އިމިގްރޭޝަން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ޖުލައި 24 ވަނަ ދުވަހުގެ ނިޔަލަށް 904 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ފާއިތުވި 10 ދުވަސް ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 ގައުމު އިމްގްރޭޝަނުން ހާމަކޮށްފައިވާ އިރު، ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ.
އެގޮތުން އިނގިރޭސި ވިލާތުން 117 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެމެރިކާއިން ރާއްޖެ އަށް 106 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
ޖަރުމަނު ވިލާތުން 73 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ސްވިޒަލޭންޑް އަދި ރަޝިއާ އިން އައިސްފައި ވަނީ 45 ފަތުރުވެރިން ނެވެ. ފިލިޕީންސް އިން 35 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
އޭގެ އިތުރުން ޔޫއޭއީ އަދި ސްޕެއިން ދެ ގައުމުން ވެސް މި 10 ދުވަހުގެ ތެރޭގައި 31 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، ހަންގޭރީ އިން 30 ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވެ އެވެ. އަދި 10 ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމު ކަމަށްވާ މިސްރުން މިހާތަނަށް އައިސްފައި ވަނީ 23 ފަތުރުވެރިން ނެވެ.
އިތުރު ގައުމުތަކުން 368 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ތިން މަސްދުވަހަށް ވުރެ ގިނަ މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު މިހާރުވެސް 12 އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ވަނީ ޝެޑިއުލް ކޮށްފަ އެވެ.
އޭގެ އިތުރުން، ރާއްޖެ އަށް އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން މިހާރު ހަފްތާ އަކު ފަސް ދަތުރު ރާއްޖެ އަށް ކުރަމުން އަންނަ އެމިރޭޓްސް އެއާލައިނުން ވަނީ އަންނަ މަހު އެ އެއާލައިން ރާއްޖެ އަށް ކުރާ ދަތުރުތައް ހަފްތާ އަކު ހަ ދަތުރަށް އިތުރުކުރަން ނިންމާފަ އެވެ.