ads
ލ. ގަން ކޮވިޑް-19 ފެސިލިޓީ/ ފޮޓޯ:ލ. ގަން ރީޖަނަލް ހޮސްޕިޓަލް
ލ. ގަމުގައާއި ގއ. ވިލިނގިލީގައި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތައް ގާއިމްކޮށްފި
ލ. ގަމުގަ އާއި ގއ. ވިލިނގިލީ ގައި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތައް ގާއިމްކޮށް ނިންމާލާފި އެވެ.

އެ ދެރަށުގައި ގާއިމްކުރި ފެސިލިޓީތައް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ވާޗުއަލް ކޮށެވެ. 

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އަދި މިނިސްޓަރު ފައްޔާޒުގެ އިތުުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން އެދާއިރާ ތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިއްހީ ދާއިރާގެ އިސް ބޭފުޅުންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. 

ލ. ގަމު ފެސިލިޓީ ހާއްސަކޮށްފައިވަނީ މ.ފ.ދ.ތ.ލ މި އަތޮޅުތަކުގެ ރަށްތަކަށެވެ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ގާއިމުކުރި ފެސިލިޓީގައި 20 އައިސީޔޫ އެނދާއި، އައިސޮލޭޝަން 15 އެނދާއި ކަރަންޓީނު 12 އެނދު ހިމެނެ އެވެ. 

ގއ. ވިލިނގިލީގައި ގާއިމްކުރި ފެސިލިޓީއަކީ ހުވަދު އަތޮޅު އުތުރުބުރިޔާއި ދެކުނުބުރިއަށް ހާއްސަކޮށް ގާއިމްކުރި ފެސިލިޓީއެކެވެ. ގއ. އަތޮޅު ހޮސްޕިޓަލުގެ ތަރައްގީކުރި ފެސިލިޓީ އަކީ 23 އެނދުގެ ފެސިލިޓީއެކެވެ.

އެ ފެސިލިޓީތަކުގައި ހިދުމަތްދޭން ފަށާއިރު އެ ފެސިލިޓީތަކުން ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ އެވެ. އަދި ބަލީގައި ހާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައްވެސް ފެސިލިޓީތަކުގައި ގާއިމްކޮށްފައި ވާއިރު، ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި، އެހެނިހެން ސިއްހީ އެހީތެރިންނަށް ބޭނުންވާ ތަމްރީނުތައްވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އެކަމާގުޅިގެން މަސައްކަތް ކުރާ ސިއްހީ އެހީތެރިންނާއި އެހެނިހެން މީހުން އެކަހެރިކޮށް ތިބެވޭނެ އިންތިޒާމްތައްވެސް ފެސިލިޓީ ތަރައްގީ ކުރި ރަށްތަކުގައިވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން ވަނީ ހއ، ހދ، ށ، އަށް ހާއްސަކޮށް ށ. ފުނަދޫގައި ފެސިލިޓީއެއް ގާއިމްކޮށްފަ އެވެ. އަދި ނ.ރ.ބ.ޅ އަށް ޚާއްސަކޮށްގެން ބ. އޭދަފުށީގައި ކޮވިޑް-19 ގެ ހާއްސަ ފެސިލިޓީއެއް ތަރައްގީކޮށްފައިވާއިރު، ހއ. އިހަވަންދުއާއި، ޏ .ފުވައްމުލަކުގައި ކޮވިޑް-19 އަށް ހާއްސަ ތިން އެނދުގެ އައިސީޔޫ ފެސިލިޓީ އެއް ވަނީ ތަރައްގީކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް