޝީދަށް އަރުވާފައިވާ ތީމެޓިކް އެމްބެސެޑާ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަންގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށާއި އަދި އެމަނިކުފާނު އެ މަގާމަށް އައްޔަނުކޮށްފައިވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށް މަޖިލީހުން ބުނެ އެވެ. 

ސީވީއެފްއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމްއެކެވެ. 

އެ ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގަ އެވެ. އެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ %100 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް