ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
މި ސަރުކާރުގައި އިގްތިސޯދީ ވިސްނުމެއް ނެތް: ސައީދު
މި ސަރުކާރުގެ އިގްތިސޯދީ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ކުއްލި ބަދަލުތަކެއް ގެނައިކަމުގައި ވީނަމަވެސް އެއީ އިގްތިސޯދު ކުރިއަރުވަން ކުރި ކަމެއް ނޫން ކަމަށެވެ. 

އަދި އިގްތިސޯދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި، އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން މާބޮޑު ސަމާލު ކަމެއް ނުދޭ ކަމަށާއި ގާނޫނުތަކަށް ކުއްލި ބަދަލުތައް ގެންނަމުން މިދަނީ އެމްޑީޕީ މެންބަރުންގެ ވިޔަފާރީތަކަށް މަންފާވާ ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ.

 "އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ކުއްލި ބަދަލުތަކެއް ގެނައީ މާބޮޑު އިގްތސޯދީ ފޯކަސްއެއް އޮވެގެން ކަމަކަށް އަޅުގަނޑު ނުދެކެން. އޭގެ ބަދަލުގައި، ވަކި ވަކި ވިޔަފާރީތަކަށް އެމްޑީޕީގެ ސަރުކާރުން އެމީހުންގެ ހުރި ހިތް ނުތަނަވަސްވުމަކަށް ހައްލެއް ހޯދަދިނުމަށްޓަކައި ކުރެވުނު މަސައްކަތެއް ފާހަގަކުރެވިގެން ދިޔަ" ސައީދު ވިދާޅުވިއެވެ.

ގާނޫނުތަކަށް ކުއްލި އިސްލާހުތަކެއް މަޖިލީހުން ގެނައިކަމުގައި ވީނަމަވެސް ރަނގަޅު ކަންތައްތަކެއް ވެގެން ދިޔަ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް މުދާއުފުލޭނެ ނިޒާމެއް ގާއިމް ކުރުމަކީ މި ސަރުކާރުން ކުރި ރަނގަޅު ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިމަސައްކަތަކީ ކުރީ ސަރުކާރުން ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރައްވަން އުޅުނު މަސައްކަތެއް ކަމަށާއި ދެ ސަރަހައްދުގައި ޕޯޓުތައް ގާއިމްކޮށް ވިޔަފާރީ ފުޅާ ކުރުމަކީ ކުރީ ސަރުކާރުގެ ވިސްނުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ރައްޔިތުންނަށް ބޭނުން ހުރި މުހިންމު މަޝްރޫއުތަކެއްގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ސަރުކާރު ބަދަލުވެގެން ދިއުމާއި ގުޅިގެން އެ މަޝްރޫއުތައް އިތުރަށް ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް ދިމާވި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިހާރު ކުރިޔަށް އެ ގެންދަނީ ކުރީ ސަރުކާރުން ފައްޓާފައިވާ މަޝްރޫއުތައް ކަމަށާއި މިސަރުކާރުން އާ މަޝްރޫއެއްގެ މަސައްކަތް ފަށަފައި ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް