ކޮވިޑާ ގުޅިގެން އޭއެފްސީ ކަޕުގެ މެޗުތައް މެދު ކަނޑާލާފައިވާއިރު، އޭއެފްސީން ނިންމާފައިވަނީ މުބާރާތް އެއް ދަނޑުގައި ކުޅެ ނިންމާލާށެވެ. އަދި މުބާރާތް ހޯސްޓް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމަކުން މުބާރާތުގެ ބާކީ މެޗުތައް ހޯސްޓް ކުރަން ޝައުގުވެރިކަން ނެތުމުން، މެޗުތައް ރާއްޖޭގައި ކުޅެން ފުރުސަތު ލިބުނީއެވެ. ރާއްޖޭގައި ބާއްވާނީ މާޒިޔާއާއި ޓީސީ ހިމެނޭ ގްރޫޕުގެ މެޗުތަކެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަންގާޅުގެ ބަޝަންދުރާ ކިންގްސް އަދި އިންޑިޔާގެ ޗެންނާއީ އެފްސީ އެވެ.
މުބާރާތުގެ މެޗުތައް ހޯސްޓްކުރަން ބަންގާޅުންވެސް އިންޑިޔާއިންވެސް ޝައުގުވެރިކަން ނެތީ ހަލުއިކަމާއި އެކު ފެތުރެމުންދާ ކޮވިޑް ރޯގާއާއި ގުޅިގެންނެވެ.
އެފްސީން މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން އޭއެފްސީ ކަޕުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އަލުން ފަށާނީ އޮކްޓޫބަރު މަހުގެ ތޭވީސްވަނަ ދުވަހު އެވެ. އެ ދުވަހު ފުރަތަމަ މެޗުގައި މާޒިޔާއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިނގްސް ވާދަކުރާއިރު، އެ ދުވަހުގެ އަނެއް މެޗުގައި ކުޅޭނީ ޓީސީއާ އިންޑިޔާގެ ޗެންނާއީ އެފްސީއެވެ.
ދެ ދުވަސް ރެސްޓް ދިނުމަށް ފަހު އޮކްޓޫބަރު މަހުގެ ސައްބީސްވަނަ ދުވަހު މާޒިޔާއާއި ޓީސީ ވާދަކުރާއިރު އަނެއް މެދުގައި އެ ދުވަހު ކުޅޭނީ ބަޝަންދުރާ ކިންގްސްއާ ޗެންނާއީ ސިޓީއެވެ.
ކޮރޯނާއާއި ގުޅިގެން އޭއެފްސީގެ ހުރިހާ މެޗެއް، މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން އޭއެފްސީން ނިންމާފައިވަނީ އޭޕްރީލް މަހުގެ މެދު ތެރޭއެވެ. އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތައް އޭރު ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ބަންގްލަދޭޝްގައި ބަޝަންދުރާ ކިންގްސް އަތުން ބޮޑު ތަފާތަކުން ޓީސީ ބަލިވި މެޗާ، ޗެންނާއީ އެފްސީއާ މާޒިޔާއިން އެއްވަރު ކުރި މެޗެވެ. މި ދެ މެޗުވެސް ކުޅެފައިވަނީ ރަށުން ބޭރުގައެވެ.