ads
މުހައްމަދު ޖަލީލް
ރާއްޖެ ވަނީ ދެމެހެއްޓެނިވި ތަރައްގީގެ މަތިން ހަނދާން ނައްތާލާފައި: ޖަލީލް
ރާއްޖެ ވަނީ ދެމެހެއްޓެނިވި ތަރައްގީގެ މަތިން ހަނދާން ނައްތާލާފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި، ޖަލީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރަން އެންމެ ފުރިހަމަ ފިޔަވަޅުތައް ނޭޅޭ ކަމަށާއި ރާއްޖޭގެ ސަރުކާރުތަކުން މަސައްކަތްކުރަނީ ހަމައެކަނި ކުރު މުއްދަތުގެ ތަރައްގީތަކަށް އިސްކަންދީގެން ކުރު މުއްދަތުގެ ހާލަތުން އަރައިގަންނަން ކަމަށެވެ. 

ޖަލީލް ވިދާޅުވީ ދުރު މުސްތަގުބަލުގެ ތަރައްގީ ހާސިލުކުރަން އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

ރާއްޖޭގެ ދަރަނި އިންތިހާ އަށް ބޮޑު ކަމަށާއި އެއްވެސް ސަރުކާރެއްގެ ޑޮކިއުމެންޓެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 އިންސައްތަ އަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެކަން ލިޔެފައި އޮތް ތަން ފެނިފައި ނުވާއިރު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖީޑީޕީގެ 60 އިންސައްތަ އަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއްވެސް ފެންނަން ނެތްކަމަށް ޖަލީލް ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ ހަރަދުތައް މެނޭޖްކޮށް މާލިއްޔަތު ބެލެހެއްޓުމަށް ރަނގަޅު އުސޫލުތަކެއް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި 12 އަހަރު ފެނިގެން ގޮސްފައި ވަނީ އަހަރުން އަހަރަށް ދަރަނި ބޮޑުވަމުން ދިޔަ މަންޒަރުކަމަށް ޖަލީލް ފާހަގަކުރެއްވި އެވެ. އަދި އެއްވެސް ސަރުކާރުން ދަރަނި ކުޑަ ކުރުމަށްޓަކައި ޕްލޭނެއް ހެދި، އެއަށް އަމަލު ކުރާ މަންޒަރެއް ފެނިފައި ނުވާކަމަށްވެސް ޖަލީލް ވިދާޅުވި އެވެ. 

މި އަހަރު ނިމޭ އިރު، ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާ އިރު، އަހަރު ނިމޭ އިރު ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 އިންސައްތަ އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ. އަދި ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން 93.8 އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ. 

އޭގެ އިތުރުން ޖަލީލް ވަނީ ރާއްޖޭގެ ދަރަނި އެހާ ބޮޑު އިރު، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ރާއްޖޭގެ ރިޒާވް ބޮޑުކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑުވެގެން ވެސް އެވްރެޖްކޮށް ހުންނަނީ ހަތަރު މަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ ކަމަށާއި މިއީ ކުޑަ އަދަދެއް ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި ރާއްޖެ އަށް ވުރެ ކުޑަ އިގްތިސާދުތަކުގައި ވެސް މިއަށް ވުރެ ރަނގަޅު ރިޒާވްގެ އަދަދު އެބަހުރިކަން ފާހަގަކުރައްވާ ޖަލީލް ވަނީ މޮރިޝަސް އާއި ސީޝެލްސް އާއި ބޫޓާން ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. 

ރާއްޖޭގައި ހަމައެކަނި ފެންނަނީ ޓޫރިޒަމް ސެކްޓާއަށް އަންނަ ޑައިރެކްޓް އިންވެސްޓްމަންޓްތައް ކަމަށް ފާހަގަކުރައްވައި ޖަލީލް ވަނީ ބޭރުގެ އިންވެސްޓްމެންޓްތަކުގެ ގޮތުގައި ޑައިރެކްޓް އިންވެސްޓްމެންޓާއި ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. ޖަލީލް ވަނީ ޕޯޓްފޯލިއޯ އިންވެސްޓްމަންޓްތަކަކީ ބޭރުގެ ގިނަ ފަރާތްތަކެއް ކުންފުނިތަކަށް އައިސް ގިނަ އިންވެސްޓްމަންޓްތައް ފެންނާނެ ދާއިރާއަކަށްވީ ނަމަވެސް ރާއްޖޭގެ އިގްތިސާދު ބައްޓަންކޮށްފައިވާ ގޮތުން އެފަދަ އިންވެސްޓްމަންޓްތަކަށް ފުރުސަތު ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޖަލީލް ވިދާޅުވީ ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް 16 "އިކޮނޮމިކް ޝޮކް" ކުރިމަތިވެފައި ވާކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކުވެސް ޝޮކުން އަރައިގަތުމަށް އެތައް މިލިއަން ޑޮލަރެއްގެ ލޯނު ބޭރުގެ މާލީ އިދާރާތަކުން ނަގާ ކަމަށެވެ. އަދި މިކަން މިހާރު މިވަނީ އާދައަކަށް ވެފައި ކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދު ކުރިއަރުވައި މާލިއްޔަތު އިތުރު ކުރުމުގައި އިތުރު ގޮތްތަކެއް ހޯދިފައިނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒިންމާދާރުކަމާ އެކު މާލިއްޔަތު ބެލެހެއްޓުން ނުވަތަ ފިސްކަލް ރެސްޕޮންސިބިލިޓީއެއް ނެތުން ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި މިކަން ބަދަލުވެގެން ނޫނީ އިންވެސްޓްމެންޓްތައް އިތުރުކޮށް ޕެންޝަން ފަންޑުން ލިބޭ ފައިސާ ފުޅާ ނުކުރެވޭނެ ކަމަށާއި މިކަން ހައްލު ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިސްކަލް ރެސްޕޮންސިބިލިޓީގެ މުހިންމުކަން ދަނެ އެކަމަށް މަސައްކަތް ކުރުމުން ކަމަށް ޖަލީލް ވިދާޅުވި އެވެ.  

ޖަލީލް ވަނީ ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން އިކޮނޮމިކް މިނިސްޓަރުކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރުކަމުގެ މަގާމުވެސް ޖަލީލް ވަނީ ފުރުއްވާފަ އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަން ވެސް ޖަލީލް ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް