ads
ގެސްޓް ހައުސްއެއް
ގެސްޓްހައުސްތަކުން ނުދައްކާހުރި ބިލްތައް ނޮވެމްބަރުން ފެށިގެން ދައްކާގޮތަށް ހަދައިފި
ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި ގެސްޓްހައުސްތަކުން ނުދައްކާ ހުރި ފެން އަދި ކަރަންޓު ބިލްތައް ނޮވެމްބަރު މަހުން ފެށިގެން ދައްކާ ގޮތަށް ހަދައިދީފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ ބަލިމަނޑުކަމުގެ ސަބަބުން އެހާ ގިނަ ދުވަސްތަކެއް ވަންދެން ގެސްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ގިނަގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

ވަކިން ހާއްސަކޮށް ގެސްޓްހައުސް ތަކުގެ ކަރަންޓު ބިލްތަކާއި ފެން ބިލްތަކުގެ ޕެންޑިން އަދަދު ބޮޑުވެ އެކަމަށް އެކަށީގެންވާ ލުއިތަކެއް ލިބިފައިނުވުމުން އެކަމަށް ލުޔެއް ހޯދައިދިނުމަށް އެ އެސޯސިއޭޝަންގައި ގެސްޓްހައުސްތަކުން އެދުނު ކަމަށް ގޭމް އިން ބުނެ އެވެ. 

އަދި ގެސްޓްހައުސްތަކުގެ ކަންބޮޑުވުން އެ އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި ހިއްސާކުރުމުން އެކަމަށް އެކަށީގެންވާ ޖަވާބެއް ބުރާސްފަތި ދުވަހު މިނިސްޓްރީ ދިން ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމުގައި މި މައްސަލައަށް ލުއި ލިބިގެން ދިޔަ ކަމަށް ގޭމް އިން ބުނެ އެވެ. 

އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހާއި ހަމަ އަށް ނުދައްކާ ހުރި ބިލްތަކަށް ދައްކަންޖެހޭ ފައިސާ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހަށް ބަހާލައި ދިނުމަށް ބައްދުލުވުމުގައި އެދުމުން ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިން އެބަސްވެފައިވާ ކަމަށް ގޭމް އިން ބުނެ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ލޮޅުމާއި އެކު ގެސްޓްހައިސް އިންޑަސްޓްރީ އަށް ވަނީ ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް