ads
މިނިސްޓަރު މާރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ބިދޭސީން މުޒާހަރާ ކުރަނީ ހައްގު ހޯދާކަށް ނޫން: މާރިޔާ
ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަމުން އަންނަނީ ހައްގުތަކެއް ނުލިބިގެން ނޫން ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅޭ ކަމެއް ކަމަށެވެ. އަދި އެކަން ބަލާއި ތަހުގީގުކުރަމުން އަންނަކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެގޮތަށް ބިދޭސީން މުޒާހަރާ އެހެން ސަބަބުތަކެއް ވެސް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، މިފަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެމީހުން އެންމެ ބޮޑަށް ފާހަގަކުރަމުން އަންނަނީ އަނބުރާ ރަށަށްދާން ބޭނުންވާކަން ކަމަށެވެ. އެހެންކަމުން، އެކަމުން އެނގިގެންދަނީ އެމީހުން އުޅެނީ މުސާރަ ނުލިބިގެން ނުވަތަ ހައްގުތަކެއް ނުލިބިގެން ނޫންކަން އެނގޭ ކަމަށް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުން މުޒާހަރާކޮށް ފުލުހުންނަށް ހަމަލާދީފައި ވަނީ ކޮންމެވެސް ވަރަކަށް މުސާރަދީ ވާހަކަ ވެސް ދެކެވެމުންދަނިކޮށް ކަމަށެވެ. އެހެންކަމުން މިއީ އެމީހުންނަށް މުސާރަ ނުދީގެން ހިންގަމުން އަންނަ ހަމަނުޖެހުންތަކެއް ނޫންކަން އެނގޭ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ބިދޭސީންގެ މައްސަލައަކީ އިންސާނީ ވަގުފާރި ކަމަށް ލޭބަލް ކުރިނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ޔޫއެން ޕްރޮޓަކޯލްގައިވާ ގޮތުން މިއީ އިންސާނީ ވަގުފާރި ކަމަށް ނުބެލެވޭ ކަމަށާއި އެގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ރާއްޖޭގެ މަސްލަހަތު ގެއްލުވާލުމަށް ކަމަށެވެ.

މާރިޔާ ވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެ ގައުމެއްގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބިދޭސީން އަމަލުތައް ބެހެއްޓުމަށް ފުރުސަތު ނުދޭ ކަމަށެވެ.

މިފަހަކަށް އައިސް ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވެފައިވާއިރު މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ އެމީހުން ހިންގަމުން އަންނަ ކަންކަމުގެ ފަހަތުގައި ސިޔާސީ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރައްވާފަ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް