ads
ސްކޫލު ދަރިވަރުންތަކެއް-- ފޮޓޯ: ކޭއޯ
ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓު މަހަށް ބަދަލުކުރަން ހިޔާލު ހޯދަނީ
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޯގަސްޓް/ ސެޕްޓެމްބަރުގައި ފެށުމަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ސްކޫލްތަކުގެ ކިޔެވުން ފެށުން އޯގަސްޓް ނުވަތަ ސެޕްޓެމްބަރު މަހަށް ބަދަލު ކުރުމާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ ފޯމު ވީހާވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ފުރަމަށް އެދިފަ އެވެ. 

އެ ފޯމު ވެސް ޓްވީޓާ މެދުވެރިކޮށް ހިއްސާކޮށްފައިވާއިރު ވީހާވެސް ގިނަ ފަރާތްތަކަށް ހިއްސާކޮށް އެ ފޯމް ފުރުއްވުމަށް ހިތްވަރު ދިނުމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ.


ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހެވެ. ގްރޭޑް ނުވައަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ސްކޫލުގައި ކުރިއަށްގެންދިޔަ ނަމަވެސް އެހެން ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރި ސާނަވީ ނިންމާ އިމްތިހާނުތައް މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައް ވެސް އޮންނަނީ އެމުއްދަތުގެ ތެރޭގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު،  އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފައިވާކަން މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް