ads
ވަގަށް ނަގާ މަރާލާފައިވާ ރިލްވާން އަދި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ
ހިދުމަތް ނުލިބޭތާ 10 މަސް، މުސާރައަށް ބައި މިލިއަން ރުފިޔާ!
ޖުޑީޝަލް ސަވިސް ކޮމިޝަނުން، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައި ހުންނަތާ ދިހަ މަސްވެ، އޭނާގެ ޚިދުމަތް ދައުލަތަށް ނުލިބި މުސާރައާއި އިނާޔާތްތަކުގެ ގޮތުގައި ބައި މިލިއަނެއްހާ ރުފިޔާ މިހާތަނަށް ޚަރަދުކޮށްފިއެވެ. ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައިވަނީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ ސޯޅަ ވަނަ ދުވަހުއެވެ.

ވަގަށް ނެގުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ނަމުގައި ވަގު ޕާސްޕޯޓެއް ހަދަން އުޅުނު ކަމުގެ މައްސަލައެއް ފެންމަތިވެ، ޖޭއެސްސީން ހަސަން އަލީ ސަސްޕެންޑް ކުރީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. ސަސްޕެންޝަނަށް 10 މަސް ވެގެން ދިޔައިރުވެސް މައްސަލައިގެ ކޮޅެއް މެދެއްވެސް ނުފެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން ސަސްޕެންޑް ކުރި އިރު ޖޭއެސްސީން ބުނީ ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި އިރު މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަކަން އަންގާފައިވާ ކަމަށެވެ. 

ރިލްވާން ގެއްލުވާލުމުގެ މައްސަލައަކީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނަމުން އައި ނަމަވެސް މިހާތަނަށް މި މައްސަލައިގާވެސް ގޮތެއް ނިންމާފައި ނުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށްވަނީ އަމާޒުވެފައެވެ.

ސަސްޕެންޝަންގައި ހަސަން އަލީ ހުންނެވިއަސް އޭނާއަށް ބަރާބަރަށް ދައުލަތުން މުސާރަ ދެއެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް މަހަކު ބައި ލައްކައަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ. އެހެންކަމުން މި ދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި ހަސަނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ބައި މިލިއަނެއްހާ ރުފިޔާ ދައުލަތުންވާނީ ޚަރަދުކޮށްފައެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް ޖޭއެސްސީން އެކަމުގައި އަދިވެސް ވަކިގޮތެއް ނިންމާފައި ނުވެއެވެ. ހަސަން ސަސްޕެންޑްކޮށްފައި ހުންނަތީ އެ މައްސަލަ ނިންމައިދިނުމަށް އެދި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ވަނީ ޖޭއެސްސީގައި އެދިފައެވެ. 

ހަސަނުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޝުޖާޢު ޖޭއެސްސީގައި އެދުނު އިރު ޝުޖާޢުގެ ގިނަ މައްސަލަތަކެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެހެންނަމަވެސް ޝުޖާޢު އުސްމާނުގެ އެއްވެސް މައްސަލައެއްގައިވެސް މިހާތަނަށް ޖޭއެސްސީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފަނޑިޔާރުންނާއި ގުޅޭ ސީރިއަސް އެތައް މައްސަލައެއް ޖޭއެސްސީގައި ހުއްޓިފައި އެބަހުއްޓެވެ. ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ މަސައްކަތްތައް ލަސްކަމާއި، އިންސާފުވެރިކަމެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުންވެސް ތުހުމަތު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް