ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ވަގުތު
ބޯހިޔާވަހިކަން: ސިޔާސީ ހަތިޔާރެއް ނޫން! އެއީ އިންސާނީ ހައްގެއް!
ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކުރީގެ ހައުސިން މިިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޕޯސްޓަރެއް ހިފަހައްޓައިގެން ހުންނެވި މަންޒަރެވެ. ފެނިގެންދަނީ "ފްލެޓް ފޭރޭ ސަރުކާރު 7000 ފްލެޓް ކާލައިފި" މިހެން ލިޔެފައިވާ ތަނެވެ.

ރާއްޖޭގައި ދިރިއުޅޭ އެތައް ހާސް ބަޔަކު މާލެ ސަރަހައްދަށް ޖަމާވެފައިވަނީ އެމީހުން ދިރިއުޅުނު ސަރަހައްދުތަކުގައި އަސާސީ ހިދުމަތްތައް ނެތި، ބަނޑުފުރާ މުއްތިކުރަން ފައިސާކޮޅެއް ހޯދަން ވަޒީފާވެސް ނެތުމުންނެވެ. ކަން މިހެން އޮތްއިރު، ފާއިތުވީ 40 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކު މާލެ ސަރަހައްދަށް ތޮއްޖެހި 'ސުލަމްތަކެއް' ގައި ދިރިއުޅޭއިރު ފެންނަ މަންޒަރަކީ ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހަކަމަކީ ސިޔާސީ ހަތިޔާރަކަށް ހަދައި ރައްޔިތުންގެ ޖަޒުބާތުތަކަކާއި ކުޅެލުމަށް މަސައްކަތްކުރާތަނެވެ. 

މުއިއްޒު ރޭ ހިއްޕަވައިގެން ހުންނެވި ބޯޑުން ވެސް އެ މަންޒަރު ވަރަށް ސާފެވެ. 

ކޮންމެއަކަސް މި ފޮޓޯ ދައުރުކޮށް ގިނަ ބަޔަކު ވަނީ އެ ވާހަކަ ދައްކަން އެބޭފުޅުން ޝަރުތު ހަމަނުވާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ. ތެދެކެވެ މުއްއިޒު ޝާމިލުވި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަށްވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހަލެއް ނުހޯދުނެވެ. ނުވަތަ މާލެއަށް ބަރޯސާ ނުވެ ރައްޔިތުންނަށް ދިރިއުޅެވޭނެ މަގެއްވެސް ހޯދައެއް ނުދެވުނެވެ.

އާންމު ރައްޔިތުންނެކޭ އެއްގޮތަށް އެކަންބޮޑުވުން ފާޅުކުރައްވާ، އުނގޫފާރު ދާއިރާގެ މެމްބަރު ވިދާޅުވެފައި ވަނީ "ލަދު ހަޔާތަކީވެސް އިންސާނެއްގެ ކިބައިގާ ހުރުން ވަރަށް ބޭނުންތެރި ސިފައެއް،" ކަމަށެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ވެސް ހިޔާ ފްލެޓުތަކުގެ އަޑުގަދަވި އެވެ. ސަރުކާރާއި އިދިކޮޅުގައި އިސްކޮށް އުޅުނު ފަރާތްތަކުގެ ބަހުގެ ހަމަލާތައް ސޯޝަލް މީޑިއާގައި ގަދަވި އެވެ. އިދިކޮޅުން ވަނީ ފްލެޓުތައް ނުދީ ގިނަ ދުވަސްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު މަސައްކަތް ކުރި ގޮތަށް ކުރިނަމަ، އެތަނުގައި މިހާރު މީހުން އާބާދުވާނެ ކަމަށް ވެސް ބުނެ އެވެ. 

މި ސަރުކާރު ވެރިކަމާއި ހަވާލުވެ، ވަނީ އެތަންތަން ހެދުމަށްޓަކައި ނެގި ލޯނު އަނބުރާ ދެއްކުމަށްޓަކައި 11000 ރުފިޔާގެ ކުއްޔެއް ނަގަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެކަމާއި ގުޅިގެން އިދިކޮޅުން ވަނީ އޭރުގެ ސަރުކާރުން ނިންމާފައި އޮތީ 5600 ރުފިޔާގެ ކުއްޔެއް ނަގަން ކަމަށާއި އެގޮތަށް ކަންކޮށްގެން ދެކޮޅު ޖެހޭނެ ކަމަށް ބުނެފަ އެވެ. 

މިއާއެކު ގަބޫލުކުރާނީ ކޮން ބަޔަކު ދައްކާ ވާހަކައެއްތޯ ނިންމަން ވެސް ދައްޗެވެ. ދެ ބައި މީހުންނަކީ ވެސް ހިޔާ ފްލެޓުގެ ކަންކަން އެންމެ ގާތުން ބެލުމުގައި އުޅުން މީހުންނެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބަ އޮތެވެ. ރައްޔިތުންގެ ހައްގުގައި 5600 ރުފިޔާއަށް ފްލެޓެއް ދޭނަމަ، އެކަން ނިންމާނީ ރިޔާސީ އިންތިހާބުން ބަލިވުމުން ނޫން ކަމެވެ. 

އިދިކޮޅުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ފްލެޓުގެ އަގުގެ މައްސަލަ ހޫނުވުމުން ދޫކޮށްލި ސިޓީން އެކަން ސާފެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީނު ވަނީ ފްލެޓުތަކުގެ އަގަކީ 5600 ރުފިޔާ ހެދުމުގައި އެއްވެސް މައްސަލަައެއް ނެތް ކަމަށް ކަނޑައަޅާއި، މުއިއްޒަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީ ފޮނުއްވާފައި ވަނީ 17 އޮކްޓޫބަރު 2018 ގައި ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެފެއާޒް، ޣައްސާން މައުމޫން ސޮއި ކުރައްވަ އެވެ. 

your imageރައީސް ޔާމީން، ފްލެޓުތަކުގެ އަގާއި ގުޅިގެން ޑރ. މުއިއްޒަށް ފޮނުއްވި ސިޓީ--

އެ އަހަރުގެ ރިޔާސީ އިންތިހާބު، އޮތީ އެ ސިޓީ ފޮނުއްވުމުގެ މަހެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ. އޭރު ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބުވެވަޑައިގެންފައިވާއިރު އެމަނިކުފާނާއި އޭރުގެ ހައުސިން މިނިސްޓަރުގެ ކުޑަވެސް އިހުލާސްތެރިކަމެއް ރައްޔިތުންނާއި މެދު ހުންނެވި ނަމަ އެގޮތަށް އަަމަލުކުރާނެކަމާއި މެދު ޝައްކެވެ. ރައްޔިތުންނާއި މެދު އެހާ ބޮޑަށް ކަންބޮޑުވެލައްވާނަމަ އެ ނިންމެވުން އިންތިހާބުގެ ކުރިން ނިންމެވީހެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމުކުރި ގޮތާއި މެދު ވެސް އާންމުންގެ ކަންބޮޑުވުން ހުރީ މިފަދަ ގޮތަކަށް އަމަލުކުރުމުންނެވެ. އަނބިމީހާ އާއި ފިރިމީހާ ވެސް ފްލެޓު ލިބުނު ލިސްޓުގައި ހިމެނިފައިވާއިރު އެ ލިސްޓު ވެސް އާންމުކުރީ، ވެސް އިންތިހާބުން ބަލިވި ފަހުންނެވެ. އަވަސް އަރުވާލައިގެން އެކަން ކުރުމުން އިތުރަށް ޝައްކުތައް ބޮޑުވެ، އާންމުން ކަންބޮޑުވާން ފެށުމުގެ ނަތީޖާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ފްލެޓު ދިނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް ކޮމިޝަނެއް އުފެއްދެވުމެވެ. 

އެކަމަކު ވެރިކަމަށް ދެ އަހަރު ވާންގާތްވެފައިވާއިރު އަދިވެސް އެކަން ބެލިފައެއް ނުވެ އެވެ. ފްލެޓުތަކާއި ގުޅިގެން މި ސަރުކާރުން ވެސް ދައްކަމުން ދަނީ ހުސް ވާހަކަ ކަމަށް ރައްޔިތުން ތުހުމަތުކުރާ ހިސާބަށް ކަންކަން ގޮސްފި އެވެ. 

ފްލެޓުތަކުގެ އަގު، 11000 އަށް ވުރެ ދަށްކުރާނަމަ އެތަނުގައި މައި ދޮރު ފިޔަވައި އިތުރު ދޮރެއް ނުހުންނާނެ އެވެ. ބޮކި، ފަންކާ ތަށި މުށި ޖަހަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ.

އަގުބޮޑުކޮށް ރައްޔިތުންގެ ފައިސާއިން އަނބުރާ ބޮޑެތި ލޯނުތައް ދައްކަން ޖެހޭއިރު މިއީ ރައްޔިތުންނަށް ހަމަ އެންމެ ހައްގު މިންވަރުތޯ އެވެ. ކޮންމެ ބަޔަކު ވެސް ކަމުން ރެކިގަންނަ މަންޒަރު ފެންނައިރު ހަގީގަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ މިހާ ބޮޑުވެފައި މިވަނީ ސަރުކާރުންތަކުންވެފައިވާ އިހުމާލުގެ ބޮޑުކަމުން ކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް