ads
ތުއްތު ޔޫންއަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފި
އިއްޔެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ދިވެހި ފިލްމީ ތަރި، މުހައްމަދު ޔުނާން، އޭނާގެ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނުމަށް މުލިއާގޭ ދޮށުގައި އާދޭސް ކުރުމަށް ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފެނިގެންނެވެ.

ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާއަށް ވަނީ ފުރާނަ ސަލާމަތްކުރަން އިތުރު ސާޖަރީއެއް ހަދަން ޖެހިފަ އެވެ. ކުއްޖާ ގޮވައިގެން  ޔުނާން އާއި އޭނާގެ އަންހެނުން އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބީ އިސް މީހަކާއި ބައްދަލުވެ، އެމީހުންގެ ދަރިފުޅަށް އާސަންދައިގެ އެހީގައި ބޭރަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދުމަށެވެ. 

އެކަމަކު ޔުނާން، އެ ވީޑިއޯ ހިއްސާކުރިއިރު އޭނާއާ އެތަނުގެ އިސް މީހަކާއި ބައްދަލުވެފައެއް ނުވެ އެވެ. ޔުނާން ބުނެފައިވާ ގޮތުގައި އާސަންދައިގައި ކުރެވުނު އާދޭސްތަކަށް އިއްޔެއާ ހަމައަށް އެއްބާރުލުން ލިބިފައެއް ނުވެ އެެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ ވައިރަލްވެ، ގިނަ ބަޔަކު ޔުނާންގެ ދަރިފުޅަށް، ފަންޑު ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނިކޮށް އާސަންދައިން ވަނީ އެ ކުއްޖާ ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފަ އެވެ. 

މިއަދު ޔުނާން، އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ދެން އެންމެ އަވަހަށް ޓްރިވަންޑްރަމަށް ބަލި މީހުން ގޮވައިގެންދާ ފްލައިޓުން އެ މީހުންނަށް ޖާގަ ލިބިފައިވާ ކަމަށް އާސަންދައިން ބުނެފައިވާ ކަމަށެވެ. 

އަދި އިންޑިއާގެ ކޮޗިންގައި ހުންނަ ލިސީ ހޮސްޕިޓަލަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫންކަމުން، އެންސްޕާގެ އެހީތެރިކަން ބޭސް ފަރުވާއަށް ލިބޭނެ ކަމަށް އާސަންދައިން ބުނެފައިވާ ކަމަށް ޔުނާން ވަނީ ބުނެފަ އެވެ. 

ޔުނާން ވަނީ އާންމު ރައްޔިތުންނާއި އެކި މުވައްސަސާތަކުން އިސް ނަގައިގެން އޭނާގެ ދަރިފުޅަށްޓަކައި ކޮށްދިން މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ދަރިފުޅުގެ ހައްގުގައި އޭނާ ކުރި މަސައްކަތަކީ ބޭކާރު މަސައްކަތަކަށްވިޔަ ނުދޭނެ ކަމަށާއި މާތްﷲ ގެ އިރާދަފުޅާއެކު ދަރިފުޅަށް އަވަސް ޝިފާއެއް ލިބި، ދަރިފުޅު ގޮވައިގެން އަނބުރާ އާދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޔުނާން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް