ads
"ޓްރެވަލް ވީކްލީ" އާއެކު ރާއްޖެ އިޝްތިހާރު ކުރަނީ
އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް "ޓްރެވަލް ވީކްލީ" އާ އެކު ކެމްޕޭނެއް ފަށާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލާފައިވާއިރު، މިހާތަނަށް 500 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިކަމާއި ގުޅިގެން އެމްއެމްޕީއާރްސީ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ ރާއްޖެއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރްސީ އިން ޓްރެވަލް ވީކްލީ މަޖައްލާއާ އެކު ހާއްސަ ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ.

ޓްރެވަލް ވީކްލީ އަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މި ސިނާއަތުގެ އިސް ފަރާތްތަކުގެ މެދުގައި ވަރަށް މަގްބޫލު ޓްރެވަލް މަޖައްލާއެކެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭގޮތުން ކުރިއަށް ގެންދާ ދިރާސާތަކާއި ފަތުރުވެރިކަމާ ގުޅޭގޮތުން ޓްރެވަލް ވީކްލީއިން ޝާއިއުކުރާ ލިޔުންތަކަކީ ސިނާއަތުގެ ފަރާތްތަކުގެ މެދުގައި ބޮޑު އިތުބާރެއް ލިބިފައިވާ ބައެއް ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

ޓްރެވަލް ވީކްލީއާއެކު ރާއްޖެއިން ފެށި މި ކެމްޕެއިން، ޖުލައި މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެ އެވެ. އެ މުއްދަތުގެ ތެރޭގައި ޓްރެވަލް ވީކްލީގެ ވެބްސައިޓްގައި ހިމެނޭ މައިކްރޮސައިޓަކުންނާއި، އެމްޕީޔޫތަކުންނާއި، އޮންލައިން މެގަޒިންތަކުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިޝްތިހާރު ކުރަމުންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

މީގެއިތުރުން ސޮލަސް އީމެއިލްގެ ޒަރިއްޔާއިން އިނގިރޭސި ވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި ހަބަރުތައް ވެސް ހިއްސާކުރަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޓްރެވަލް ވީކްލީއާއެކު ފެށި މި ކެމްޕޭނުގެ މަގްސަދަކީ، ކޮވިޑް-19 އަށް ފަހު އެގައުމުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ އަދި އެންމެ ރައްކާތެރި، ލޯންގް ހޯލް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރްސީ އިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދިވެހިރާއްޖެ ގުދުރަތީ ގޮތުން ވަކި ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވުމަކީ ދިވެހިރާއްޖެ ކުރިއަށް އޮތް ތަނުގައި ރައްކާތެރި މަންޒިލެއްކަން މި ކެމްޕޭނުގައި ޝާއިއުކުރާ ލިޔުންތަކާއި ފޮޓޯތަކުގެ ޒަރިއްޔާއިން އިޝްތިހާރުކުރެވިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ހަމައެއާއެކު، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ތަފާތު ކަންކަން ވެސް އަންގައިދޭނެ ކަމަށްވެސް ބުނެ އެވެ. ހަފްތާއަކު އެއްފަހަރު ނެރޭ ޓްރެވަލް ވީކްލީ މަޖައްލާގެ ޕްރިންޓް އެޑިޝަން ކިޔާ 45,000 އަށް ވުރެން ގިނަ ކިޔުންތެރިން ތިބޭއިރު ޓްރެވަލް ވީކްލީއިން ޑިޖިޓަލް ލިޔުންތަކާއި، މީސްމީޑިއާ، ވަޒީފާގެ ބޯޑުތައް، އީމެއިލް، ވީޑިއޯ އަދި ޕޮޑްކާސްޓް ވެސް ޕަބްލިޝްކުރެ އެވެ.

އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމްއެމްޕީއާރްސީ އިން ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެ ގައުމުގައި ވަނީ ގިނަ މާކެޓިންގް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ވަނީ އައުޓް ޑޯ އެޑްވަޓައިޒިން ކެމްޕޭނާއި، ޓްރެވަލް ޓްރޭޑްގެ އެންމެ ބޮޑު އެއް ފެއާ ވޯލްޑް ޓްރެވަލް މާކެޓްގައި ބައިވެރިވުމުގެ އިތުރުން މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިއަހަރު ވަނީ ބީބީސީ ޓްރެވަލް ޝޯވް އާއި "ޔުނައިޓް އިންޑިއަން އޯޝަން އެންޑް މިޑުލް އީސްޓް" މެދުވެރިކޮށް ވެސް ރާއްޖެ އިޝްތިހާރުކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އަދަދަކީ 126,199 އެވެ. މި އަހަރު ފެށިގެން ލޮކްޑައުންއާއި ހަމަޔަށް (ޖަނަވަރީ އިން މާރިޗް) 7,288 ފަތުރުވެރިން ވަނީ އެ ގައުމުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް