ads
މެންބަރު ޔާސިރު--
އާދަމް ޝަރީފް ބައިވެރިވެވަޑައިނުގަންނަވާތީ ހުރަސްތަކާ ކުރިމަތިވި: ޔާސިރު
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބަލަން އެކުލަވާލި އިމްތިޔާޒު ކޮމިޓީގެ ސަބް ކޮމިޓީ ބައްދަލުވުމުގައި މެންބަރު އާދަމް ޝަރީފް ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން މައްސަލަ ބަލަން ހުރަސްތަކެއް އެޅިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި އިމްތިޔާޒު ކޮމިޓީ އިން ވަނީ ސަބް ކޮމިޓީ ބަދަލުކުރަން ނިންމާފަ އެވެ. 

ޝިޔާމަށް އަނިޔާވި މައްސަލަ ބަލަން އެކުލަވާލި ސަބް ކޮމިޓީގައި ފުރަތަމަ ތިއްބެވީ ތިން މެންބަރުންނެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އާއި، ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފެވެ. 

މެންބަރު އާދަމް ޝަރީފު ވަނީ އޭނާ ބައިވެރިނުވި ނަމަވެސް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އަކީ ސީރިއަސް މައްސަލެއް ކަމަށާއި މައްސަލަ ބަލަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މައްސަލަ ބަލާ ކޮމިޓީގައި ތިބެންޖެހޭނީ އެންމެ ތިން މެންބަރުން ނޫންކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. 

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ޝިޔާމަށް އަނިޔާވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް، އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ ތަޅުމުން އޭނާ ނެރުމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ. 

އެ ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާތަކެއް ވެފައިވާއިރު އެ މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ. 

އެގޮތުން އިމްތިޔާޒު ކޮމިޓީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު މައްސަލަ ތަހުގީގުކޮށް މައްސަލައާއި ބެހޭ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމުގައި ސަބް ކޮމިޓީއެއް ހެދުމަށް ފާސްކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް