ads
މާލޭގެ މަގުމަތި--
ބުނާ ބަސްނާހާތީ ކޭސްތައް އިތުރުވަނީ، ހިރުވާތައް ކަހާ ވެސް ނުލާ!
ދުނިޔެއިން ކޮވިޑް-19 ގެ ކޭސްތައް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މުޅިން ރިޕޯޓްކުރެވިގެން ދިޔައިރު ރާއްޖެއިން އެ ބަލީގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ އޭގެ ހަތަރެއް ނުވަތަ ތިން މަސް ފަހުންނެވެ. އޭގެ ދުވަސްތަކެއް ފަހުން، އޭޕްރީލް މަހުގެ 15 ގައި ތޮއްޖެހިފައިވާ މާލެއިން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާއެކު ވެރިރަށް މާލެ، ލޮކްޑައުންއަކަށް ދިޔަ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން އައި އިރު މިދިޔަ މެއި މަހުގެ 31 އަކީ ކޭސްތައް އިތުރުވެ، ރާއްޖޭގެ އައިސީޔޫތައް ފުރޭނެ ކަމަށް ޑޮކްޓަރުން ލަފާކުރި ދުވަހެވެ. އެކަމަކު ކޭސްތައް އިތުރުވާނެ ކަމަށް ލަފާކުރެވުނު ހަފުތާއާ އަރާހަމަކުރިއިރު ފެނިގެންދިޔައީ ބަލި ކޮންޓްރޯލްކުރެވި ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށް ކުރެވުނު މަންޒަރެވެ. އެއާއެކު ފުލް ލޮކްޑައުންއަށް ލުއިތަކެއްދޭ ވިސްނުމަށް ވަނީ އާދެވިފަ އެވެ.

މިއަދު ލޮކްޑައުންގެ ތިން ވަނަ ފިޔަވައްސާއި ހަމައަށް އާދެވިފައިވާއިރު މިވަނީ ބޮޑެތި ލުއިތަކެއް ލިބިފަ އެވެ. ފަތިހު، 5 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް އެއްވެސް ހުއްދައެއް ނެތި ބޭރުގައި އުޅުމަށް ވަނީ ފުރުސަތު ލިބިފަ އެވެ. ކެފޭ ރެސްޓޯރަންޓުތަކާއި ސްކޫލުތައް އަދި ސެލޫންތަކާއި ޖިމްތައް ވެސް ހުޅުވިގެން ގޮސްފައިވާއިރު ފެންނަ މަންޒަރުތަކުން މިއީ ލުއިތަކެއްގައި އޮތް ގައުމެއް ކަމަށް ވެސް ނުބެލެ އެވެ. 

ހެނދުނު އަރާ އިރާއެކު އެތައް ބަޔަކު ބޭރުގައި އުޅެމުން އަންނައިރު މި ލުއިތައް ދިނުމުގެ ކުރިން ޑޮކްޓަރުން ދިން ނަސޭހަތްތަކެއް ވެސް ހަނދާނެއް ނެތެވެ. މާސްކް ނާޅާއި ބޭރަށް ނިކުތުމާއި އިޖުތިމާއީ ގައިދުރުކަމުގެ މަތީން ބައެއް މީހުން ކުޑަ ވެސް ހަނދާނެއް ކުރިހެނެއް ހިޔެއް ނުވެ އެވެ. ގައުމު އޮތީ ނުރައްކާތެރި ބަލި މަޑުކަމެއްގައިކަން ހަނދާނުގައި ނެތް ފަދަ މަންޒަރުތައް ކެފޭ/ ހޮޓާ ރެސްޓޯރަންޓުތައް ދޮށުން ވެސް ދަނީ ފެންނަމުންނެވެ. ބޮޑު ވާހަކައިގައި އެންމެން އެއްވެލައިގެން ތިބެނީ އަޅައިގެން ހުރި މާސްކް ދަތްދޮޅީގައި އަޅުވާލުމަށް ފަހެވެ. ހަގީގަތުގައި މީހުން ކައިރީ ވާހަކަ ދައްކަން ހުންނައިރު ނެގި މާސްކެއް އެޅުމުގެ ބޭނުމެއް ވެސް ނޯންނާނެ އެވެ. ނަމެއްގައި މާސްކް އަޅައިގެން ބަލިން ރައްކާތެރި ނުވެވޭނެތީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެ އެވެ. 

ދެން އޮތީ އިޖުތިމާއީ ގައިދުރުކަމުގެ ވާހަކަ އެވެ. މިކަމާއި ގުޅިގެން ވާހަކަ ނުދެއްކިޔަސް ފެންނަ މަންޒަރުތައް ސާފެވެ. މަގުމަތި ތޮއްޖެހި ބާރުވެފައި އޮންނައިރު ފިހާރަތަކުގެ ބޭރުގައި ވެސް އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަން ފާހަގަ ހުއްޓަސް އެތަނުގައި ބައެއް މީހުން މަޑުކުރާ މަންޒަރެއް ނުފެނެ އެވެ. ކޮންމެ މީހަކު ވެސް ބަލަނީ އަވަސް އަރުވާލާ ތިމާގެ ބޭނުން ފުއްދައިގެން ދެވޭތޯ އެވެ. އަނެކާގެ ރައްކާތެރިކަމާއި މެދު ކުޑަވެސް ފަރުވާލެއް ނެތެވެ. އެކަމަކު ހަގީގަތުގައި ތިމާއަށް ވެސް އެކަމުގެ ނުރައްކާ ބޮޑެވެ. 

އިންޒާރުތައް ތަކުރާރުކުރިޔަސް ބަހެއް ނާހާ!

މިހާރު ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު ޑޮކްޓަރުންގެ ކަންބޮޑުވުމަކީ ދިވެހިންގެ ނިސްބަތް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އިތުރުވުމެވެ. ތަފާތު އެކި ބަލިތައް ތަހައްމަލުކުރާ ދިވެހިންނަށް ބަލި ޖެހޭނަމަ ބިރުވެރިކަން އިތުރުވެގެންދަނީ މަރުވާ ނިސްބަތް އިތުރުވެދާނެތީ އެވެ. 

އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑރ. އަހުމަދު ޝަހީދު އާއި ޑރ. އަލީ ލަތީފް ވެސް އެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހިއްސާކޮށްފައިވެ އެވެ. 

ފުލުހުންގެ ފަރާތުން ހުއްދައެއް ހޯދުމެއް ނެތި ބޭރަށް ނިކުމެވޭނެ އިންތިޒާމު ހަމަޖެއްސީ އާންމުން ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުތުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނަމަވެސް މަގުމަތިން ފެންނަނީ ހިތްހަމަޖެހޭ މަންޒަރެއް ނޫންކަމަށް ވިދާޅުވެފައިވެ އެވެ. އަދި މި މަންޒަރުތަކާއެކު ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާނަމަ އަނބުރާ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންނަށް ތަކުރާރުކޮށްދީފި އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކިތަންމެ ވަރަކަށް އިންޒާރު ދިނަސް، ދިވެހިން އަޑުއަހާނެ ކަމަށް ދެން ނުބެލެވެ އެވެ. މިއީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ބައެއް މީހުންނަށް ހީވެފައި ވަނީ ރާއްޖޭގައި އެހެން ގައުމުތަކާއި އަޅާ ބަލާއި ބަލީގައި މަރުވާ މީހުންގެ ނިސްބަތް ދަށް ކަމުން ކަމަށް ބެލެވެ އެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ ބައެއް މީހުންނަށް ބަލީގެ ބިރުވެރިކަން ހިތަށް އަންނަނީ އާއިލާގެ މީހަކަށް ބަލި ޖެހުމުން ކަމަށެވެ.

ކޮންމެއަކަސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ ބަލީގެ ދެވަނަ ރާޅެއް ގައުމުތަކަށް އަތުވެދާނެތީ ބަލައިގެން އުޅުމަށް އިލްތިމާސްކުރަމުންނެވެ. މާއަވަހަށް ލޮކްޑައުން ނުނެގުމަށް އެދިއެދި ތިއްބާ އެކަމަށް ބޯނުލަނބާ ފިޔަވަޅުތަކަށް ލުއި ދިން ގައުމުތަކަށް ދެވަނަ ރާޅެއް ބީއްސާލާ ކުރި މަސައްކަތް ފެނަށްދާ ހިސާބަށް ކަންތައްތައް ދަނީ އެވެ. އޭގެ ކުރިން، ރާއްޖެއިން އިބުރަތް ހޯދައި، ރައްކާތެރިވުން ބުއްދިވެރި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް