ads
ފޮޓޯ:ބީއެމްއެލް
ބީއެމްއެލް އަށް އިތުރު 40 ކޭޝް އެޖެންޓުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި އިތުރު 40 ކޭޝް އެޖެންޓުން ތައާރަފްކޮށްފި އެވެ.

އެކުންފުނިން އަތޮޅުތެރޭގައި ތައާރަފްކުރި އެ 40 އެޖެންޓުންނާއި އެކު އަތޮޅު ތެރޭގައި ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ސާވިސްގެ ހިދުމަތް ފުޅާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ބީއެމްއެލް އިން ބުނީ އެ ހިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވަނީ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދެވޭ ކޭޝް އެޖެންޓް ހިދުމަތަކީ މުޅިރާއްޖެއަށް ބޭންކިން ހިދުމަތްފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ހިދުމަތްދެވެމުންދާ މޮޑެލްއެއް ކަމަށެވެ. އަދި އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތްވެސް ބޭނުންކުރެވޭނެ ކަމަށާއި ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. 

ސީއީއޯ އިތުރަށް ވިދާޅުވީ ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް  ހޯދޭނެ ކަމަށެވެ. 

ބީއެމްއެލް އިން މުޅިރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެގޮތުން މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް އެކުންފުނިން ދަނީ ފޯރޮކޮށްދެމުންނެވެ. ބީއެމްއެލް އިން ގާއިމްކޮށްފައިވާ ޑިޕޮަސިޓް ހިދުމަތް ފޯރުކޮށްދޭ 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.                

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 58 ސެލްފްސާވިސް ބޭންކިން ސެންޓަރު، 121 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ބީއެމްއެލްގެ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް