ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް
މިއަހަރުގެ މިހާތަނަށް ދިހަ ފުލުހެއްގެ ބަދުއަހުލާގީ މައްސަލަތަކެއް ކޭސްކޮށްފައިވޭ!
މި އަހަރުގެ މިހާތަނަށް ދިހަ ފުލުހެއްގެ ބަދުއަހުލާގީ މައްސަލަ ކޭސް ކުރެވިފައި ވާކަމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޕީއެސްސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 44 ފުލުހެއްގެ ބަދުއަހުލާގީ މައްސަލަ ވަނީ ކޭސް ކޮށްފަ އެވެ. 

އެގޮތުން މި އަހަރު މިހާތަނަށް 10 މައްސަލަ ކޭސްކޮށްފައި ވާއިރު، 2019 ވަނަ އަހަރު ކޭސް ކޮށްފައި ވަނީ ނުވަ މައްސަލަ އެކެވެ. އަދި 2018 ވަނަ އަހަރު 13 ފުލުހެއްގެ މައްސަލަ ކޭސް ކޮށްފައި ވާއިރު، 2017 ވަނަ އަހަރު ކޭސް ކޮށްފައި ވަނީ ހަތް ފުލުހެއްގެ މައްސަލަ އެވެ. 2016 ވަނަ އަހަރު 5 ފުލުހެއްގެ ބަދުއަހުލާގީ މައްސަލަ ވަނީ ކޭސް ކޮށްފަ އެވެ. 

ބަދުއަހުލާގީ މައްސަލައެއްގެ ސަބަބުން އެއް ފުލުހެއްގެ ރޭންކު 2016 ވަނަ އަހަރު ދަށްކޮށްފައި ވާއިރު، އެ އަހަރު އިތުރު ތިން ފުލުހަކު ވަނީ ބަދުއަހުލާގީ މައްސަލަތަކެއްގެ ސަބަބުން ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު ދެ ފުލުހެއް ވަޒީފާ އަދާކުރާތަން ވަނީ ބަދުއަހުލާގީ މައްސަލަތަކުގެ ސަބަބުން ބަދަލުކޮށްފަ އެވެ. އަދި އިތުރު ދެ ފުލުހަކު އެ އަހަރު ވަނީ ބަދުއަހުލާގީ މައްސަލައިގައި ވަޒީފާ އިން ވަކިކޮށްފަ އެވެ. 

ބަދުއަހުލާގީ މައްސަލައިގެ ސަބަބުން އެއް ފުލުހެއްގެ ރޭންކު 2019 ވަނަ އަހަރު ދަށްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، ހަމަ އެ އަހަރު ބަދުއަހުލާގީ މައްސަލައިގައި ދެ ފުލުހަކު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. މި އަހަރުވެސް ދެ ފުލުހަކު ވަނީ ބަދުއަހުލާގީ މައްސަލައާއި ގުޅިގެން ވަޒީފާ އިން ވަކިކޮށްފަ އެވެ. 

މިއަހަރުގެ މިހާތަނަށް 18 ފުލުހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، 2019 ވަނަ އަހަރު ފިޔަވަޅު އަޅާފައި ވަނީ 40 ފުލުހަކަށެވެ. އަދި 2018 ވަނަ އަހަރު 36 ފުލުހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، 2017 ވަަނަ އަހަރު ވަނީ 58 ފުލުހަކަށް ފިޔަވަޅު އަޅާފަ އެވެ. އަދި 2016 ވަނަ އަހަރު 59 ފުލުހަކަށް ވަނީ އެކި މައްސަލަތަކުގައި ފިޔަވަޅު އަޅާފަ އެވެ. 

އޭގެ އިތުރުން 2016 ވަނަ އަހަރު ނަސޭހަތާއި އިންޒާރު 27 ފުލުހަކަށް ދީފައި ވާއިރު، 2017 ވަނަ އަހަރު 32 ފުލުހަކަށް ވަނީ ނަސޭހަތާއި އިންޒާރު ދީފަ އެވެ. އަދި 2018 ވަނަ އަހަރު 30 ފުލުހުކަށް ނަސޭހަތާއި އިންޒާރު ދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، 2019 ވަނަ އަހަރު ނަސޭހަތާއި އިންޒާރު ދީފައި ވަނީ 31 ފުލުހަކަށެވެ. މި އަހަރުގެ މިހާތަނަށް 15 ފުލުހަކަށް ނަސޭހަތާއި އިންޒާރު ދީފައިވާކަމަށް ޕީއެސްސީގެ ތަފާސްހިސާބުތައް ދައްކަ އެވެ. 

ޕީއެސްސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފުލުހުންގެ މައްސަލަތައް ޕިއެސްސީ އިން ކޭސް ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ތަފާތު އެކި މައްސަލަ ތަކުގައި 141 މައްސަލައެއް ވަނީ ކޭސް ކޮށްފަ އެވެ. އަދި 2016 ވަނަ އަހަރު 122 ފުލުހެއްގެ މައްސަލަތައް ކޭސް ކޮށްފައި ވާއިރު، 2018 ވަނަ އަހަރު ކޭސް ކޮށްފައި ވަނީ 127 މައްސަލަ އެކެވެ. 2019 ވަނަ އަހަރު 128 މައްސަލައެއް ވަނީ ކޭސް ކޮށްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 97 މައްސަލައެއް ވަނީ ކޭސް ކޮށްފަ އެވެ. 

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލާގައި ފާއިތުވި ފަސް އަހަރު 19 ފުލުހެއްގެ މައްސަލަ ވަނީ ކޭސް ކޮށްފަ އެވެ. އަދި ފޭރުމުގެ ތިން މައްސަލަ އެއް ކޭސް ކޮށްފައި ވާއިރު، އިހުމާލުވުމުގެ 81 މައްސަލައެއް ވަނީ ކޭސްކޮށްފަ އެވެ. 

އޭގެ އިތުރުން ވަޒީފާގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ 38 މައްސަލަ އެއް ފާއިތުވި ފަސް އަހަރު ކޭސް ކޮށްފައި ވާއިރު، މާރާމާރި ހިންގި 45 މައްސަލައެއް ވަނީ ފަސް އަހަރު ތެރޭގައި ކޭސް ކޮށްފަ އެވެ. ވައްކަން ކުރުމުގެ އަށް މައްސަލައެއް ވެސް ވަނީ އެ މުއްދަތުގައި ކޭސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް