ads
ރޮޒޭނާ - ފޮޓޯ: މަޖިލީސް
ބިދޭސީންނަށް ވިސާ ދިނުމުގެ އިސްލާހަކީ ގަބޫލުކުރެވޭ ކަމެއް ނޫން: ރޮޒައިނާ
ބިދޭސީންނަށް ވިސާ ދިނުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހޅައިފައިވާ އިސްލާހަކީ އެއްވެސް ގޮތަކަށް ގަބޫލުު ކުރެވޭ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖްލީސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި، އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެގައި ކުރާ ބިދޭސީންނަށް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ރައީސް ނަޝީދު ހުށައަޅާއިފައިވާ އިސްލާހަށް އިދިކޮޅުން ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގައި ސަރުކާރުގެ މައި ޕާޓީގެ އިތުރު މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރޮޒައިނާ ރޭގައި ކޮށްފައިވާ ޓްވީޓްގައި ވިދާޅުވީ މި އިސްލާހާއި ރޮޒައިނާ ދެކޮޅު ކަމަށެވެ. އަދި ގެއެއް ކުއްޔަށް ހިފާއިރަށް ރެސިޑެންޓް އަކަށް ވާން ނުޖެހޭ ކަމަށާއި ރަނގަޅު ބޮޑު އިންވެސްތްމެންޓްއެއް ގެނައުމުން ނޫނީ ރެސިޑެންޓް ވިސާ ދެވިގެން ނުވާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"100 ރުފިޔާގެ އިންވެސްޓްމެންޓްއަކާ އެކު ރެސިޑެންޓް ވިސާ ދިނުމަށް އަޅުގަނޑުވެސް ދެކޮޅު. ސަބްސްޓެންޝަނަލް ރަނގަޅު ބޮޑު އިންވެސްތްމެންޓް އެއް ގެންނަން ނޫނީ ރެސިޑެންޓް ވިސާ ދެވިގެން ނުވާނެ. ގެއެއް ކުއްޔަށް ހިފާލާއިރަށް ރެސިޑެންޓް އަކަށް ވާކަށް ނުޖެހޭ. ގަބޫލުކުރެވޭ ކަމެއް ނޫން މީ." އެމްޕީ ރޮޒައިނާ ވިދާޅުވެފައި ވެއެވެ.

އިމިގްރޭޝަންގެ ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދޫކުރަނީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބޭރު މީހުންނަށާއި ބޮޑެތި އިންވެސްޓްތައް ކުރާ ބިދޭސީންނަށެވެ. 

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި އެ ބިލު މަޖިލީހުގެ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް، ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވުމުން ބިލް ވަނީ އަނބުރާ ކޮމެޓީއަށް ފޮނުވާލަ އެވެ. 

އެގޮތަށް ބިލު އަނބުރާ ފޮނުވާލީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިފިނަމަ ރެސިޑެންޓް ވިސާ ދޫކުރަން ގޮތަށް ބިލުގައި ހިމެނުމަށް މަޖިލީހުގެ ރައީސް ހުށަހެޅުމުން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވަނީ ދޮގު ކުރައްވާފަ އެވެ.

އެހެންނަމަވެސް ރައީސް ނަޝީދުގެ އަމިއްލަފުޅު ބްލޮގްގައި އިއްޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކާކުކަން ނޭންގޭ ބޭރު މީހުންގެ މައްސަލަ ހައްލުކުރުމަށް އޮތް ގޮތަކީ އެމީހުން ފޮނުވާލުން ކަމަށް ދެކިއްޖެ ނަމަ އެއީ މައްސަލައަށް ހައްލު ގެނެވޭނެ ގޮތެއް ނޫން ކަމަށާއި އެ ހުރިހާ އެންމެން ފޮނުވައެއް ވެސް ނުލެވޭނެ ކަމަށެވެ. އަދި މިކަން ނުކޮށްފިނަމަ ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނެ ކަމަށާއި ރާއްޖޭގެ ސަލާމަތާ ރައްކާތެރި ކަމަށްވެސް ނުރަނގަޅު އަސަރު ކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް