ads
ފޮޓޯ: ހެލްތް މިނިސްޓްރީ
ސިއްހަތާއި ގުޅުންހުރި އިލްމީ ދިރާސާއެއް ކުރެވޭނީ ހުއްދަ ހޯދައިގެން: ހެލްތު މިނިސްޓްރީ
ސިއްހަތާއި ގުޅުންހުރި އިލްމީ ދިރާސާއެއް ދިވެހިރާއްޖޭގައި ކުރާނަމަ ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލްގެ ހުއްދަ ހޯދުމަށް ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ހެލްތު މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ، ސިއްހީ ދާއިރާގެ އިލްމީ ދިރާސާ ކުރުމުގައި "ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލް" ގެ ހުއްދަ ހޯދުމާއި ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގަ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، އެ ކައުންސިލަކީ، ސިއްހީ ހިދުމަތްދޭ ތަނަކުން މެޑިކަލް ރިސާޗް ހެދުމުގައި ނުވަތަ ކްލިނިކަލް ޓްރަޔަލް ހެދުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތަކާއި، ސިއްހީ ދިރާސާއާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނުގެ 72 ވަނަ މާއްދާއިން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން އެކުލަވާލާފައިވާ، "ސިއްހީ ދިރާސާކުރުމާބެހޭ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެއް ކަމަށެވެ.

ސާކިއުލާގައި ވާގޮތުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކުން މެޑިކަލް ރިސާޗްގެ ބޭނުމަށް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ހިދުމަތް ދޭން އެދޭނަމަ، އެކަން ކުރަންވާނީ، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކީ، މެޑިކަލް ރިސާޗް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ދެވޭ ހިދުމަތަކަށްވާނަމަ، އެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން، ހިދުމަތް ލިބިގަންނަ ފަރާތަށް އެކަން ލިޔުމުން އަންގައި، އެކަމަށް އެފަރާތުގެ ރުހުން ހޯދަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސާކިއުލާގައި ބުނެފައިވަނީ، ރާއްޖޭގައި ސިއްހީ ދާއިރާގެ ސިއްހީ އަދި އިލްމީ ދިރާސާތައް ކުރަންވާނީ، އެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކަމަށް ހުއްދަ ހޯދުމަށްފަހު، އެ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ދިވެހިރާއްޖޭގައި ކުރާ ސިއްހީ އަދި އިލްމީ ދިރާސާތަކުގެ ސުލޫކު ބެލުމަށް މިނިސްޓްރީގައި ކަމާބެހޭ ފަންނީ ކައުންސިލެއް އެކުލަވާލާފައި އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ސިއްހީ ދިރާސާކުރުމާބެހޭ ގަވާއިދުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ސިއްހީ ދިރާސާތައް ހެދުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

އަދި ސިއްހަތާއި ގުޅުންހުރި އިލްމީ ދިރާސާއެއް ރާއްޖޭގައި ކުރަންވާނީ، ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލްގެ ހުއްދަ ހޯދުމަށް ފަހުގައިކަމަށާއި، ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި އެފަދަ އެއްވެސް ދިރާސާއެއް ކުރުމަކީ ސިއްހީ ދިރާސާގެ ސުލޫކީ މިންގަނޑާ ހިލާފުކަމެއްގެ ގޮތުގައި ކަޑައަޅާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް