ads
ވެމްކޯ މުވައްޒަފުން މަގު ސާފު ކުރަނީ--
ކުނި ކަހަން ނިކުންނަ ވެމްކޯގެ އަންހެން މުވައްޒަފުންނަށް ތައުރީފު ހައްގު
އެއް ލައްކަ ފަސްދޮޅަސް ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ މަގުމައްޗަށް ބަލާލި މީހަކު ދެރަވާނެއެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެންދާނީ އާންމުން އަޅާފައި ހުރި ކުންޏެވެ. މީގެ ކުރިން އެކުނިތައް ނަގާނީ މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާ ބިދޭސީ މީހުންނެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ.
އެއް ލައްކަ ފަސްދޮޅަސް ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ މަގުމައްޗަށް ބަލާލި މީހަކު ދެރަވާނެ އެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދާނީ އާންމުން އަޅާފައި ހުރި ކުންޏެވެ. މީގެ ކުރިން އެ ކުނިތައް ނަގަނީ މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާ ބިދޭސީ މީހުންނެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ.

ކޮންމެ ރެއަކު، އަހަރުމެންނަށް ފެންނަ އެއް މަންޒަރަކީ ވެމްކޯގެ އަންހެން މުވައްޒަފުން މަގުމައްޗަށް ނިކުމެ މާލޭގެ މަގުތަަކަށް އަޅާފައި ހުންނަ ކުނިތައް ސާފު ކުރާ މަންޒަރެވެ. ވެހޭހާ ވާރޭ އެެއްގައި އެ އަނދިރީގައި އެއްވެސް ޖެހިލުމެއް ނެތި މަސައްކަތުގައި އުޅޭ އަންހެނުންނެވެ.

ކުނި ކެހުމަށް އެކި ސަރަހައްދުތަކަށް އެކި ގްރޫޕްތައް ކަނޑައަޅާފައި ހުންނައިރު ކޮންމެ ގްރޫޕަކުން ވެސް ކުނި ކަހާ ސާފު ކުރަނީ އެ ގްރޫޕަކަށް ހަވާލުކޮށްފައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް ބައެއް ފަހަރު އެހެން ސަރަހައްދުތަކުން ކުނި ކަހަން އަންނަ މީހުން މަދުވުމުގެ ސަބަބުން އެ ސަރަހައްދު ވެސް ސާފު ކުރުމަށް ދެއެވެ.

"އާންމުކޮށް އެންމެ އަވަސް ވެގެން ވެސް ކުނި ކަހާ ނިމޭނީ ފަތިހު ފަހެއް ޖަހާއިރު. ބައެއް ފަހަރު އެކަކުން ފެށިގެން ހަތަރު ގަޑި ކޮންމެވެސް އިރެއްގައި ވެސް ނިމޭ ދުވަސްތައް އާދޭ،" ވެމްކޯ އިން މަގުމައްޗަށް ކުނިކަހަން ނިކުންނަ އަންހެނަކު ބުންޏެވެ.

ސީއެންއެމްއާ ވާހަކަ ދެއްކި ވެމްކޯގެ އަންހެން މުވައްޒަފުން ބުނީ މިއީ އެ މީހުން ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެ މީހުން ބުނާ ގޮތުގައި ކޮންމެ ރެއަކު ވެސް ކުނި ކަހަން ނިކުންނައިރު އަނެއް ދުވަހު ދާއިރު ވެސް ވަރަށް ބައިވަރު ކުނި މަގުމައްޗަށް އުކާލާފައި ހުންނަ ކަމަށެވެ. އަދި އެ ކުނިތައް ކަހާ، އަނެއް ދުވަހު އެ ތަންނުން ދާއިރު އަނެއްކާ ވެސް ކުނި އަޅާފައި އޮންނަ މަންޒަރު ފެންނަ ކަމަށެވެ.

މީހުން ހޭލުންތެރި ވާން ޖެހޭ، މަގުމައްޗަށް ކުނި އެޅުން ހުއްޓަން ޖެހޭ:

ވެމްކޯގައި މަސައްކަތް ކުރާ އަންހެންވެރިން ބުނަނީ މިކަމަށް ހައްލެއް އަންނާނީ މީހުން ހޭލުންތެރިވުމުން ކަމަށެވެ. އެގޮތުން ކޮންމެ އެއްޗެއް ވެސް މަގުމައްޗަށް އުކާލާފައި ހުންނަ މަންޒަރު ފެންނަ ކަމަށާއި މަގުމައްޗަށް ކުނި އެޅުން ހުއްޓަން ޖެހޭ ކަމަށް އެމީހުން ބުނެ އެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން އަދި ސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ސާފުތާހިރުކޮށް ބޭއްވުމުގެ މަޝްރޫއުގެ ދަށުން މިހާރު އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ދަނީ މަގު މައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަމުންނެވެ.

ގާނޫނު ބުނާ ގޮތުން މަގުމައްޗަށް ކުނިއަޅާ ފުރަތަމަ ފަހަރު 300 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ. ދެވަނަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ. ނަމަވެސް ސުވާލަކީ މި ގަވައިދަށް އެންމެ ފުރިހަމައަށް އަމަލުކުރޭ ހެއްޔެވެ؟ ސަބަބަކީ މަގުމައްޗަށް މީހުން ކުނި އަޅަނީ އެއްވެސް ޖެހިލުމެއް ނެތި ހާމައަށް ކަމަށް ވާތީ އެވެ.

ޑަސްޑްބިންތައް ނެތުމަކީ ވެސް މީގެ އެއް ސަބަބެވެ. މާލޭގެ ބައެއް މަގުތަކުގައި ޑަސްޓުބިން ހުރި ނަމަވެސް ދެތިން މަގެއްގައި ޑަސްބިން ހުރުމުން ނުފުދޭނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިއީ ވެސް ތެދެކެވެ. މާލޭގައި މަދު މަގުތަކެއްގައި ޑަސްބިން ބެހެއްޓުމަކުން ނުފުދޭނެ އެވެ. މަގު މަތީގައި އުޅޭ މީހުން ކޮންމެ ފަހަރަކު ޑަސްބިނާ ހަމައަށް ދެވެންދެން އަތުގައި ކުނި ބަހައްޓައިގެން އުޅޭކަން ބޭނުމެއް ނުވާނެ އެވެ.

ޒިންމާ ނަގަމާ!

ވެމްކޯ މުވައްޒަފުން ބުނާ ފަދައިން މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ގޭތެރެ ހަޑިވުމުން ސާފުކުރުމަށް ފަހު ކުނިތައް މަގު މައްޗަށް ނެރުމުގެ ކުރިން ކޮންމެ މީހަކު ވެސް ވިސްނާލާށެވެ. ގޭތެރޭގައި ހުރެގެން ތިމާއަށް އުނދަގޫވި ކުނިތައް ބޭރަށް ނެރުމުން އެހެން މީހުންނަށް ވެސް އޭގެ އުނދަގޫ ވާނެ އެވެ.

"ސާފުތަނެއްގެ ގޮތުގައި މާލެ ބޭއްވޭނީ އެންމެންގެ އެއްބާރުލުން ވެސް ލިބިގެން،" ވެމްކޯގެ މުވައްޒަފަކު ބުންޏެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިން މިއަދު ނިކުންނަ އިރު މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ފަރުދެއްގެ ވެސް އެހީތެރިކަން ވެމްކޯގެ މުވައްޒަފުންނަށް ބޭނުން ވާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް