ބަގީޗާ ކޮންސެޕްޓަކަށް ތަރައްގީކުރަމުންދާ އެ ޕާކު މި ހަފުތާގެ ތެރޭގައި ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަން ކަމަށް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، ޕީއެސްއެމްއަށް ވިދާޅުވެ އެވެެ.
ޝަމާއު ވިދާޅުވި ގޮތުގައި ޕާކުގެ ބޮޑު ބައި ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި އޭގެ ތެރޭގައި ދަވާދުލުމާއި ތަކެތި އެތުރުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޮނުޒިޔާރާތް ކޮޅުގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު އެތަނުގެ ބައެއް މަސައްކަތް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކުރިކަމުގެ ތުހުމަތު ސިޓީ ކައުންސިލުގެ މެމްބަރަކު ވަނީ ކޮށްފަ އެވެ.
މާލޭކޮޅުން ސިނަމާލޭ ބްރިޖަށް އަރާއި ދިމާލުގައި ތަރައްގީކޮށްފައިވާ އެ ޕާކުގައި ވަނީ ގިނަ އަދަދެއްގެ ގަސް އިންދާ ފެހިކޮށްފަ އެވެ.
ވަރަށް ހިތްފަސޭހަ ގޮތަކަށް ހަދާފައިވާ އެ ޕާކުގައި ޕޮންޑަކާއި ހިލް އެއްވެސް ހިމެނެ އެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބެންޗުތައް ވެސް ބަހައްޓާފައިވެ އެވެ. އަދި ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭ ގޮތަށް ލޭނެއް ވެސް ހަދާފައިވާއިރު ޕާކުގެ ވަކި ސަރަހައްދެއް ވަނީ ކަސްރަތުކުރުމަށް ހާއްސަ ވެސް ކޮށްފަ އެވެ.
އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން ފުރޮޅުލީ ގޮނޑީގައި ވެސް އުޅެވޭ ގޮތަށް ލޭނެއް ހަދާފައިވެ އެވެ. އަދި އުނދޯންޏާއި ހޮޅުއަށި ވެސް އެތަނުގައި ހަދާފައިވާއިރު ފާހާނާ ބަރިއެއް ވެސް ކުރެ އެވެ.