ads
މިނިސްޓާ އިމްރާން އަބްދުﷲ - ފޮޓޯ ހޯމް މިނިސްޓްރީ
މައްސަލައަކީ ކުށް ކުރާ ކުދިންނެއް ނޫން: މިނިސްޓަރު އިމްރާން
ކުށްކުރާ ކުދިންނާމެދު ދެކޭ ގޮތް ބަދަލުކޮށް، މައްސަލައަކީ އެ ކުދިން ނޫންކަން ބަލައިގަންނަންޖެހޭކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓާ އިމްރާން މިހެން ވިދާޅުވެފައިވަނީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާ (ޓެކްނިކަލް އެސިސްޓަންސް ނީޑްސް އެސެސްމެންޓް އިން ދި އޭރިއާ އޮފް ޖުވެނައިލް ޖަސްޓިސް ފޯ ޗިލްޑްރަން)ގެ ހޯދުންތައް ހުށަހެޅުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމަށް ފޮނުއްވި ސްޓޭޓްމަންޓްގައެވެ.

އެ ސްޓޭޓް މަންޓުގައި މިނިސްޓަރު ވިދާޅުވީ، އެންމެ ކުއްޖެއް ރިހެބިލިޓޭޓުކޮށް، ކުށް ކުރުމުން ދުރުކުރަމަކީ، ޖީލުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. 

ސްޓޭޓްމަންޓްގައި މިނިސްޓަރ ވަނީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާގެ އަލީގައި ނިޒާމުގެ ތެރެއިން ހުރި ހުސްކަންކަމާއި، ގޮންޖެހުންތަކާއި، ބޭނުންތައް އަދި ފުރުސަތުތައް ދެނެގަނެވޭނެކަން ފާހަގަކުރައްވާފައެވެ. 

"ކުޑަކުދިންގެ އަދުލު ޤާއިމުކުރުމުގެ މަސްލަހަތު ހިއްސާކުރާ މުވައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަކި ވަކި މުވައްސަސާތަކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އެއް ނިޒާމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ހުރި މަގްސަދުތައް ހާސިލުކުރުމަށް މި މަސައްކަތުން ފަހިކޮށްދޭނޭ،" މިނިސްޓާ މިއަދު ވިދާޅުވިއެވެ. 

ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާ މުވައްސަސާތަކާއި ޖުޑީޝަރީން ގުޅިގެން މަސައްކަތްކުރަންވާނީ، ޖިނާއީ ޢަދުލުގެ ނިޒާމުން ކުޑަކުދިން ބޭރުކުރުމަށްކަމަށް މިނިސްޓަރގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.

"މިކަން ކާމިޔާބުކުރުމަށް މުޖުތަމައު ކުށްކުރާ ކުދިންނާމެދު ދެކޭ ގޮތް ބަދަލުކޮށް، މައްސަލައަކީ އެ ކުދިން ނޫންކަން ބަލައިގަންނަންޖެހޭ. މައްސަލައެއް ފެންމަތިވުމުން ހައްލެއް ހޯދަން އުޅުމުގެ ބަދަލުގައި މައްސަލައެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން މުހިއްމު،" - މިނިސްޓާ އިމްރާން

މަސައްކަތްތައް ކުރުމުގައި މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޑަކުދިން ހިމެނޭނޭހެން ދިރާސާތައްކޮށްގެން އެ އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ސިޔާސަތުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަރައްޤީކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ. 

"މިމުހިއްމު މަސައްކަތް ކުރަމުންދާއިރު ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވުމާއި، އާއިލާ ތެރެއިން އެފަދަ މައްސަލަތައް ފެންމަތިވުމަކީ ބޮޑު މައްސަލައެއް،"

މިކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ. އެގޮތުން މަދަނީ ހުރިހާ ޖަމްއިއްޔާތައްވެސް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ޔޫއެންއޯޑީސީއާއި، ޔުނިސެފް ފަދަ ޖަމާއަތްތަކުން މެދުކެނޑުމެއްނެތި ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ މި ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ދާއިރާގައި މަސައްކަތްކުރައްވާ ސާޅީހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވިކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް